ބެންޒީމާގެ ދެ ލަނޑާއެކު މުހިންމު މޮޅެއް ހޯދައި ރެއާލް އެއްވަނައަށް

ރެއާލާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ވޯލްޑް ކަޕަށްފަހު ރެއާލް މެޑްރިޑުން ކުޅުނު ވާފަވެރި ފުރަތަމަ މެޗުގައި، ކެޕްޓަން ކަރީމް ބެންޒީމާ ޖަހައިދިން ދެ ލަނޑާއެކު، ރެއާލް ވަޔަޑޮލިޑުގެ މައްޗަށް ކުރިހޯދައި، ލީގު ތާވަލުގެ އެއްވަނައަށް ވަގުތީ ގޮތުން ކުރިއަށް ޖެހިލައިފިއެވެ.

މި މެޗަށް ނުކުތްއިރު ރެއާލް އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ވާދަވެރި ބާސެލޯނާއެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ރެއާލުން ވަގުތީ ގޮތުން އެއްވަނައަށް ޖެހިލީ އިތުރަށް އެއް މެޗު ކުޅެގެންނެވެ.

ވަޔަޑޮލިޑުގެ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އަދި ދެވަނަ ހާފުގެ ބޮޑު ބައެއްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ރެއާލް ފަދަ ފުޓުބޯޅައިގެ ވަރުގަދަ ބާރަކާ ދެކޮޅަށް ނުކުމެ މެޗުގައި ވަޔަޑޮލިޑުގެ ކުޅުންތެރިން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވެއެވެ.

ރެއާލުން މެޗުގައި ޖުމްލަ 19 ހަމަލާއެއް އުފެއްދިއިރު ވަޔަޑޮލިޑުގެ ކުޅުންތެރިން 14 ހަމަލާއެއް އުފައްދާފައިވެއެވެ. އޮން ޓާގެޓަށް ރެއާލުން އަށް ހަމަލާއެއް ފޮނުވާލިއިރު ވަޔަޑޮލިޑުގެ ކުޅުންތެރިންނަށް ޓާގެޓަށް ފޮނުވާލެވުނީ ހަތަރު ހަމަލާއެކެވެ.

ރެއާލާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މެޗުގެ ފަހު 10 މިނެޓާ ހަމައަށް އައިއިރު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ދެ ޓީމުން ވެސް މެޗުގައި ލަނޑު ޖަހާނެ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފަހު 10 މިނެޓާ ހަމައަށް މި މަސައްކަތުގައި ދެ ޓީމަށް ވެސް ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

އެހެންނަމަވެސް މެޗުގެ މުޅި އޮއެވަރު ބަދަލުވެ، ރެއާލަށް އެޑްވާންޓޭޖް ލިބުނީ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކާ ގުޅިގެންނެވެ. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ބެންޒެމާ ބޮލުން ފޮނުވާލި ބޯޅަ، އޭރިއާ ތެރެއިން ވަޔަޑޮލިޑުގެ ހަވީ ސަންޗޭޒްގެ އަތުގައި ޖެހުމުން ރެފްރީ ރެއާލަށް ޕެނަލްޓީ ދިނީ ވީއޭއާރުގެ އެހީ ހޯދައިގެންނެވެ.

މި ޕެނަލްޓީ ކާމިޔާބުކޮށް ރެއާލްއަށް ބެންޒީމާ ލީޑު ނަގައިދިންއިރު، ޕެނަލްޓީ ދިނުމާ ގުޅިގެން ވަޔަޑޮލިޑުގެ ސާޖިއޯ ލިއޯން ހިތްހަމަނުޖެހުން ފާޅުކޮށް ރެފްރީއާއި ހަތަރުވަނަ އޮފިޝަލަށް މުހާތަބުކުރި ގޮތުގެ ސަބަބުން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑެއް ދައްކާފައެވެ.

ވަޔަޑޮލިޑުން ކުޅުންތެރިއަކު މަދުކޮށް ކުޅުމުގެ ފައިދާ ރެއާލުން ވަރަށް ރަނގަޅަށް ނެގިއެވެ. އެގޮތުން ދެވަނަ ހާފުގައި ކުޅެންއެރި އެޑުއާޑޯ ކަމަވިންގާގެ ހުނަރުވެރި ކުޅުމަކަށްފަހު އޭނާ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެންޒީމާ ވަނީ ދެވަނަ ލަނޑެއް ޖަހައި ރެއާލްއަށް ލީޑު ފުޅާކޮށްދީފައެވެ.

ރެއާލާއި ވަޔަޑޮލިޑް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މި މޮޅާއެކު ރެއާލުން ވަގުތީ ގޮތުން ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު 16 މެޗުން 38 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 15 މެޗުން 37 ޕޮއިންޓާއެކު އޮތް ބާސެލޯނާއަށް، މިއަދު ހަވީރު އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އަލުން އެއްވަނައަށް އެރޭނެއެވެ.

ރެއާލްއިން ދެން މެޗެއް ކުޅޭނީ މި ފެށޭ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެއީ ސްޕެނިޝް ކަޕް ނުވަތަ ކޮޕާ ޑެލްރޭގެ ރައުންޑް އޮފް 32 ގައި ކުޅޭ މެޗެކެވެ. ލަލީގާގައި ރެއާލުން ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުއެެވެ. އެއީ ވިއަރެއާލާ ދެކޮޅަށެވެ.

comment ކޮމެންޓް