މިދިޔަ އަހަރަށް ވުރެ މަސް އެކްސްޕޯޓު ކުރުން 5.4 އިންސަައްތަ ދަށް ވެއްޖެ

މަސްމާރުކޭޓު ސަރަހައްދުގައި ދޯނިން މަސް ބޭލުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ އަހަރާ އަޅާބަލާއިރު ރާއްޖެއިން މަސް ބޭރުކުރި އަދަދު މި އަހަރު 5.4 އިންސައްތަ ދަށްވެއްޖެއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކުރީ 69،113.9 މެޓްރިކް ޓަނުގެ މަހެވެ. ނަމަވެސް މި އަހަރުގެ އެހާތަނަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 65،392.5 މެޓްރިކް ޓަނުގެ މަހެވެ.

މި މަސްތަކުގެ ތެރެއިން ތާޒާ އަދި ގަނޑުކުރި މަހުގެ ބާވަތްތަކުގެ ތެރެއިން މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއިން އެންމެ ގިނައިން ބޭރުކުރީ ކަޅުބިލަ މަހުގެ ބާވަތެވެ. އެގޮތުން މި އަހަރު 46،812 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ވަނީ ބޭރުކޮށްފައެވެ. ނިމިދިޔަ އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 45،531.8 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ.

މީގެ އިތުރުން ނިމިދިޔަ އަހަރާ އަޅާބަލާއިރު ރީނދޫ އުރަހަ ކަންނެލި ބޭރު ކުރުން ވެސް މި އަހަރު ވަނީ ދަށް ވެފައެވެ. އެގޮތުން ނިމިދިޔަ އަހަރު 14،415.3 މެޓްރިކް ޓަނުގެ ކަންނެލި ބޭރުކުރި އިރު، މި އަހަރު ބޭރު ކުރީ 8،328.6 މެޓްރިކް ޓަނުގެ ކަންނެއްޔެވެ.

ނަމަވެސް މަސް ދަޅު އަދި ޕޯޗްޑްގެ ގޮތުގައި ބޭރު ކުރި އަދަދު މި އަހަރު ވަނީ އިތުރު ވެފައެވެ. އެގޮތުން މި އަހަރު 7869 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން ބޭރު ކުރި އިރު، މިއީ ނިމިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަޑަކަށް 85 އިންސައްތައިގެ ކުރިއެރުމެކެވެ. ނިމިދިޔަ އަހަރު ބޭރު ކޮށްފައިވަނީ 6،750.2 މެޓްރިކް ޓަނުގެ މަސް ދަޅާއި ބަންދުކޮށްފަ ހުންނަ މަހުގެ ބާވަތްތަކެވެ.

comment ކޮމެންޓް