"އެބަ އަންނަން އިނގޭ. އޭނަ ދާން ވާއިރަށް...ވެއިޓް.. " އެހެން ބުނެފައި މާކިން ކާރުން ފައިބައިގެން ނާޒިލްގެ ކާރާ ދިމާލަށް މިސްރާބުޖެހީ މިޝްޔާ އެތެރެއަށް ވަނުމުންނެވެ. މިޝްޔާ ދާތަން ބަަލަން ކުޑަކޮށް ކާރުގެ ލޯގަނޑު ތިރިކޮށްލައިގެން އެ ދިމާލަށް ބަލަހައްޓައިގެން އިން ނާޒިލްއަށް ކާރުގެ ކަރިީގައި ހުއްޓި ކުޑަކޮށް ގުދުވެލި މާކިން ފެނުމާއެކު، ޝޮކެއް ލިބިގެން ދިޔައެވެ.

"މާ... މާކިން... ހައި..." އެގޮތަށް ކުއްލިއަކަށް މާކިން ފެނުމާއެކު، ނާޒިލްއަށް ލިބުނު ޝޮކާއެކު ވާހަކަ ދައްކަން އުނދަގޫވިއެވެ. އޭނާއަށް ވާހަކަ ދެއްކުނީ އަޅައަޅައި ގަންނަމުންނެވެ.

"ކީއްކުރަނީ މިތާ؟" މާކިން ނޭނގޭ ކަމަށް ހަދާފައި ސުވާލުކޮށްލިއެވެ.

"މީ.. މިހެން ދަމުން... ކައިރިކޮށްލީ..." އެ ޙާލަތުގައި ހާސްވެފައި އިންވަރުން ދޮގެއް ހަދާކަށް ވެސް ނާޒިލްގެ ސިކުނޑިއަކަށް ނައެވެ.

"ކަލޭ ކޮން ދޮގެއް ތި ހަދަނީ؟ މަށަށް ފެނުނީ މިޝޫ ދެންމެ މި ކާރުން ފައިބައިގެން ދިޔަތަން. ކޮންތާކުން އޭނަ ތިގެނައީ؟ މަގުމަތިންތަ؟" މާކިންގެ ސުވާލާއެކު، ނާޒިލްއަށް ހިނދުކޮޅަކު ވިސްނައިލެވުނެވެ. މާކިންގެ ކިބައިން އެންމެ އަވަހަށް ސަލާމަތްވާނީ އެގޮތްކަމުގައިވީތީ އޭނާ އާއެކޭ ބުނެލިނަމަވެސް، ނާޒިލްގެ މޫނުމަތީގައިވީ އަސަރުތަކުން ނާޒިލް އެ ހަދަނީ މުޅިއަކުން ތެދެއް ނޫންކަން މާކިންއަށް ދެނެގަނެވުނެވެ. އެހެންނަމަވެސް، އެކަމާ ބެހޭގޮތުން އޭނާ އެ ވަގުތު އިތުރު ސުވާލެއް ނާޒިލްއާ ކުރަކަށް ގަސްތެއް ނުކުރިއެވެ.

'އޭތް. މަ ދަނީ އިނގޭ..." ނާޒިލް އެހެން ބުނެލާފައި ލޯގަނޑު މައްޗަށް އަރުވައިލިއެވެ. މާކިންވެސް އޭނާ ފަހުން ގުޅާނެކަމަށް ބުނެ ކާރާ ދިމާލަށް ހިނގައިގަތެވެ. އޭނާ ގޮސް ކާރުގެ ދޮރުފަތް ހުޅުވާލާފައި އެރުމާއެކު ނައިރާ ސުވާލުކޮށްލިއެވެ.

"މިޝްޔާ ބޭރަށް ދިޔައިތަ؟"

"އެހެން ދޯ އެވީ. އޭނަ ތެދަށް ބުނީކީ ނޫން. ހީވަނީ ދެމީހުން އެއްކޮށް ހެން ދިޔައީ..." މާކިން ބުނެލިއެވެ. އޭނާ ކާރު ދުއްވާލާފައި ގޮސް ގޭޓުން އެތެރެއަށް ވައްދައިލިއެވެ. ކާރު ޕާކުކޮށްލާފައި ނައިރާއާ ދެމީހުން ގޮސް އެތެރެއަށް ވަތްއިރު، ގޭތެރޭގައި ވަނީ ހިމޭންކަމެކެވެ. މާކިން އާއި ނައިރާއާ ދެމީހުން ވަށައިގެން ބަލައިލުމަށްފަހު، ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. ސިޑިން މައްޗަށް އެރުމަށްފަހު މިޝްޔާގެ ކޮޓަރިއާ އަރާ ހަމަވެފައި، މާކިން މަޑުޖެހިލިއެވެ.

"ކިހނެއްވީ؟" ނައިރާ ސުވާލުކޮށްލިއެވެ.

"އަހަރެން ދަން އިނގޭ އެބަ މިޝޫ ކައިރިއަށް ވަދެލާފަ." މާކިން އެހެން ބުނެލުމުން ނައިރާ ހިނިތުންވެލާފައި އެމީހުންގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.

"މިޝްޔާގެ ކޮޓަރީގައި ދެފަހަރަކު ޓަކި ޖަހައިލުމަށްފަހު މާކިން، ދޮރުފަތް ހުޅުވައިލިއެވެ. އޭނާ އެތެރެއަށް ވަދެލިއިރު، މިޝްޔާ ހުރީ އެނދުކައިރީގައި ކޮޅަށެވެ. ހީވަނީ އޭނާ ޓަކި ޖަހާލީމާ އެނދުގައި އިށީނދެ އިނދެފައި ތެދުވީހެންނެވެ.

"ދޮންބޭ..." މިޝްޔާ އެހެން ބުނެލިއެވެ. އޭނާއަށް ހުރެވުނު ގޮތް ވިސްނައިލެވުމާއެކު، ކުޑަކޮށް ނުތަނަވަސްވިއެވެ.

"ހާދަ ރީތިވެގެން؟ ބޭރަށް ގޮސްފަތަ ތިއައީ؟" މާކިން ސުވާލުކޮށްލިއެވެ.

މާކިންގެ އެ ސުވާލާއެކު މިޝްޔާއަށް އިތުރު ހާސްކަމެއް ވެރިވެގެން ދިޔައެވެ.

"އާނ... ބޭރަށް... ގިސްފަ މިއައީ؟" މާކިންއަށް ބަލައިލަމުން މިޝްޔާ ބުނެލިއެވެ.

"އެކަނިތަ ދިޔައީ...؟"

"އާ... އާނ... ދެން ފޫހިވެގެން ނުކުމެލީ..." މިޝްޔާގެ ޖަވާބުން އޭނާއަށް ކަމެއް ސިއްރުކުރަނީކަން ޔަޤީންވި މާކިންއަށް އެނގުނުކަމަކީ، އެ ދެމީހުން ބޭރަށް ދިޔައީ އެކީގައިކަމެވެ. އެކަމަކު އެވަރަކުން އެވާހަކަ ސިއްުކުރަން ބޭނުންވާ ސަބަބެއް އޭނާއަކަށް ނޭނގުނެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި، ޝައްކުގެ އޮއިވަރެއް ހިނގައިގަތެވެެ. ނާޒިލްގެ ވާހަކަތަކުން އޭނާގެ ހިތުގައި އުފެދުނު ޝައްކު، އިތުރަށް ބޮޑުވެގެން ދިޔައީ މިޝްޔާ ހުރި ގޮތުންނެވެ. މީގެ ކުރިން މިޝްޔާ އަކީ ބޭރަށް ދިޔަކަމުގައި ވީނަމަވެސް، އެގޮތަށް ރީތިވެގެން ދާ ކުއްޖެއްނޫނެވެ. އަނެއްކޮޅުން ނާޒިލްއާ މިޝްޔާގެ ވާހަކަތައްވެސް ދިމައެއް ނުވިއެވެ.

"ހުރިހާކަމެއް ރަނގަޅުތަ؟" މާކިން ސުވާލުކޮށްލުމާއެކު، މިޝްޔާ ބޯ ޖަހައިލިއެވެ.

"ގުޑް ނައިޓް މިޝޫ..." މާކިން އެހެން ބުނެލުމަށްފަހު، ކޮޓަރިން ނުކުމެގެން ދިޔުމާއެކު މިޝްޔާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މާކިން ކޮޓަރި ދޮރުލައްޕާލާފައި ދިޔުމުން މިޝްޔާ އަށް އަނެއްކާވެސް އެނދުގައި އިށީނދެވުނެވެ. އޭނާ މެސެންޖާ ހުޅުވައިލުމަށްފަހު، ނާޒިލްއަށް މެސެޖެއްކޮށްލިއެވެ. އެރު އެ ތުންފަތްމަތީގައި ވަނީ ނުފިލާ ފަދަ ހިނިތުންވުމެކެވެ. މިޝްޔާ ބުނީ އޭނާ ނާޒިލްއަށް ޝުކުރުއަދާކުރަން ބޭނުންވާ ކަމުގައެވެ. އޭނާއަށް އެ ހިސާބަށް އާދެވުމަށް، މާކިންގެ އިތުރުން ދެން އެންމެ ބޮޑު އެހީތެރިކަމަކާއި އިތުބާރެއް ލިބުނީ ނާޒިލްގެ ފަރާތުން ކަމުގައެވެ. އޭނާ އެނާގެ ގޮތުގައި ނާޒިލް ބަލައިގަތީތީ އިންތިހާ ޝުކުރުވެރިވާކަމުގައި މިޝްޔާ ބުނެލިއެވެ. އޭނާ ދާދި އަވަހަށް ނާޒިލްއަށް ޖަވާބެއް ދޭނެކަމުގައިވެސް މިޝްޔާ ބުނެލިއެވެ. އެނދުގައި އޮށޯވެލުމަށްފަހު، މިޝްޔާ ދެލޯ މަރައިލިއެވެ. އޭނާއަށް ސިފަވީ ނާޒިލްގެ ސޫރައެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ލަދުވެތިކަމާއެކު މޫނުމަތީގައި އަތް އަޅައިލެވުނެވެ. ހިތް އެދެމުން ދިޔައީ މިހާރުން މިހާރަށް ނާޒިލްއަށް އާބަސް ދިނުމަށެވެ.

*****

"މިޝޫ ކައިރީގަ އަހާފަތަ ތިއައީ؟" ނައިރާ އެނދުމަތި ރީތިކޮށްލަމުން މާކިންއާ ސުވާލުކުރިއެވެ.

"އާނ... ބޭރުންނޭ ބުނީ..." މާކިން ބުނެލިއެވެ. އޭނާ ނައިރާއަށް ފުން ނަޒަރަކުން ބަަލައިލިއެވެ. ނައިރާ ކަައިރިއަށް ގޮސް ނައިރާގެ ފުރަގަހުން ބައްދައިލުމާއެކު، މާކިން ނައިރާގެ ކޯތާފަތަށް ބޮސް ދިނެވެ. މާކިންގެ އެއަމަލުން ނައިރާއަށް ކުޑަކޮށް ސިހުން ލިބުނެވެ. ނައިރާ ލަދުގަތްކަން މާކިންއަށް އެނގުނެވެ.

"އަދިވެސް ލަދުގަނޭ ދޯ.. ވަރަށް ލޯބި ތިހެން ލަދު ގަތީމަ..." މާކިން ނައިރާގެ ކަންފަތް ދޮށުގައި ވައިއަޑުން ބުނެލިއެވެ. ނައިރާގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔުމާއެކު، އޭނާގެ މުޅި ހަށިގަނޑުގައިވެސް ފިނިކަމެއް ދައުރުކޮށްލިއެވެ.

"މާކް..." އޭނާގެ ތުންފަތް ފޫދުއްވާލާފައި އެބަސްތައް ނުކުތެވެ. މާކިން ނައިރާ އޭނާއާ ދިމާލަށް އަނބުރުވާލުމަށްފަހު، ނައިރާގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސައިލިއެވެ. މާކިންގެ ހޫނު ނޭވާތައް ނައިރާގެ މޫނަށް އެޅެން ފެށުމާއެކު، ނައިރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ނައިރާގެ އެ ލަދުވެތިކަމާއި މައުސޫމުކަމުން، މާކިންގެ ހިތް ފުރިގެން އައެވެ.

"އައި ލަވް ޔޫ..." މާކިން، ނައިރާއާ އޭނާއާ ދެމެދު ވާ ދާއިރާ ހަނިކޮށްލަމުން ނައިރާގެ ތުންފަތަށް ލޯބިވެތި ހަދިޔާއެއް ދިނެވެ. މާކިން ދުރުކޮށްލަން ނޫޅި ނައިރާވެސް މާކިން އެ ދިން ދައުވަތު ގަބޫލުކުރިއެވެ.

"ޔޫ ލުކް ބިއުޓިފުލް..." އިރުގަނޑަކަށްފަހު، ދުރުވެެލާފައި ނައިރާގެ ނިތުގައި އޭނާގެ ނިތްކުރި ޖައްސައިލަމުން މާކިން ބުނެލިއެވެ. ނައިރާ ލަދުން އިސްޖަހައިލިއެވެ. މާކިން ނައިރާ ގެނެސް އޭނާގެ މެއާ ލާ ފިއްތައިލިއެވެ. އިރުކޮޅަކު އެހެން ހުރެފައި ނައިރާ ދުރުކޮށްލާފައި މާކިން އޭނާގެ އަތްދަނޑި މައްޗަށް ނައިރާ އުފުލާލައިގެން އެނދާ ދިމާލަށް ހިނގައިގަތްއިރު، ނައިރާ މާކިންގެ މޭގައި މޫނު ފޮރުވައިލިއެވެ. އޭރު އޭނާއަށް އޮވެވުނީ މާކިންގެ ގަމީހުގައި ބާރަށް ހިފައްޓާލައިގެންނެވެ.

*****

ނާޒިލް ގެއަށް ދިޔައިރު ހާފިޒު ސިޓިން ރޫމު ސޯފާގައި އޮފީހުގެ ލިޔެކިޔުންތަކެއް ނަގައިގެން ކޮންމެވެސް މަސައްކަތެއް ކުރަންއިނެވެ.

"ޑޭޑް... ހާދަ ބިޒީކޮށް؟ ކޮބާ މަންމަ؟" ނާޒިލް ސުވާލުކޮށްލިއެވެ.

"މަންމަ ނިދާފަ... މިއުޅެނީ އެންމެފަހުން ހަވާލުވި ޕްރޮޖެކްޓްުގެ ކުޑަ އިޝޫއެއް ދިމާވެގެން..." ހާފިޒު ބުނެލިއެވެ.

"ދަންވަރު އެހާވަރަށް މަސައްކަތް ކުރަންވާނެތަ؟ ހެހެ." ނާޒިލް ސުވާލުކޮށްލުމާއެކު، ހާފިޒު ހީލިއެވެ.

"ދަރިފުޅުވެސް ބިޒްނަސް ގެ ދާއިރާއިން ކިޔެވި ނަމަތާ ބައްޕައަށް ފަސޭހަ ވާނީ..." ލާނެތްގޮތަކަށް ހާފިޒު އެހެން ބުނެލުމުން ނާޒިލް ބޯ ކަހައިލިއެވެ. އެއަށްފަހު، އޭނާ ދަނީކަމަށް ބުނެ ހިނގައިގަތެވެ.

ކޮޓަރިއަށް ގޮސް ވަދެފައި އޭނާ ފޯނު ބަލައިލިއެވެ. މިޝްޔާގެ މެސެޖް ފެނުނީ ދެނެވެ. އޭނާ އަވަސް އަވަހަށް އެމެސެޖަށް ރިޕްލައިކޮށްލިއެވެ. އޭނާ އެދެނީ އަބަދުވެސް މިޝްޔާ އުފަލުގައި ހުންނަން ކަމުގައި ނާޒިލް ބުނެލިއެވެ. މިޝްޔާގެ ވީރާނާ ވެފައިވާ ހަޔާތް އުޖާލާކޮށްދިނުމަށް އޭނާއަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެކަމުގައި ނާޒިލް ބުނެލިއެވެ. އޭނާ ރިޕްލައިކޮށްލިހެން ހީނުވެ މިޝްޔާގެ ދެވަނަ މެސެޖެއްވެސް ލިބުނެވެ. ހިނިތުންވެފައިވާ މޫނަކައިގެން ނާޒިލް އެމެސެޖަށް ރިޕްލައިކޮށްލިއިރު، ހިތާ ހިތާ ދުޢާ ކިުރެވެމުން ދިޔައީ އޭނާއާއި މިޝްޔާ ގެ ދެމެދަށް އިތުރު މީހެއްގެ ހިޔަންޏެއް އެޅުނަ ނުދިނުމަށެވެ.

****

ޖެހިގެން އައި ހަފްތާގައި މިޝްޔާ އާދައިގެ މަތިން ސެޝަންއަށް ދިޔައީ މާކިންއާ އެކީގައެވެ. ކާރުގައި އިންއިރުވެސް އެހެން ދުވަސް ދުވަހާ ޚިޔާފަށް މިޝްޔާގެ މޫނުމަތިން އުޖާލާކަމެއް މާކިންއަށް ފެންނަމުން ދިޔައެވެ.

ހޮސްޕިޓަލަށް ވަދެގެން ދިޔަ މާކިންއާއި މިޝްޔާއާ ދެމީހުން އެތަނުގައި ހުރި ހާޝިމްގެ ލޮލުގައި އަޅައިގަތެވެ. އޭނާ އެ ދެމީހުންގެ ފަސް ފަހަތުން ހިނގައިގަތްކަމެއް އެ ދެމީހުންކުރެ އެކަކަށްވެސް ނޭނގެއެވެ. މާކިންމެން ދިޔައީ ސައިކޭޓްރީ ޑިޕާރޓްމެންޓާ ދިމާލަށެވެ. ހާޝިމްވެސް އެ ދިމާލަށް ހިނގައިގަތެވެ. މާކިން މިޝްޔާއާއެކު ނާޒިލްގެ ކޮޓަރިއަށް ވެސް ގޮސްވަނެވެ. އެ މަންޒަރު ބަލަން ހުރި ހާޝިމް ކޮޓަރީގެ ބޭރުގައި ލިޔެފައިވާ ނަން ބޯޑަށް ބަލައިލިއެވެ. އިނީ ނާޒިލްގެ ނަމެވެ.

މާކިން، ނާޒިލްއަށް ކުޑަކޮށް "ހައި" އެއްޖަހައިލުމަށްފަހު، ނުކުމެގެން ދިޔުމުން، މިޝްޔާ ގޮސް ސޯފާގައި އިށީނީ ނާޒިލް އެކަމަށް އިޝާރާތްކުރުމުންނެވެ. އެރޭގެ ފަހުން ފޯނުން ދެމީހުން އެކަކު އަނެކަކާ ވާހަކަ ދެއްކި ނަމަވެސް، އެގޮތަށް ދިމާވީ އަލަށްކަމުން ދެމީހުންނަށްވެސް ކުރެވެމުން ދިޔައީ ބުނެދޭން ނޭނގޭ އިޙްސާސްތަކެކެވެ. ދެ ހތުގެ ހިނގުންވެސް ވަނީ ބާރުވެފައެވެ. ދެހިތުގައި ޖަހަމުން ދިޔަ ކޮންމެ ވިންދެއްމެ ކޮންމެވެސް ވާހަކަތަކެއް ބުނެދޭން މަސައްކަތް ކުރާފަދައެވެ.

ސޯފާގައި އިށީން ނާޒިލްއަށް ބަލައިލުމަށްފަހު، މިޝްޔާ އިސްޖަހައިލިއެވެ. އޭރު އެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. މިޝްޔާ މިރޭ އެއައީ އޭނާ ނާޒިލްއަށް ފުރުސަތެއް ދޭން ނިންމައިގެންނެވެ. ނާޒިލްއާއެކު އުފާވެރި ހަޔާތެއް ބޭނުންވާކަމުގައި ބުނަން ހިތުލައިގެންނެވެ. އެ ހިތުގައި ނާޒިލްއަށްތަކައި ވާ އިޙްސާސްތަކަށް ފުރުސަތެއް ދޭން ނިންމައިގެންނެވެ. ޙަޔާތުގައި ދުވަހަކު ފިރިހެނަކަށް އިތުބާރުނުކުރަން އަމިއްލަ ނަފްސަށް ވައުދުވެގެން ހުރި މިޝްޔާ މިއަދު އެ އައީ ލޯތްބަށް އެހިތް ހުޅުވައިލުމަށެވެ. ހިތާމަޔާއި ހިތްދަތިކަމުގެ ބަދަލުގައި ލޯތްބާއި އޯގާތެރިކަމާއި އަޅައިލުމަށް ފުރުސަތު ދޭންވެގެންނެވެ. ބަރުބާދުވެފައިވާ އޭނާގެ ހަޔާތް އުޖާލާކުރުމަށް އަމިއްލަ ނަފްސަށް ފުރުސަތު ދިނުމަށެވެ.

"މިޝްޔާ... ކޮންކަމަކާތަ ތި ވިސްނަނީ؟" ނާޒިލްގެ އެ ސުވާލުވެސް މިޝްޔާއަށް އަޑެއް ނީވުނެވެ. އޭނާ އިނީ އެއަށްވުރެ މާ ފުން ވިސްނުމަކަށް ގެއްލިފައެވެ. ނާޒިލް މަޑުމަޑުން މިޝްޔާގެ މޫނާދިމާލުގައި، އަތް ހޫރައިލިއެވެ. އެއާއެކު ސިހިފައި މިޝްޔާ ނާޒިލްއަށް ބަލައިލިއެވެ.

"ކަމެއް... ކަމެއްނުވޭ..." މިޝްޔާ ބުނެލިއެވެ.

"އަހަރެން... އަހަރެން ބުނީ މިޝްޔާ ކިހިނެއްހޭ؟" ނާޒިލް ސުވާލުކޮށްލިއެވެ.

"އަހަރެން ރަނގަޅު. ނާޒިލް ކިހިނެއްތަ؟

"އަހަރެންވެސް ވަރަށް ރަނގަޅު. ٱلْحَمْدُ لِلَّٰهِ ." ނާޒިލް ބުނެލިއެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނަން..." ހިމޭން ހިނދުކޮޅަކަށްފަހު، މިޝްޔާ ބުނެލިއެވެ.

"އަވަހަށް ބުނޭ. އަހަރެން އަޑު އަހަން މިހުރީ....... ހަމަ ތައްޔާރަށް. ހެހެ" ނާޒިލް މިޝްޔާއަށް ސަމާލުކަން ދިނެވެ.

"ނާޒިލް! އަހަރެން..." މިޝްޔާއަށް ބުނެވުނީ އެހާހިސާބަށެވެ. ދެމީހުންނަށްވެސް ސިހުން ލިބުނީ ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި މީހަކު އެތެރެއަށް ވަނުމުންނެވެ. ދޮރާ ދިމާލަށް ދެމީހުންނަށްވެސް ބަލައިލެވުނީ އެއްފަހަރާއެވެ. އެއާއެކު ފެނުނު މީހެއްގެ ސަބަބުން ދެމީހުންނަށްވެސް ޝޮކެއް ލިބިގެން ދިޔައެވެ. އެތެރެއަށް ވަނީ ހާޝިމް ނޫން ދެވަނަ މީހެއް ނޫނެވެ. މިޝްޔާގެ ދެލޯ ބޮޑުވެގެން ދިޔައިރު، ކޮޅަށް ތެދުވި ނާޒިލްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު