ކުރިއަށް އަދި ބައިވަރު މެޗު އެބަހުރި، ޓީމަށް އިތުރު ފޯވާޑެއް ބޭނުންވޭ: ޓެން ހާގް

އެރިކް ޓެން ހާގް---

ސީޒަންގައި އަދި ބައިވަރު މެޗު ކުޅެން އެބަހުރިކަމަށާއި، ޓީމަށް އިތުރު ފޯވާޑެއް ބޭނުންވާނެކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

އޭނާ ބުނީ ޔުނައިޓެޑަށް ފޯވާޑެއް ބޭނުންވި ނަމަވެސް އެ ޓީމަށް ގެންނާނީ ތަފާތު ދެއްކޭ ވަރުގެ މޮޅު ކުޅުންތެރިއެއްކަމަށެވެ.

އެހެން ނޫންނަމަ ކުޅުންތެރިއެއް ހޯދުމަށް ކުރާ މަސައްކަތްވާނީ ބޭކާރު މަސައްކަތަކަށް ކަމަަށް ވެސް ޓެންހާގް ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ ޓީމު ވަރުގަދަ ކުރުމަށް ބޭކާރު ހަރަދުކުރަން ބޭނުން ނުވާކަމަށެވެ.

ޔުނައިޓެޑުން ފޯވާޑެއް ހޯދުމަށް މަސައްކަތްކުރަނީ ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުން ހުސްވި ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހަށް ގަތަރުގައި ކުރިއަށްދިޔަ ވޯލްޑްކަޕްގައި ޕޯޗުގަލްއިން ކުޅުނު ފުރަތަަމަ މެޗު ފެށެން 24 ގަޑިއިރަށް ވެފައި ވަނިކޮށް، ޔުނައިޓެޑުން ވަނީ ރޮނާލްޑޯއާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި އެ ޓީމުން އޭނާ ދޫކޮށްލިކަން އިއުލާނުކޮށްފައެވެ.

އެހެންކަމުން ޔުނައިޓެޑުން މަސައްކަތްކުރަނީ ސްޕެއިންގެ ޒުވާން ފޯވާޑް ޑެނީ އޮލްމޯގެ ސޮއި ހޯދާށެވެ. މީގެ އިތުރުން ސެޕެއިންގެ މީޑިއާތަކުން ރިޕޯޓުރާ ގޮތުގައި އޮލްމޯ ގެނައުމަށް ޔުނައިޓެޑުގެ ކޯޗު ޓެން ހާގް ވެސް ވަރަށް ބޮޑަށް ޝައުގުވެރިވެއެވެ.

ޓެން ހާގް އަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، އެ ކުޅުންތެރިންނާއެކު ކާމިޔާބީއަށް ވާސިލްވުމަށް މަސައްކަތްކުރާ ކޯޗެއްގެ ގޮތުގައި މަޝްހޫރު ކޯޗެކެވެ. އަދި ކުރިމަގުގައި ކާމިޔާބު ހޯދޭނެ ވަރުގަދަ ޓީމަކަށް ޔުނައިޓެޑު ހެދުމަށް ބޭނުންވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

comment ކޮމެންޓް