ހުޅުމާލޭގައި ހެދި އޮފީސް އިމާރާތަށް ތިން މިނިސްޓްރީއެއް ބަދަލުކުރަނީ

ހުޅުމާލޭގައި ހެދި ސަރުކާރު އޮފީސް އިމާރާތުގެ ކުރެހުމެއް ---

ހުޅުމާލޭގައި ހެދި ސަރުކާރު އޮފީސް އިމާރާތަށް ތިން މިނިސްޓްރީއެއް މިމަހު ބަދަލުކުރަން ނިންމާ، އެ މަސައްކަތް ކުރަން މިނިސްޓްރީތަކަށް އަންގައިފިއެވެ.

ސަރުކާރު އޮފީސްތަކަށް ހުޅުމާލޭގައި އިމާރާތެއް ހެދީ ސަރުކާރުގެ ގިނަ އޮފީސްތަކެއް އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ބޮޑު ކުއްޔެއް ދީގެން ހިންގަން ޖެހޭތީ އެކަމަށް ހައްލެއް ގެނައުމަށްޓަކައެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު "ސަން" އަށް ވިދާޅުވީ ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ސަރުކާރު އޮފީސް އިމާރާތަށް ތިން މިނިސްޓްރީއެއް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ޖެންޑާ މިނިސްޓްރީއާއި، ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ އެއްކޮށް އެ އިމާރާތަން ބަދަލުކުރަން ނިންމައިފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި، އެ މަސައްކަތް މިމަހު 15ގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް މިނިސްޓްރީތަކަށް ވަނީ އަންގައިފައެވެ.

"ތަންތަން ބަދަލުކުރީއިރުގައި އިސްކަން ދީފައިވަނީ މިހާރު ކުއްޔަށް ތަންތަން ނަގައިގެން ހިންގާ މިނިސްޓްރީތަކަށް،" އޭނާ ވިދާޅުވިއެވެ.

ޖެންޑާ މިނިސްޓްރީ މިހާރު ހިންގަމުން އަންނަނީ، ގ. ބިއްލޫރި ޖެހިގެއާއި ސީޓްރެކް ބިލްޑިންގައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިންގަމުން އަންނަނީ ފެން ބިލްޑިންގައެވެ. އަދި، ޓްރާންސްޕޯޓު މިނިސްޓްރީ ހިންގަމުން އަންނަނީ ސްޓާ ސިނަމާ ބިލްޑިންގައެވެ.

ހުޅުމާލޭ ފޭސް އެެކެއްގައި 185 މިލިއަން ރުފިޔާގެ އެ އޮފީސް އިމާރާތް، އިމާރާތްކުރުމަށް ހަވާލުކުރީ 2019 ވަނަ އަހަރު ޗައިނާގެ ހުނާން އިންޖީނިއަރިންއާއެވެ.

އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގެ ބޮޑު މިނުގައި 25،000 އަކަ ފޫޓު ހުންނައިރު، މި އިމާރާތާއެކު ސަރުކާރު އޮފީސްތައް ހިންގަން ކުލި ދައްކަން ޖެހުމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެއެވެ.

ތިން މިނިސްޓްރީއެއް ހުޅުމާލެއަށް ބަދަލު ކުރި ނަމަވެސް އަދިވެސް ސަރުކާރުގެ ބައެއް އޮފީސްތައް ހިންގަނީ ކުއްޔަށް އިމާރާތްތައް ނަގައިގެންނެވެ.

comment ކޮމެންޓް