އަލް ނަސްރުގެ ފުރަތަމަ މެޗު ރޮނާލްޑޯއަށް ގެއްލިއްޖެ

ރޮނާލްޑޯ އަލް ނަސްރު ޖާޒީގައި----

ދާދިފަހުން އަލް ނަސްރަށް ބަދަލުވި، ޔޫރަޕު ފުޓުބޯޅަ ދުށް އެންމެ މޮޅު އެއް ފުޓޫބޯޅަ ކުޅުންތެރިޔާގެ ލަގަބު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް އެޓީމު މިރޭ ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އޭނާ އަލް ނަސްރަށް ބަދަލުވި ފަހުން އެޓީމު ކުޅޭ ފުރަތަމަ މެޗު އޭނާއަށް ގެއްލިފައިވަނީ ސަސްޕެންޝަންގެ ސަބަބުންނެވެ.

ރޮނާލްޑޯ ސަސްޕެންޑު ކޮށްފައިވަނީ އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު އެއްލާލުމުންނެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑު ބަލިވި މެޗުގައި އޭނާ ވަނީ އެވަޓަން ސަޕޯޓަރެއްގެ އަތުގައި އޮތް ފޯނެއް އަތުލައި އެއްލާލައިފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އިނގިރޭސި އެފްއޭއިން ވަނީ ރޮނާލްޑޯ ދެ މެޗަށް ސަސްޕެންޑުކޮށް ފަންސާސް ހާސް ޕައުންޑުން ޖޫރިމަނާކޮށްފައެވެ.

އެހެންވެ، އަލް ނަސްރު މިރޭ ސައުދީ ޕްރޯ ލީގުގައި އަލް ޓައީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. އެކަން ވަނީ ސައުދީ މީޑިއާތަކުން ވެސް ކަށަވަރު ކޮށްދީފައެވެ.

އޭނާއަށް މިރޭ ނުކުޅެވޭއިރު، ގިނަ ބަޔަކު ވަނީ މިރޭ ރޮނާލްޑޯ ކުޅޭނެކަމަށް އަލް ނަސްރު މެޗު ބެލުމަށް ޓިކެޓު ނަގައިފައެވެ. އެ ޓީމުގެ އަމިއްލަ ދަނޑު، މާސޫލް ޕާކުގައި ކުޅޭ އެ މެޗު ބެލުމަށް 28،000 މީހުން ވަނީ ޓިކެޓު ނަގައިފައެވެ. އެއީ އެއްފަހަރާ އެ ދަނޑަށް ވަދެވޭ އެންމެ ގިނަ އަދަދެވެ.

ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިއާގެ ގޮތުގައި ރޮނާލްޑޯ ސައުދީގެ އަލް ނަސްރަށް ބަދަލުވީ އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ ކޮންޓްރެކްޓެއްގެ ދަށުންނެވެ. މި ކޮންޓްރެކްޓުގެ ދަށުން އޭނާ އެ ކުލަބުގައި ދެ އަހަރާއި ބައިގެ މުއްދަތަކަށް މަޑުކުރާނެއެވެ.

އުމުރުން 37 އަހަރުގެ ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވީ، ފްރީ އެޖެންޓެއްގެ ގޮތުގައި މަހެއްހާ ދުވަސް ހުރުމަށްފަހުއެވެ. 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި ރޮނާލްޑޯ މެންޗަސްޓާ ޔުނައިޓެޑަށް ބަދަލުވިއިރު އޭނާއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަތް މަސް ދުވަސް އޮއްވައި ޔުނައިޓެޑުން އެ އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.

ޔުނައިޓެޑުން މި އެއްބަސްވުން ބާތިލުކުރީ ޓީމުގެ ކޯޗާއި މެނޭޖްމަންޓާ މެދު ރޮނާލްޑޯގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހާމަކޮށް އޭނާ ދިން އިންޓަވިއުއަކާ ގުޅިގެންނެވެ.

comment ކޮމެންޓް