އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންވަރު 92 ޕަސެންޓު އިތުރުވެއްޖެ

މަރުކަޒީ ބޭންކް އެމްއެމްއޭ އަށް މީހަކު ވަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވި ނަމަވެސް، ދަރަނީގެ ނިސްބަތް 92 ޕަސެންޓު އިތުރުވެއްޖެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން ހަތަރު މަހަކުން އެއް ފަހަރު ޢާންމުކުރާ ބުލެޓިން އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ ދަރަނީގެ ނިސްބަތް، އުފެއްދުންތެރިކަމުގެ ނިސްބަތާ އަޅާ ބަލާއިރު ހުރީ 91 އިންސައްތައިގައެވެ. އަދި، ތިން ވަނަ ކުއާޓާގައި އެ އަދަދު ވަނީ އެއް އިންސައްތަ އިތުރުވެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދަރަނީގެ ނިސްބަތް އިތުރުވެފައިވަނީ ސަރުކާރުގެ ޚަރަދުތައް އިތުރުވުމުގެ ސަބަބުންނެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބާލާއިރު، މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ ނިސްބަތް ވަނީ އިތުރުވެފައެވެ.

އެގޮތުން ނިމިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި ޖީޑީޕީގެ ނިސްބަތަށް 10.5 އިންސައްތައިގެ ކުރިއެރުމެއް ވަނީ އައިސްފައެވެ. އެއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 8.7 އިންސައްތައިގެ ކުރިއެރުމެކެވެ.

އުފެއްދުންތެރިކަމަށް އެންމެ ބޮޑު ޙިއްސާއެއް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ރާއްޖެއަށް 146،886 ފަތުރުވެރިން ޒިޔާރަތް ކުރިއިރު، އެއީ 2021 ވަނަ އަހަރުގެ ނޮވްމެބަރު މަހާ އަޅާ ބަލާއިރު އެއް އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ 29 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.

މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 12.3 އިންސައްތައިގައި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ އިރު، މި އަހަރުގެ އުފެއްދުންތެރިކަމުގެ ނިސްބަތް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ 7.6 އިންސައްތައިގައެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަޑިއެޅި ނަމަވެސް، މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

comment ކޮމެންޓް