ފުލުހުންނަށް ފިލަންދިޔައީ ދެ ކޭސް ބަނގުރާ ދޫކޮށްލުމަށްފަހު

އެކްސިޑެންޓު ވުމުން ސައިކަލުގައި ތިބި ދެމީހުން ވަނީ ބަނގުރާ ފުޅިތައް ހުރި ކޭސްތައް ދޫކޮށްލުމަށް ފަހު ފިލައިގެން ގޮސްފައި--- ފޮޓޯ/ އެމްވީކްރައިސިސް

ހުޅުމާލޭގައި ދެ ކޭސް ބަނގުރާ އެއްލާލުމަށް ފަހު ދެ މީހަކު ފިލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު 'ސަން' އަށް ވިދާޅުވީ، ހުޅުމާލޭ ނިރޮޅުމަގު 13 ނަންބަރު ގޯޅިން، ދެ ކޭސް ބަނގުރާ ހިފައިގެން ސައިކަލެއްގައި ދިޔަ ދެމީހުން އެ ކޭސްތައް ދޫކޮށްލުމަށްފަހު ފިލާފައިވާ ކަމަށެވެ.

އެގޮތުން އެ ދެ މީހުންނަށް މަގުމަތިން ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން ފިލަންވެގެން ސައިކަލު ބާރަށް ދުއްވާލި ވަގުތު، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް ވެހިކަލެއްގައި ޖެހި އެކްސިޑެންޓުވިކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

އެ ދެ މީހުން ދިޔައީ ދެ ކޭސް ބަނގުރާ ހިފައިގެން ކަމަށާއި އެކްސިޑެންޓުވުމުން ސައިކަލުގައި ތިބި ދެމީހުން ބަނގުރާ ފުޅިތައް ހުރި ދެ ކޭސް ދޫކޮށްލުމަށްފަހު ފިލައިގެން ގޮސްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އާ އަހަރާއި ސްކޫލު ޗުއްޓީއާ ދިމާކޮށް، މަގުތައް ޕެޓްރޯލު ކުރުމުގައި ގިނަ އަދަދެއްގެ ފުލުހުން ދަނީ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލޭގައި ވެސް ފުލުހުން ދަނީ ހަރަކާތްތެރިވެ، މަސްތުވާތަކެއްޗާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން އަންގާރަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، 44 ބިޔަރު ދަޅާއި 36 ފުޅި ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު އަތުލައިގަނެ، ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

comment ކޮމެންޓް