ދިވެހި ނޫސްވެރިން އިންޑިއާއަށް ފޮނުވައިގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުން އިންޑިއަން ހައިކޮމިޝަނާއެކު މަޝްވަރާ ކުރަނީ--- ފޮޓޯ/ މީޑިއާ ކައުންސިލް

ދިވެހި ނޫސްވެރިން އިންޑިއާއަށް ފޮނުވައިގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން އިންޑިއަން ހައިކޮމިޝަނާއެކު މަޝްވަރާކޮށްފިއެވެ.

ދިވެހި ނޫސްވެރިން ތަމްރީނު ކުރުމަށް އެ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، އިންޑިއާގެ ތައުލީމީ ޚިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތަކެއް ހޯދައިދިނުމަށް އެމްއެމްސީން މިއަދު ވަނީ އިންޑިއަން ހައި ކޮމިޝަނުގެ ބޭފުޅުންނާ ބައްދަލު ކޮށްފައެވެ.

އެ މަޝްވަރާގައި އެމްއެމްސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކައުންސިލްގެ ރައީސް އަޙްމަދު މުސްތަފާއާއި، ކައުންސިލް މެމްބަރު މުޙައްމަދު އަފްރާހުއާއި، މެމްބަރު މޫސާ ރަޝީދުގެ އިތުރުން މެމްބަރު އަރްމާން ރަޝީދު އަދި ސެކެޓްރީ ޖެނެރަލް ޑރ. އިބްރާހިމް ސަމީރްއެވެ.

އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ހައި ކޮމިޝަނަރު މުނޫ މަހާވަރުއާއި ފަސްޓް ސެކެޓްރީ ކަރަން ޔާދޭވް ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން އިންޑިއަން ހައިކޮމިޝަނާއެކު މަޝްވަރާ ކުރަނީ--- ފޮޓޯ/ މީޑިއާ ކައުންސިލް

އެމްއެމްސީން ބުނީ އެ ބައްދަލުވުމުގައި، އިންޑިއާގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމް ފެށުމަށާއި، ދާއިރާއާ ގުޅޭ އެހެނިހެން ޕްރޮގްރާމް ހިންގުމާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އޭގެ އިތުރުން ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް، ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނުކަމަށް އެމްއެމްސީން ބުންޏެވެ.

އެ ކައުންސިލުން ބުނީ އެ ބައްދަލުވުމުގައި ހައި ކޮމިޝަނަރު މަހާވަރު، ރާއްޖޭގެ ނޫސްވެރިންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެމްއެމްސީއަށް ދެއްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން އެމްއެމްސީއާ އިންޑިއާގެ ޕްރެސް ކައުންސިލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށް، ގުޅުން ބަދަހި ކޮށްދެއްވާ، އެ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ލިބޭނެ މަގު ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވެސް މަހާވަރު ވިދާޅުވި ކަމަށް އެ ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް