މިއަހަރު މި ސަރުކާރުގެ ފުލެޓުތަކަށް މީހުން ވަންނާނެ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސައިން

ވެރި ރަށް މާލޭ ސަރަހައްދުގައި މި ސަރުކާރުން ފަށާފައިވާ ބައެއް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިމި، މިއަހަރު ތެރޭގައި އެތަނުން ބައެއް ފުލެޓުތަކުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރުމަށް އެޕާޓީގެ މައި ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން މާލޭ ސަރަހައްދުގައި ފަށާފައިވާ 8782 ފުލެޓުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ފަސް އަހަރު ނިމޭ އިރުގައި އަޅުގަނޑުމެން ހަދާ ފްލެޓުތަކުގެ ތެރެއިން ބަޔަކަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން، ދިރިއުޅެވޭ ވަރު ކޮށްދޭނަން." ރައީސް ވިދާޅުވިއެވެ.

މިހާތަނަށް އެއްވެސް ސަރުކާރެއްގައި އެ ސަރުކާރަކުން ފެށި ހައުސިން މަޝްރޫއެއް ނިންމައި ރައްޔިތުން ފްލެޓަށް ވައްދާފައި ނުވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެކަން މި ސަރުކާރުން ބަދަލުކުރާނެ ކަމަށެވެ.

މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދިނުމަށްޓަކައި ވެވަޑައިގަތް ވައުދު ވެސް ފުއްދަވާނެ ކަމުގެ ޔަގީން ކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

4 ޖެނުއަރީ 2023: ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އެ މަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވަހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން

"ކަޑަ ޖަހައި، ބިން ވަކިކޮށް، ރޯނު ދަމައި މާލޭގެ ރައްޔިތުންނަށް މި ފަސް އަހަރުގެ ތެރޭގައި ދޭނަން" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކަށް ވެފައި އޮތީ މާލޭގައި 13،000-15،000 ފްލެޓް އެޅުމަށެވެ. ނަމަވެސް އެ މަޝްރޫއުތައް ލަސް ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެމްޑީޕީ ޕްރައިމަރީގައި ދެން ވާދަކުރައްވާ އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެންމެ ބޮޑަށް ފާހަގަކުރައްވާ އެއް ކަމަކީ އެއީއެވެ.

ހުޅުމާލޭގައި ކުރިއަށްދާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑު ދެ މަޝްރޫއު ހިންގަމުން ދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ.

ދެ ކުންފުނިން ޖުމުލަ 4،000 ފްލެޓު އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެ މަޝްރޫއުތައް ނިންމަން ސަރުކާރުން ކަނޑައަޅާފައި ވަނީ 2024-2025 އާ ދެމެދެވެ.

އެޕޯލޯ ހައުސިން މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް އެކެއް އަދި ދޭއްގައި އެޅުމަށް ހަމަ ޖެހިފައިވާ ކައުންސިލް ހައުސިން ޔުނިޓްގެ 120 ޔުނިޓާއި އެފޯޑަބަލުން ހައުސިން ޔުނިޓްގެ 220 ޔުނިޓާއި މިޑްރޭންޖުގެ 660 ޔުނިޓްގެ މަސައްކަތް ވެސް ދަނީ ހިނގަމުންނެވެ.

އެ ފުލެޓުތަކުން ބައެއް ފުލެޓުތައް މިއަހަރު އެއްކޮށް ނިންމާ، މީހުން ދިރިއުޅެވޭ ވަރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

comment ކޮމެންޓް