ލަންކާގައި އުޅޭ ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން މަޝްވަރާކޮށްފި

ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލީ ފާއިޒު، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދީނީ މަޢުލޫމާތުދީ، ދީނީގޮތުން ހޭލުންތެރި ބަޔަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވަނީ ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަލީ ފާއިޒު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

މި މަސައްކަތުގެ ތެރެއިން ލަންކާގައި ހުންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާގައި ހުކުރު ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ނެރޭ ޚުތުބާ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާގުޅޭ ގޮތުންނާއި، ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށް ޤުރުއާން ކޯސްފަދަ ކޯސްތައް ހިންގޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރިކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޒާހިރު ވަނީ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން އިސްލާމްދީން ފެތުރުމާއި، އިސްލާމްދީނުގެ މަޢުލޫމާތުތައް ފޯރުކޮށްދީ، ޤުރުއާން ކޯސްފަދަ ކޯސްތައް ހިންގޭނެ ގޮތްތަކަށް ބައްލަވާލައްވައި އެކަންކަން ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

އަދި އިސްލާމީ ތަޢުލީމު ފޯރުކޮށްދީ، ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ލަންކާއަށް ވަޑައިގެން، ލަންކާގައި ތިއްބަވާ ދިވެހިންނަށް ދަރުސް ދެއްވުންފަދަ ކަންކަން ކުރެއްވޭނެ ގޮތްތައް ބައްލަަވައި، އެގޮތަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަން ފަހިކޮށްދިނުމަށްޓަކައި، ސަފީރާއި ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން، ސްޓޭޓް މިނިސްޓަރު މުޙައްމަދު އަނީލްއާއި ޕާމަނަންޓަ ސެކްރެޓަރީ އަހުމަދު އަދީލް ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް