ޗޮކްލެޓުގައި ލެޑް ހުރި ކަމަށް ބުނެ ހާޝީސް ގޮވައިން ކޯޓަށް!

ޗޮކުލެޓުގައި އިންސާނުންނަށް ނުރައްކާތެރި އަދަދަކަށް ލެޑް ހުރި ކަމަށް ބުނެ އެމެރިކާގެ މަޝްހޫރު ޗޮކްލެޓް ކުންފުނި ހާޝީސް ގޮވައިގެން މީހަކު ކޯޓަށް ހިނގައްޖެއެވެ.

އެމެރިކާގެ މީހަކު ހާޝީސް ކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ ކޮންސިއުމާ ރިޕޯޓްސް ކިޔާ ގްރޫޕަކުން ނެރުނު ރިޕޯޓެއްގައި އެފަދަ ކަމަކަށް އިޝާރާތްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ބައެއް ޗޮކްލެޓް ކުންފުނިތަކުއް ނެރޭ ޑާކް ޗޮކްލެޓުތަކުގައި ހެވީ މެޓަލްގެ ބާވަތްތައް ހިމެނޭ ކަން ފާހަގަވެފައިވާ ކަމަށެވެ.

ނިއު ޔޯކަށް ނިސްބަތްވާ މީހެއް ކަމަށްވާ ކްރިސްޓޯފާ ލަޒަޒާރޯ ވަނީ އެމެރިކާގެ ބޮޑު ޗޮކްލެޓް ކުންފުނި ހާޝީސް އާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައެވެ. އަދި މީގެކުރިން އެ ކުންފުނިން ޗޮކްލެޓް ގިނައިން ގަނެފައިވާ ކަމަށާއި ޗޮކްލެޓުގައި ލެޑް ހުރިކަން ކުރިން އެނގުނު ނަމަ އެ ނުގަންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ކޮންސިއުމާ ރިޕޯޓްސްގެ ދިރާސާގައި ބުނާގޮތުގައި ޗޮކްލެޓްގެ ބާވަތުގައި ހާއްސަކޮށް ޑާކް ޗޮކްލެޓުގެ ބައެއް ބާވަތްތަކުގައި ލެޑް ހުރެއެވެ. މިއީ އޭގެ ޒާތުގައި ގޯސް އެއްޗެއް ނޫނެވެ. ނަމަވެސް އިންސާނާގެ ހަށިގަނޑަށް އެންމެ ގިނައިން ލިބެން ޖެހޭ މިންވަރަށް ވުރެ ގިނައިން ނުވަތަ މެކްސިމަމް އެލައުއެބަލް ޑޯސް ލެވެލް (އެމްއޭޑީއެލް) އަށް ވުރެ އިތުރަށް ބައެއް ބްރޭންޑުތަކުގައި ލެޑްގެ މިންވަރު ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހާޝީސްގެ ޑާކް ޗޮކްލެޓުގެ ބާވަތެއްގައި އެމްއޭޑީއެލް ހިމެނެން ޖެހޭ މިންވަރަށްވުރެ 265 ޕަސެންޓް ލެޑް އިތުރަށް ހިމެނެއެވެ.

ރިޕޯޓާ ގުޅިގެން ހާޝީސް އިން ބުނެފައިވަނީ އެ ކުންފުނިން ތައްޔާރުކުރާ ޕްރޮޑަކްޓުތަކަކީ ކެއުމަށް ރައްކާތެރި ޕްރޮޑަކްޓުތަކެއް ކަމަށެވެ. އަދި ޗޮކްލެޓަކީ އެތައް ގަރުނެއް ވަންދެއް ކެއުމަށް ބޭނުން ކުރަމުން އައި އެއްޗެއް ކަމަށާއި ޑާކް ޗޮކްލެޓަކީ ފައިދާ ވެސް ހުރި އެއްޗެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ނަމަވެސް ކްރިސްޓޯފާ، އެ ކުންފުންޏާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އެކުންފުނީގެ ފަރާތުން ވެސް އަދި ކްރިސްޓޯފާގެ ފަރާތުން ވެސް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް