ނަސްލީ ތަފާތު ކުރުމުގެ މައްސަލައެއްގައި އެޕަލް އާ ދެކޮޅަށް ދައުވާކުރަނީ

އެޕަލްގެ ފިހާރައެއް: ޓާޓާއިން ވަނީ އިންޑިއާގައި އެޕަލްގެ 100 ފިހާރަ ހުޅުވަން ނިންމާފަ -- ފޮޓޯ/ އޭޕީ

ނަސްލީ ތަފާތު ކުރުމުގެ މައްސަލައެއްގައި މަޝްހޫރު ކުންފުނި 'އެޕަލް' އާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.

ނިއުޔޯކުގައި މިދިޔަ ހަފްތާގައި ހުށަހެޅި ކްލާސް އެކްޝަން ދައުވާއެއްގައި އެލެކްސް މޮރާލެސް ކިޔާ ކަޅު ނަސްލުގެ މީހަކު ބުނެފައިވަނީ 2020 އާއި 2021 އާ ދެމެދު އޭނާ އެޕަލް ވޮޗް ގަތީ ކޮވިޑް-19 އިން ލޭގައި ހުންނަ އޮކްސިޖަންގެ މިންވަރު ލަފާކުރުމަށް ގޭގައި އަމިއްލައަށް ބޭނުން ކުރުމަށް ކަމަށެވެ.

އެކަމަކު ސައިންޓިފިކް ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ޕަލްސް އޮކްސިމީޓަރުން ކަޅު ނަސްލުގެ ބަލި މީހުންގެ ހަންގަނޑުގައި ހުންނަ މެލަނިން ރަނގަޅަށް ނުދައްކައެވެ.

މި ތަފާތު އާންމުންނަށް އެނގިފައި ނުވާތީ އަދި އެޕަލްވޮޗަށް އިތުބާރުކޮށް، ކޮވިޑްގެ ނިޝާންތައް ހުއްޓަސް ކަށަވަރު ނުވާތީ ގިނަ މީހުން އެކަމާ އަޅައިނުލުމުގެ ސަބަބުން އެމެރިކާގައި ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދު ދޮން މީހުންނާ އަޅާބަލާއިރު ނިސްބަތުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

މިފަދަ ދިރާސާއަކާ ހަވާލާދީ ނިއުޔޯކުގެ ދައުވާގައި ބުނެފައި ވަނީ އެޕަލްގެ އަމިއްލަ ޑިވައިސް (އެޕަލްވޮޗް)ގެ ޞައްޙަކަމާމެދު އޮޅުން ބޮޅުން ބޮޑުވެފައިވުމުން ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށެވެ.

ކޮވިޑުގެ ދުވަސްވަރު 400 ޑޮލަރު ގެއަގުހުރި އެ ޑިވައިސް ގަތް ނިއުޔޯކް ސްޓޭޓްގެ ކޮންސިއުމަރުންގެ ގްރޫޕެއްގެ ފަރާތުން މޮރާލެސް ދައުވާ ކުރީ އެޕަލް އިން ނިއުޔޯކްގެ "ޖެނެރަލް ބިޒްނަސް ލޯ" އާއި "ސްޓޭޓް ކޮންސިއުމަރ ފްރޯޑް އެކްޓްސް"އާ ހިލާފުވުމުގެ އިތުރުން "އެކްސްޕްރެސް ވެރަންޓީ"އާ ހިލާފުވެ މަކަރާއި ހީލަތާއި ނުހައްގުން މުއްސަނދިކަން ހޯދި ކަމަށް ބުނެއެވެ. އަދި އެ ސްޓޭޓްތަކުގެ ކޮންސިއުމާ ފްރޯޑް ގާނޫނުތަކުގެ ދަށުން އަލަސްކާ، އާކަންސަސް، އައިޑަހޯ، އަޔަވާ، މިސިސިޕީ، ނޯތު ކެރޮލައިނާ، ނޯތު ޑެކޮޓާ، ޔޫޓާ އަދި ވައިމިންގްގެ ކަސްޓަމަރުން ވެސް އެ ދައުވާގައި ހިމެނެއެވެ.

އޮކްޓޯބަރު މަހު ކުރި ދިރާސާއަކުން އެޕަލްގެ ލޭގެ އޮކްސިޖަން ސެންސަރު ގާތްގަނޑަކަށް “މެޑިކަލް ގްރޭޑް” ޑިވައިސްތަކާ އެއްވަރު ކަމަށް ފެނުނު ނަމަވެސް، އެ ކުންފުނީގެ ވެބްސައިޓުގައި ބުނަނީ އެ ފަންކްޝަން އަކީ ހަމައެކަނި އާންމު ފިޓްނަސް އަދި ދުޅަހެޔޮކަމުގެ ބޭނުމުގައި ފަރުމާކޮށްފައިވާ ފަންކްޝަނެއް ކަމަށާއި، އެއީ ޑައިގްނޯސް ކުރުން ނުވަތަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން ނޫން ކަމަށެވެ.

ޖޫން މަހު އެޕަލްގެ އަމިއްލަ ދިރާސާއަކުން އެޕަލް ވޮޗް ބޭނުންކުރާ މީހުންގެ ލޭގައި އޮކްސިޖަންގެ މިންވަރު ދޮން މީހުންނާއި ކަޅު މީހުންގެ މެދުގައި މާނަހުރި ތަފާތެއް ނެތް ނަމަވެސް، އެޕަލްގެ ވެބްސައިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ބައެއް ވައްތަރުގެ ޓެޓޫތައް ފަދަ ކަންކަމުން ހަންގަނޑަށް ދާއިމީ ނުވަތަ ވަގުތީ ބަދަލުތަކެއް އައުމުން ވެސް ޕާފޯމަންސަށް އަސަރު ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް