ތެދުމަގު އިޚްތިޔާރު ކުރުމުގެ މުހިންމުކަން މިއަދުގެ ޚުތުބާގައި ހަނދާން ކޮށްދީފި

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް މިއަދު އިމާމްވެ އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން: ޚުތުބާ އަޑުއެހުމަށާައި ނަމާދު ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް ދިޔަ -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މާތް ﷲ އަޅުތަކުންނަށް ބަޔާންކޮށްދެއްވާފައިވާ ދެ މަގުގެ ތެރެއިން ކޮންމެ މަގެއް ހިޔާރު ކުރުމުގެ އިޚްތިޔާރު އިންސާނުންނަށް އޮތް, ނަމަވެސް ތެދުމަގު އިޚްތިޔާރު ކުރުމުގެ މުހިންމުކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާން ކޮށްދީފިއެވެ.

އެގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، ކީރިތި ގުރުއާނުގައި ވެސް އެތައް ފަހަރަކު ތެދުމަގު ބަޔާންކޮށްދެއްވާފައި ވާކަމަށެވެ. ހަމަ އެފަދައިން، ނުބައި މަގު އިޚްތިޔާރު ނުކުރުމަށާއި، އެ މަގު އިޚްތިޔާރު ކޮށްފި ބަޔަކަށް ކުރިމަތިވެދާނެ ޢަޛާބުތައް ނުހަނު ގިނައިން ގުރުއާނުގައި އިންޒާރު ކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.

"އެހެންކަމުން ބޭނުން މީހަކު ކާފިރުވެގަންނާށޭ އޮތް ބަސްފުޅަކީ ގަދަފަދަ ޢަޛާބު އެބަޔަކަށް ހުރިކަމުގެ އިންޒާރު ކުރެއްވުމުގެ ބަސްފުޅެކެވެ،" ޚުތުބާގައި ބުންޏެވެ.

މަރު ހަނދުމަކޮށްދީ މިއަދުގެ ޚުތުބާގައި ބުނީ، އިންސާނާ މަރުވެ، ކަށްވަޅަށް ދާހިސާބުން އޭނާގެ ގިޔާމަތުގެ މަރުހަލާ ފެށުނީ ކަމަށެވެ. އެހެންކަމުން ކަށްވަޅު ވެގެންދާނީ އާޚިރަތުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލަށް ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެންކަމުން ސުވަރުުގޭގެ މަތިވެރި ނިޢުމަތް ހާސިލްކުރުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލިއެވެ. އަދި ދުނިޔެއަކީ މަސައްކަތް ކުރުމަށް އޮތް މައިދާނެއް ކަމަށާއި ޤިޔާމަތް ދުވަހަކީ ދުނިޔޭގައި ކުރި އަމަލުތަކުގެ ޖަޒާ ދެއްވާ ދުވަސް ކަން ވެސް މިއަދުގެ ޚުތުބާގައި ހަނދުމަ ކޮށްދިނެވެ.

މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"ޣިިޔާމަތް ދުވަހު ހެޔޮކަމަކައިގެން އައި މީހާ ދަންނާށެވެ. ފަހެ، އެމީހަކަށް އެއަށްވުރެ ހެޔޮވެގެންވާ ސަވާބު އާޚިިރަތުގައި ހުއްޓެވެ. އަދި އެދުވަހުން އެއުރެން ވަނީ، ހުރިހާ ބިރުވެރި ކަމަކުން އަމާންކަން ލިބިގެންނެވެ،"

comment ކޮމެންޓް