ބޭރަން ހިންގުމާއި ހޭންޑް ފޫޓް އެންޑް މައުތު އަދިވެސް އެބަ ފެތުރޭ، ސަމާލުވޭ!

ހޭންޑް ފުޓް އެންޑް މައުތު ޖެހިފައިވާ ކުއްޖެއްގެ އަތް --

ބޭރަށް ހިންގުމާއި ހޭންޑް، ފުޓް އެންޑް މައުތު އަދިވެސް ފެތުރެމުންދާ ކަމަށާ، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ދިޔުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެެވެ.

އެޗްޕީއޭގެ ސީނިއާ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އަޒްހާނާ ސައީދު މިއަދު 'ސަން'އަށް ވިދާޅުވީ، ބޭރަށް ހިންގުމާއި، ހޮޑުލުން އަދި ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރޭ މިންވަރު ދަށަށް ގޮސްފައިވާ ނުވާ ކަމަށެވެ. ވުމާއެކު އެ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

ސްކޫލް ޗުއްޓީ ދުވަސްވަރު ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރުފަތުރު ކުރުން އިތުރުވުމާއި ގޭގެއަށް ޒިޔާރަތް ކުރުމާއި، މީހުން އެއްވެ އުޅުން އިތުރުވާއިރު ބަލިތަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މީގެ ކުރިންވެސް އެޗްޕީއޭއިން އެދިފައިވެއެވެ.

ހޭންޑް ފޫޓް އެންޑް މައުތުން ރައްކާތެރިވުން

ހޭންޑް ފޫޓް އެންޑް މައުތު ބައްޔަކީ ވައިރަހަކުން ޖެހޭ، ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ މީހަކަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އުޅޭ ތަންތަނުގައި އެ ބަލި ފެތުރުން އިތުރުވެގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް، ބޮލުގައި ރިއްސުމާއި، ކަރުތެރެ ފާރުވުމާއި، އަތްތިލައާއި ފައިތިލައިގައި ރައްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވުން ހިމެނެއެވެ. އޭގެ އިތުރުން ވަރުދެރަވުމާއި ކާހިތްނުވުމަކީ ވެސް ބަލީގެ އަލާމާތްތަކެވެ.

ހޭންޑް ފޫޓް އެންޑް މައުތު ޖެހިފައިވާ މީހާގެ ކުޅު، އަރިދަފުސް، ބޮޑުކަމުދާ ތަކެތި އަދި ފޮޅުން ނިކުންނަ ދިޔައިން ބަލި ފެތުރެއެވެ. އަދި ކެއްސާ ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ވެސް ބަލި ފެތުރެއެވެ. ބަލީގެ ވައިރަސް ހަށިގަނޑުގައި އަށަގަންނަތާ ތިނެއް ނުވަތަ ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށައެވެ.

ބަލިން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމާއި އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުމަކީ މުހިންމު ކަމެކެވެ. އޭގެ އިތުރުން ބަލި ޖެހިފައިވާ ކުދިން ބޭރަށް ނުގެންދިޔުމާއި ބޭނުންކޮށްފައިވާ ނެޕީ، ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުން

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަށް އަތް ދޮންނަން ޖެހެއެވެ. ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލު ކުރުމަށްފަހު ވެސް ސައިބޯނިލައިގެން އަތް ދޮވުމަކީ މުހިންމު ކަމެކެވެ. އަދި ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރީއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުމާއެކު ކާބޯތަކެތި ރައްކާކުރާ ތަނަކީ ސާފު ތަނެކަން ޔަގީން ކުރަން ޖެހޭނެއެވެ.

އެޗްޕީއޭއިން ބުނީ އެ ބަލިން ރައްކާތެރިވުމަށް ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން މުހިންމު ކަމަށެވެ. އަދި ކާބޯތަކެތި ހަލާކުނުވާނެހެން ރައްކާ ކުރުމާއި ކެއުމުގައި ވީހާވެސް ގިނައިން ތާޒާ ކާނާ ބޭނުން ކުރުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

އޭގެއިތުރުން ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން، ކްލޮރިނޭޓް ކޮށްފައިވާ ފެން، ވޯޓާ ސަޕްލައި ފެން ނުވަތަ ފެން ކައްކައިގެން ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެވެ.

އެ ބަލިތަކުގެ އިތުރުން ޑެންގޫ، ލޮލުރޯގާ އަދި ކޮވިޑުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ އޭޖެންސީން އެދެއެވެ.

comment ކޮމެންޓް