"ނާޒިލް! އަހަރެން..." މިޝްޔާއަށް ބުނެވުނީ އެހާހިސާބަށެވެ. ދެމީހުންނަށްވެސް ސިހުން ލިބުނީ ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި މީހަކު އެތެރެއަށް ވަނުމުންނެވެ. ދޮރާ ދިމާލަށް ދެމީހުންނަށްވެސް ބަލައިލެވުނީ އެއްފަހަރާއެވެ. އެއާއެކު ފެނުނު މީހެއްގެ ސަބަބުން ދެމީހުންނަށްވެސް ޝޮކެއް ލިބިގެން ދިޔައެވެ. އެތެރެއަށް ވަނީ ހާޝިމް ނޫން ދެވަނަ މީހެއް ނޫނެވެ. މިޝްޔާގެ ދެލޯ ބޮޑުވެގެން ދިޔައިރު، ކޮޅަށް ތެދުވި ނާޒިލްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ.

ހާޝިމްގެ މޫނުމަތިން ނާޒިލްއަށް ފެނުނު އަސަރުތަކުގެ ސަބަބުން އޭނާ އިތުރަށް ނުތަނަވަސްވާގޮތްވިއެވެ. އެ މޫނުމަތިން އޭނާއަށް ފެންނަ ހިނިތުންވުުމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންފަދަ ނުބައި ރޭވުމެއްކަމެއް ނާޒިލްއަކަށް ނޭނގުނެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ ހާޝިމް އެތަނަށް އެ ވަނީ އެތަނުގައި މިޝްޔާ އިންކަން އެނގިގެންކަމެވެ. ނާޒިލްއަށް ބުނާނެ އެއްޗެއް ނޭނގި ގަނޑުވެފައި ހުރެވުނުއިރު، މިޝްޔާއަށް ވެސް ބެލެނީ ހާޝިމްއަށެވެ. ހާޝިމް އެތަނަށް ވަންނަން ޖެހޭ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް އޭނާއަކަށް ނޭނގުނެވެ. ބިރާ ހާސްކަމުން މުޅި މީހާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ވެރިވާން ފެށި އިޙްސާސްތައް އޭނާގެ މުޅިހަށިގަނޑުގެ ހުރިހާ ސެލްތައް ވެސް ހިޞާރުކުރަމުން ދިޔަ ފަދައެވެ. ހިތްދިރުވައިލަމުން އޭނާ އެއްއަތުން އަނެއްއަތުގައި ހިފައްޓައިލިއެވެ. މުޅި މީހާގެ ހަށިގަނޑަށްވެސް މަޑުމަޑު ތުރުތުރު އެޅުމެއް ވެރިވެގެން ދިޔައެވެ.

ނާޒިލްއާއި މިޝްޔާއާ ދެމީހުންނަށް ބަލަމުން ދިޔަ ހާޝިމްއަށް އެ ދެމީހުންގެ މޫނުމަތީގައިވީ އަސަރުތައް ދެނެގަނެވުނެވެ. ނާޒިލްއަށް ބަލައިލުމަށްފަހު، އޭނާ ފަޚުރުވެރި ކަމާއެކު ހިނިތުންވެލީ މިޝްޔާއާ ނާޒިލްއާ ދެމެދު އޮތް ގުޅުން އެނގިގެން ފަދަ ގޮތަކަށެވެ. ނާޒިލްގެ މޫނުމަތިން އޭނާއަށް ފެންނަނީ ހާސްކަމާއި ބިރުވެރިކަމެވެ. ހާޝިމްގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން ނާޒިލްއަށް އޭނާގެ ދެއަތް މުށްކަވައިލެވުނެވެ. މުޅި ހަށިގަނޑުގައި ދައުރުވާން ފެށި އިޙްސާސްތަކާއެކު، އޭނާއަށް ހަދާނެ ގޮތެއް ހުސްވިފަދައެވެ. އެތަނުން ނުކުމެގެން ދާން ބުނަން ވެސް އޭނާ ހުރީ ޖެހިލުންވެފައެވެ. ހާޝިމްގެ މޫނުމަތިން ބާޒީ އޮތީ އޭނާގެ އަތުގައޭ ބުނާ ކަހަލައެވެ.

އޭނާއަކީ ކާކުކަން މިޝްޔާގެ ކުރިމަތީގައި ހާޝިމް ހާމަކޮށްފާނެތީ، ނާޒިލް އިންތިހާ ޖެހިލުންވިއެވެ.

"ނާ...ނާޒިލް. އޭނަ ކީއްކުރަނީ؟" ހާޝިމް ކުރިއަށް ފިޔަވަޅެއް އަޅައިލުމާއެކު، މިޝްޔާ ތެދުވެގެން ގޮސް ނާޒިލްގެ ފުރަގަހުގައި ހުއްޓުނެވެ. ނާޒިލްގެ އެއް އަތުގައި މިޝްޔާ ހިފައްޓައިލުމާއެކު، ނާޒިލްއަށް އެއަތަށް ބަލައިލެވުނެވެ. އޭނާ މިޝްޔާގެ އަތުގައި މަޑުމަޑުން ހިފަައްޓައިލަމުން އެއަތަށް ބާރުކޮށްލިއެވެ. ނާޒިލްވެސް މިޝްޔާއާ ހަތަރު ކަޅި ހަމަކޮށްލުމަށްފަހު، ބޯ ޖަހައިލީ އެއްވެސް ކަމެއް ނުވާނެޔޭ ބުނާ ފަދައަކުންނެވެ. އެހެންނަމަވެސް، އޭނާގެ ހިތުގައިވެސް ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. ހާޝިމް އޭނާގެ ކިބައިންވެސް ބަދަލު ހިފާނެއެވެ. ހާޝިމް ޖަލަށް ލުމުގެ ސަބަބަކީ އެމީހުންނެވެ. ހާޝިމް ބަންދުކުރި ދުވަހު އޭނާ ބުނި ބަސްތައް އަދިވެސް ނާޒިލްގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭރު އޭނާ ކިތަންމެ ކުޑަ ނަމަވެސް އަދިވެސް އެ ބަސްތައް އިއްޔެ ވީކަމެއްހެއް އޭނާގެ ސިކުނޑީގައި އެބަ ހުއްޓެވެ. ހައިފާއާ ނާޒިލްއާ ދެމީހުންނަށް ހުތުރުބަހަކުން މުޚާތަބް ކުރުމަށްފަހު، ހާޝިމް ބުނީ ޖަލުން މިނިވަންވެގެން އައިސް އެ ދެމީހުންގެ ދިރިއުޅުމަށް ވިހަލާނެކަމުގައެވެ. މިއަދު ނޫނީ މާދަންކަމުގައެވެ. ކިތަންމެ ގިނަދުވަހެއްވިޔަސް ހައިފާއާއި ނާޒިލްއާ އޭނާއަށް ދިން އަނިޔާ ހަނދާން ނައްތާނުލާނެ ކަމުގައެވެ. އުފާވެރިކަމެއް ލިބުނު ނަމަވެސް، ވިސްނައިގެން އުޅުމަށެވެ. ކޮންމެވެސް ދުވަހަކުން ވިހަލާ އެ އުފާވެރިކަން ނިގުޅައިގަންނާނެކަމުގައެވެ.

ހާޝިމްގެ އެ ބަސްތައް ޚިޔާލަށް ވެރިވުމުން ނާޒިލްގެ މުޅި ހަށިގަނޑު ފިނިވިއެވެ. ލޭގެ ހިނގުންވެސް ހީވީ މަޑުޖެހިލިހެންނެވެ. ހިނދުކޮޅަކު ސިކުނޑި މާޒީގެ ތެރެއަށް ޣަރަގުވަމުން ދިޔައެވެ. މިއީ ހާޝިމް އެ ބުނި ދުވަސްކަމުގައި އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ނާޒިލްގެ ހިތުގައި ރިއްސައިލިއެވެ. މިޝްޔާ ގެއްލިދާނެކަމުގެ ބިރާއެކު އޭނާއަށް ހަދާނެ ގޮތް ހުސްވިއެވެ.

"ނާޒިލް. އޭނަ ކީކުރަންތަ އެ އައީ؟" ނާޒިލް އެއްޗެއް ނުބުނެ ހާޝިމްއަށް ބަލަހައްޓައިގެން ހުންނަން ފެށުމުން މިޝްޔާ ނާޒިލްގެ އަތަށް ދަމައިލުމަށްފަހު، ބުނެލިއެވެ.

"އަ... ކީއްކުރަން މިތަނަށް... މިތަނަށް ތި އައީ؟" ނާޒިލްއަށް ވާހަކަ ދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ. އޭނާގެ އަޑުގައި ހުރި ޖެހިލުންވުން މިޝްޔާއަށް ފާހަގަވިއެވެ.

"މިޝްޔާ... ކުޑަ ވަގުތުކޮޅަކަށް ބޭރުގައި މަޑުކޮށްލެވޭނެތަ؟ އަހަރެން... އާނ..." ނާޒިލް އެހެން ބުނެލާފައި، މިޝްޔާއަށް ބަލައިލެވުނެވެ.

"ކީއްކުރަން މިޝްޔާ ބޭރަށް ފޮނުވަނީ؟ މިޝްޔާ ހުއްޓަސް އަހަރެމެން ދެމީހުންނަށް ވާހަކަ ދެއްކިދާއެއްނު. ނޫންތަ؟ އަހަރެން ބޭނުންވީމަ ނާޒިލްއާ ވާހަކަ ދެއްކެން ޖެހޭނެއެއްނު. " ހާޝިމް ބުނެލިއެވެ. އެ އަޑުގައިވަނީ ފަޚުރުވެރިކަމެވެ.

"ނާ. ނާޒިލް. އޭނަ އެ ދައްކަނީ ކޮން ވާހަކައެއް.؟ ކީކޭ އެ ކިޔަނީ؟" ހާޝިމްގެ ވާހަކަތަކުން ނާޒިލް އެއްޗެއް ނުބުނެ ހުންނަން ފެށުމުން މިޝްޔާއަށް ބުނެވުނެވެ.

"މިޝްޔާ. އައި އެމް ސޮރީ ބަޓް..."

"ނާޒިލް. މިޝްޔާއަށް ވެސް އަޑު އެހުމުގެ ފުސަތެއް ދީބަލަ! އަހަންނަކީ ކާކުކަން؟" ހާޝިމް އޭނާގެ މަގްސަދު ހާސިލްކުރުމުގެ ބޭނުމުގައި ބުނެލިއެވެ.

"ނާޒިލް؟ ކިހިނެއްތަ މިވަނީ؟." މިޝްޔާއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.

"މިޝްޔާއަށް އެނގޭނީ އަހަންނަކީ މިޝްޔާގެ ކާކުކަން... މިޝްޔާގެ ބޮޑުބޭބެ ނޫންކަަކަށް ނުހެދޭނެއެއްނު. ދެން މިހިރަ ނާޒިލް ކައިރީގައި އަހާބަލަ އަހަންނަކީ ނާޒިލްގެ ކާކުހޭ؟ އަހަންނާ ނާޒިލްއާ އޮތީ ކޮން ގުޅުމެއްހޭ؟" ހާޝިމް އޭނާގެ ފުރަތަމަ ހަމަލާ އަމާޒުކޮށްލުމާއެކު، ނާޒިލްއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. މިޝްޔާ ނާޒިލްއަށް ގޮވައިލަމުން ސުވާލުކޮށްލިއެވެ. ނާޒިލްގެ މޫނުމަތިން އޭނާއަށް ފެނުނު އަސަރުތަކުންނާ އެ ހަމަހިމޭންކަމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމުގައި އޭނާގެ ހުރިހާ ހިއްސުތަކެއްވެސް ބުނެދެމުން ދިޔައެވެ.

"ޕްލީޒް. ނާޒިލް. އޭނަ އެ ކިޔަނީ ކީކޭކަން ބުނެދީ..." މިޝްޔާ ސުވާލުކޮށްލިއިރު، އެ އަޑުގައި ހުރި މަޑުމަޑު ތުރުތުރު އެޅުން ނާޒިލްއަށް ވެސް ފާހަގަވިއެވެ. ނާޒިލް މިޝްޔާއާ ދިމާލަށް އެނބުރުމަށްފަހު، މިޝްޔާގެ ދެލޮލަށް ބަލައިލުމާއެކު، މިޝްޔާއަށް ނާޒިލްގެ ދެލޮލުން ފެނުނީ ހިތާމައިގެ އަސަރުތަކެވެ. އެ ދެލޮލުން އޭނާއަށް ފެންނަމުން އެ ދާ އަސަރުތަކަކީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިވާ އަސަރުތަކެއް ނޫނެވެ. އެ ދެލޮލުގެ ތެރެއިން ކަރުނައިގެ އަސަރު މިޝްޔާއަށް ފެނުނެވެ. އެ ކަރުނަތައް އޭނާ މިޝްޔާ ދެކެ ލޯބިވާވަރު ބަޔާން ކުރަމުން ދިޔަ ފަދައެވެ.

"އައި އެމް ސޮރީ މިޝްޔާ! އައި ރިއަލީ ލަވް ޔޫ..." އެހެން ބުނެލުމަށްފަހު، ނާޒިލް މިޝްޔާގެ ކޯތާފަތުގައި އަތް ޖައްސައިލިއެވެ. އޭނާއަށް އިތުރު އެއްޗެއް ބުނާނެހާ ހިތްވަރެއް ނުލިބުނެވެ. ނާޒިލް އިސްޖަހައިލިއެވެ.

"ނާޒިލް ކީއްވެތަ މާފަށް ތި އެދެނީ؟" ވާނުވާ ނޭނގި ހުރި މިޝްޔާގެ ހިތް ބާރަށް ތެޅެމުން ދިޔައިރު، ނުލަފާ ވައްތަރަކަށް އެ ދެމީހުންނާ ދިމާލަށް ބަލަހައްޓައިގެން ހުރި ހާޝިމްއަށް ވެސް އޭނާ އިރުއިރު ކޮޅަކާ ބަލައިލަ އެވެ.

"އަހާބަލަ އަހަންނަކީ ކާކުހޭ ނާޒިލް ކައިރީގައި؟" ނާޒިލްއަށް އިޝާރާތްކޮށްލަމުން ހާޝިމް ބުނެލިއެވެ. މިޝްޔާ އަނެއްކާވެސް ނާޒިލްއާ އެ ސުވާލު ތަކުރާރު ކުރިނަމަވެސް، ނާޒިލް ހުރީ އިސްޖަހައިލި ގޮތަށެވެ. މިޝްޔާ ނާޒިލްގެ އަތުގައި ހިފާ ތަޅުވައިގަތްނަމަވެސް، ނާޒިލްގެ ފަރާތުން ޖަވާބެއް އޭނާއަކަށް ނުލިބުނެވެ.

"އޯކޭ! ނާޒިލް ނުބުނަންޏާ އަހަރެން ބުނެފާނަން... އަހަންނަކީ..."

"ކީއްވެގެންތަ ތިހެން ތި ކަންތައް ކުރަނީ؟" ހާޝިމްގެ ވާހަކަ ހުއްޓުނީ ނާޒިލް ވާހަކަ ދެއްކުމާއެކުގައެވެ. ހަޤީގަތުގައި ނާޒިލްއަށް މިޝްޔާގެ ކުރިމަތީގައި ހާޝިމް އެ ހަޤީގަތް ހާމަކޮށްލަންދެން ހުންނަން ކެތްނުވީއެވެ. އޭނާގެ ހިތް ހަލާކުވިނަމަވެސް، މިޝްޔާގެ ހިތް ހަލާކުވާކަށް އޭނާ ބޭނުމެއް ނޫނެވެ.

"މީ މިޝްޔާއަށް ވެސް އެނގެން ޖެހޭ ހަޤީގަތެކޭ. އުމުރު ދުވަހު ހުރިހާކަމެއް ސިއްރުކޮށްގެނެއް ނޫޅެވޭނެއެއްނު. މިއަދު ނޫނީ މާދަމާ އެނގޭނެ ހުރިހާކަމެއްވެސް. އެހެންވީމަ ރަނގަޅެއްނު މިވަގުތު ހުރިހާ ވާހަަކައެއް ކިޔައިދިނިއްޔާ...." ހާޝިމް އެެހެން ބުނެލުމުން، އޭނާ ގޮތް ދޫނުކުރާނެކަން ނާޒިލްއަށް ޔަޤީންވިއެވެ. އެއާއެކު އޭނާ މާޔޫސްވެ އާދޭހުގެ ބެލުމަކުން އެ ހަޤީގަތް ހާމަނުކުރުމަށް އެދި ހާޝިމްއަށް ބަލައިލިއެވެ. ނާޒިލްގެ އެ ނަޒަރު މާނަ ކުރެވުނު ހާޝިމްއަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އޭނާގެ ޙަޔާތުގެ ދުވަސްތަކެއް ޖަލުގައި ހޭދަކުރަން ޖެހުނު ސަބަބަކީ ނާޒިލްއާ ހައިފާއެވެ. އެ ހަނދާންތައް ވެރިވުމާއެކު، އޭނާގެ ލޭ ކެކިގަތެވެ.

"އަހަރެން މީ ނާޒިލްގެ ބައްޕަ!" އެހެން ހުރެލާފައި ހާޝިމް ހާމަކޮށްލި ހަޤީގަތާއެކު މިޝްޔާއަށް ނާޒިލްއަށް ބަލައިލެވުނެވެ. އޭނާއަށް ލިބުނީ ޝޮކެކެވެ. ހާޝިމްގެ އެ ވާހަކަ ގަބޫލުކުރާކަށް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ. އެ ހަޤީގަތް ގަބޫލުނުކުރުމަށް ހިތް ގޮވަމުން ދިޔައެވެ. ނާޒިލްގެ ހިމޭންކަމުން މިޝްޔާއަށް އުނދަގޫވިއެވެ. ނާޒިލް އެވާހަކަތައް ދޮގުކޮށް އެއްޗެއް ބުނަން މިޝްޔާ ބޭނުންވިއެވެ.

ނާޒިލްގެ އަތުގައި ހިފައްޓާފައިވާ މިޝްޔާގެ އަތުން ދޫކަމެއް އިޙްސާސްވުމާއެކު، ނާޒިލްއަށް މިޝްޔާއަށް ބަލައިލެވުނެވެ. އޭރުވެސް މިޝްޔާ ހުރީ ކުޑަކޮށް އޭނާގެ އަތުގައި ހިފައްޓާލައިގެންނެވެ.

"ނާޒިލް. ބުނޭ އޭ ދޮގެކޭ... ޕްލީޒް..." މިޝްޔާއަށް ނާޒިލްއަށް ބަލައިލަމުން އެހެން ބުނެލެވުނުއިރު، އެ ދެލޮލުގައި ވަނީ ކަރުނައެވެ.

"ހެޔޮނުވާނެ، ބުނޭ އޭ ދޮގެކޭ..." މިޝްޔާއަށް ރޮވެން ފެށުނެވެ. މިޝްޔާގެ ގިސްލުމުގެ އަޑު ކޮޓަރި ތެރެއަށް ވެރިވެގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ.

"އަހަރެން ގޮސްލާނަން!" އެހެން ބުނެލުމަށްފަހު، ހާޝިމް ނުކުތުމުން، ނާޒިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ހިތްވަރުކުރަމުން ދިޔަނަމަވެސް، މޭގައި އުފެދުނު ތޫނުރިހުމުގެ ސަބަބުން އެކަން ކުރަން ދަތިވިއެވެ. މިޝްޔާ ނާޒިލްގެ އަތުގައި ހިފާ ތަޅުވަމުން ދިޔަނަމަވެސް، ނާޒިލްގެ ފަރާތުން އެއްވެސް ޖަވާބެއް އޭނާއަކަށް ނުލިބުނެވެ.

"އެއީ.. އެއީ ތެދެއްތަ؟" އެންމެ ފަހުން ނާޒިލްގެ އަތުން ދޫކޮށްލުމަށްފަހު، ފަހަތަށް ފިޔަވަޅެއް އަޅައިލި މިޝްޔާއަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނެވެ.

"ލިޝްޔާ... އަހަރެން..." ނާޒިލް ކުރިއަށް ޖެހިލި ނަމަވެސް މިޝްޔާ އޭނާގެ އަތް ދައްކާލާފައި މަޑުކުރަން އެނގުމުން އޭނާއަށް ކުރިއަށް އެންމެ ފިޔަވަޅެއް އަޅާކަށްވެސް ނުކެރުނެވެ.

"އެހެންވީމަ މީތަ އެރޭ ނާޒިލް ބުނި ވާހަކައަކީ؟" މިޝްޔާއަށް އޭނާގެ ބޮލުގައި ހިފައްޓައިލެވުނެވެ. އޭނާ ދެކޯތާފަތް މައްޗަށް ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެމުން ދިޔަނަމަވެސް، އެ ކަރުނަތަކަކަށް ނިމުމެއް ނައެވެ.

"އަހަންނަކަށްވެސް ފުރަތަމަ ނޭނގެޔޭ މިޝްޔާ... އަހަރެން... އަދި ކުރިން ދުވަހު..." ނާޒިލް އަސަރާއެކު، މިޝްޔާއަށް ބަލައިލިއެވެ. އެއަށްފަހު، އަނެއްކާވެސް އޭނާގެ އަތް ދިއްކޮށްލަމުން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"އަހަންނާ ކައިރި ނުވާތި! ދުރަށް ދޭ، ދުރަށް ދޭ!" މިޝްޔާ އެހެން ބުނެލާފައި ދޮރާ ދިމާލަށް ދުއްވައިގަތުމުން، ނާޒިލް ގޮސް މިޝްޔާގެ އަތުގައި ހިފައްޓަމުން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"މިޝްޔާ ޕްލީޒް... އައި އެމް ސޮރީ. އަހަރެން މިޝްޔާ ދެކެ ލޯބިވީ އެ ހަޤީގަތް އެނގުމުގެ މާ ކުރިން... އެ ވާހަކަ ބުނާނެ ހިތްވަރު އަހަންނަށް ނުލިބުނީ އަހަރެން މިޝްޔާ ދެކެ އިންތިހާ ލޯބިވާތީ. ޕްލީޒް އަހަންނަށް އިތުބާރުކޮށްބަލަ!"

"އަހަންނާ ނާޒިލްއާ ދެމެދު އެއްވެސް ގުޅުމެއް ނުބޭއްވޭނެ! ދުވަހަކުވެސް. ޖަސްޓް ލީވް މީ. މި އޮތް ގުޅުންވެސް ނިމުނީ މީ..."

މިޝްޔާ ނާޒިލްގެ ދެލޮލަށް ބަލައިލުމަށްފަހު، ވެސް އެ އަތް ފޮޅުވާލާފައި ހިނގައިގަތެވެ. ނާޒިލްއަށް މިޝްޔާ ހުއްޓުވާކަށް ނުކެރުނެވެ. މިޝްޔާ ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރިއިރު އެ މަންޒަރުވެސް އޭނާއަށް ފެނުނީ ކަރުނައިގެ ސަބަބުން ފުސްވަމުން ދިޔަ ދެލޮލުންނެވެ. މިވަގުތު މިޝްޔާ އެކަނި ކޮށްލަން ކިތަންމެ ބޭނުންނުވި ނަމަވެސް، މިޝްޔާގެ އެ ބަސްތަކުގެ ސަބަބުން މިޝްޔާގެ ފަހަތުން ދާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ގައިގެ ވަރު ދޫވާހެން ހީވުމާއެކު، ނާޒިލްއަށް ގޮސް އޭނާގެ ގޮނޑީގައި އިށީނދެވުނެވެ.

ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލުމަށްފަހު، އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ފޯނު ނަގާ މާކިންގެ ނަންބަރު ހޯދައިލުމަށް ފަހުވެސް ޑައިލްކޮށްނުލާ ނާޒިލް މަޑުކޮށްލިއެވެ. އެހެންނަމަވެސް، އޭނާ ބުނާ އެއްޗަކުން މާކިން ވިސްނަފާނެ އެއްޗަކަށް ނުބަލާ ނާޒިލް ވިސްނީ މިޝްޔާއާ ދޭތެރޭގައެވެ. މިޝްޔާ މިވަގުތު މާކިންގެ އެހީތެރިކަން އިންތިހާ ބޭނުންވާނެކަން އޭނާއަށް އެނގެއެވެ.

"ހަލޯ މާކް! " ޑައިލްކޮށްލުމާއެކު ފުރަތަމަ ރިންގާއެކު މާކިން ފޯނު ނެގިއެވެ.

"މާކް. މިޝޫ އެ ދިޔައީ ނުކުމެގެން. މިވަގުތު އެއްވެސް އެއްޗެއް ކިޔައިދެވޭކަށް ނެތް. ޕްލީޒް އޭނަ ކައިރިއަށް ދޭބަަލަ!" ނާޒިލްއަށް އަވަސް އަވަހަށް ބުނެވުނެވެ.

"އެކަމަކު ވީ ގޮތް ކިޔައިދީބަލަ!" މާކިން ސުވާލުކޮށްލިއެވެ.

"ޕްލީޒް މާކް. ފަހުން ކިޔައިދޭނަން. އެކަަމަކު ޕްލީޒް ބީ ވިތް ހާރ މިގަޑީގައި. ދިޔަގޮތުން ހިޔެއްނުވޭ އަވަހަށް ގެއަށް ވެސް ގޮސްފާނެހެންނެއް. "ނާޒިލް އެހެން ބުނެލިއެވެ. މާކިން ފޯނު ބޭއްވުމުން އޭނާ ގޮނޑީގައި ލެނގިލިއެވެ.

*****

"ކިހިނެއްވީ؟"

ގޭގައި ނައިރާއާއެކު ހުރި މާކިން ނާޒިލްގެ ފޯނު ކޯލަށްފަހު ހާސްކަމާއެކު، މިޝްޔާއަށް ގުޅުމުން ނައިރާ ސުވާލުކޮށްލިއެވެ.

"މިޝޫއަށް ކޮންމެވެސް ކަމެއްވެއްޖެ! ނޭނގުނުވީ ގޮތެއް. ނުކުމެގެން ދިޔައޭ ބުނީ. އަހަރެން އެބަ އަންނަން އެނގޭ. މިޝޫ ގެއަށް އައިސްފިއްޔާ އަހަންނަށް ގުޅާފަ ހަބަރެއްވާތި!" މާކިން އެެހެން ބުނެލާފައި، އަވަސް އަވަހަށް ގެއިން ނުކުންނަން މިސްރާބުޖެހިއެވެ.

އެރޭ އެގާރަ ޖަހަން ގާތްވިއިރު ވެސް މިޝްޔާ ގެއަކަށް ނުދެއެވެ. ނާޒިލްވެސް އިރުއިރުކޮޅަކާ މާކިންއަށް ގުޅައެވެ. މާކިން ވީގޮތް ކިޔައިދޭން އެތައް ފަހަރަކު އެދުނު ނަމަވެސް، ނާޒިލްއަށް އެ ހިތްވަރެއް ނުލިބުނެވެ.

އެންމެ ފަހުން ތަންތަން ބަލަމުން ގޮސް މާކިން ހުއްޓުނީ އުސްފަސްގަނޑުގައެވެ. އޭނާ އެތަން ބަލަމުން ދަނިކޮށް ތަންކޮޅެއް ދުރުގައި އެކަނި އިން އަންހެން ކުއްޖެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އަވަސް އަވަހަށް މާކިން އެ ދިމާލަށް ހިގައިގަތީ އެއީ މިޝްޔާހެން ހީވުމުންނެވެ.

"މިޝޫ...." މިޝްޔާއާ ހިސާބަށް އަރާ ހަމަވެފައި މާކިން ގޮވައިލިއެވެ. އޭރުވެސް މިޝްޔާ ދިޔައީ ރޮމުންނެވެ. ތަން އަނދިރިކަމުން މިޝްޔާގެ މޫނުމަތީގައިވީ އަސަރުތައް ރަނގަޅަށް ނޭނގުނުނަމަވެސް، އެ ދެލޮލާ ކޯތާފަތުގައި ރަސްކަން ކުރަމުން ދިޔަ ކަރުނަތައް އޭނާގެ ލޮލުގައި އަޅައިގަތެވެ. މާކިން ކަންބޮޑުވުމާއެކު މިޝްޔާގެ އެއްފަރާތުގައި އިށީނދެ ވީގޮތާ ބެހޭގޮތުން ސުވާލުކުރަން ފެށިއެވެ. މީހެއްގެ އެހީތެރިކަމަށް އިންތިހާ ބޭނުންވެފައި އިން މިޝްޔާ މާކިންގެ ގައިގައި ބައްދައިގަތްފައި އެއަށްވުރެ ބޮޑަށް ރޯން ފެށުމުން މާކިން ކަންބޮޑުވިއެވެ.

"ކިހިނެއްވީ؟ މީހަކު އެއްޗެކޭ ކީތަ؟ ނާޒިލް އެއްޗެކޭ ބުނީތަ؟" މިޝްޔާ ސެޝަންއަށް ދިޔައިރު ވެސް ހުރީ ވަރަށް ހިތްހަމަ ޖެހިފައި ކަމުން، ކުއްލިއަކަށް އެހާ ބޮޑު ބަދަލެއް މިޝްޔާއަށް އަންނަން ޖެހުނު ސަބަބެއް ވިސްނާވިސްނާ ވެސް މާކިންއަކަށް ނޭނގުނެވެ. މިޝްޔާ އެއްޗެއް ނުބުނެއެވެ.

"މިޝޫ އެއްޗެއް ނުބުނަންޏާ ހިނގާ ނާޒިލް ކައިރިއަށް ދާން." އެތައް އިރަކު ރުއިފަހުންވެސް، މިޝްޔާ އެއްޗެއް ނުބުނުމުން މާކިން، އެންމެފަހުން މިޝްޔާ ގޮވައިގެން ތެދުވަން އުޅުމުން ނޫނެކޭ ބުނެ މިޝްޔާ ދެކޮޅުހެދިއެވެ.

"ކިހިނެއްވީތަ؟" މާކިން މިޝްޔާ ދުރުކޮށްލުމަށްފަހު، މިޝްޔާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު، ސުވާލު ކޮށްލިއެވެ.

"އައި ރިއަލީ ލަވް ހިމް ދޮންބޭ... އަހަރެން ވަރަށް ލޯބިވޭ..." މިޝްޔާ ބުނެލިއެވެ. މާކިން މިޝްޔާގެ އަތުގައި ހިފައްޓައިލަމުން އެއީ ކާކުތޯ ސުވާލު ކޮށްލިއިރުވެސް އޭނާގެ ހިތުގައިވަނީ ނާޒިލްގެ ނަމެވެ.

"އަހަރެން ނާޒިލް ދެކެ ވަރަށް.... ވަރަށް ލޯބިވޭ...."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު