ސައުދީގެ އަލް ނަސްރާއެކު ރޮނާލްޑޯ އެއްބަސްވުމުގައި ސޮއިކޮށްފި

ރޮނާލްޑޯ އަލް ނަސްރުގެ ޖާޒީ ހިފައިގެން --ފޮޓޯ/ އަލް ނަސްރު

ސައުދީގެ ފުޓުބޯޅަ ކުލަބު އަލް ނަސްރާއެކު، ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެއްބަސްވުމުގައި ސޮއިކޮށް އެ ކުލަބާ ގުޅިއްޖެއެވެ.

އަލް ނަސްރުގެ ރަސްމީ މީސްމީޑިއާ އެކައުންޓުތަކުގައި މިކަން ވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

އެ ޓީމުން ބުނެފައި ވަނީ، މިއީ ތާރީޚީ ޓްރާންސްފާ އަކަށްވުރެ ބޮޑަށް، ފުޓުބޯޅައިގައި އެ ކުލަބުން ހޯދަމުން އަންނަ ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދުމުގައި ކުރި ޓްރާންސްފާއެއް ކަމަށެވެ.

އަދި އެކުލަބާ ރޮނާލްޑޯ ގުޅުމުން، ސައުދީގެ ފުޓުބޯޅަ ލީގާއި، އެ ޤައުމަށް އަދި އަންނަން އޮތް ޖީލުތަކާއި، ދެ ޖިންސުގެ ޒުވާނުންނާއި ކުޑަކުދިންނަށް، ކާމިޔާބީ ހޯދުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ. މީގެއިތުރުން އަލް ނަސްރުން ވަނީ ރޮނާލްޑޯ އެ ޓީމާ ގުޅުމުން އެކަމަށް އޭނާއަށް ޝުކުރުއަދާކޮށް، މަރުޚަބާ ކިޔާފައެވެ.

ރޮނާލްޑޯ އަލް ނަސްރުގެ ޖާޒީއާއެކު --ފޮޓޯ/އަލް ނަސްރު

ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އަލް ނަސްރުގެ ރައީސްއާއި ސްޕޯޓިންގް ޑިރެކްޓާ ވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި ސްޕެއިންގެ މެޑްރިޑަށް ގޮސް، ރޮނާލްޑޯއާއެކު ފަހުގެ މަޝްވަރާތައް ކުރިއަށް ގެންގޮސް އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެހެންނަމަވެސް ރަސްމީކޮށް އެކަން ހާމަކޮށް، އެ ޓީމުގެ ކުޅުންތެރިންގެ ގޮތުގައި އަލް ނަސްރުން ރޮނާލްޑޯ ދައްކާލީ ދަންވަރުއެވެ.

މެންޗަސްޓާ ޔުނައިޓެޑާ ގިނަ މައްސަލަތަކެއް ޖެހި، އޭނާއާއެކު ކުލަބުން ހަދާފައިވާ އެއްބަސްވުން ނޮވެމްބަރު މަހުގެ މެދުތެރޭގައި ވަނީ ނިމުމަކަށް ގެނެސްފައެވެ. މިއަހަރު ފެށުނީއްސުރެ ރޮނާޅްޑޯއާއި އެ ކުލަބާ ދެމެދު، ހާއްސަ ގޮތެއްގައި ކޯޗާއި ރޮނާލްޑޯއާ ދެމެދު ގިނަ މައްސަލަތަކެއް ޖެހުނެވެ. މި މައްސަލަތަކުގައި ހުޅު ހިފައި، ޔުނައިޓެޑުން ރޮނާލްޑޯގެ ކޮންޓްރެކްޓު ނިމުމަކަށް ގެނައުމަށް ނިންމީ، ޕިއާސް މޯގަންގެ ޝޯއެއްގައި ރޮނާލްޑޯ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

ފްރީ އެޖެންޓެއްގެ ގޮތުގައި މަހަކަށްވުރެ ގިނަ ދުވަހު ހުރުމަށްފަހު ރޮނާލްޑޯ އަލް ނަސްރާ ގުޅުނީ ދެ އަހަރާއި ބައިގެ މުއްދަތަށް ދިގުދެމިގެންދާ ކޮންޓްރެކްޓެއްގައެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެކުލަބުގައި މަޑުކުރާނެއެވެ. އަދި އެއްބަސްވުމުގެ ދަށުން ރޮނާލްޑޯއަށް އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައެއް ލިބޭއިރު، މީގެތެރޭގައި ކޮމާޝަލް ޑީލްތަކުން ލިބޭ ފައިސާ ވެސް ހިމެނެއެވެ. އެހެންކަމުން ދެ އަހަރާއި ބައިގެ ތެރޭގައި ޖުމްލަ 450 މިލިއަން ޔޫރޯއާ ގާތްކުރާ މިންވަރެއް މުސާރައިގެ ގޮތުގައި ރޮނާލްޑޯއަށް ލިބޭނެއެވެ. އަހަރަކު 200 މިލިއަން ޔޫރޯގެ މުސާރައެއް ރޮނާލްޑޯއަށް ލިބޭއިރު، އޭނާ ވާނީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާ އަށެވެ.

ސައުދީގައި ރޮނާޅްޑޯ ދިރިއުޅުމަށް ހަމަޖެހިފައިވަނީ ރިޔާދުގެ ޑިސްޓްރިކްޓެއް ކަމުގައިވާ އަލް މުހައްމަދިއްޔާގައި ކަމަށް ބައެއް ރިޕޯޓްތަކުން ބުނެއެވެ.

ފަސް ފަހަރަށް ބެލަންޑޯ އެވޯޑު ހާސިލްކޮށްފައިވާ ރޮނާލްޑޯ، އަލް ނަސްރާ ގުޅުމާއެކު އޭނާ ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ހޭދަކުރި ދުވަސްތަކަށް ނިމުމެއް އައީ ކަމަށް ގިނަބަޔަކު ބުނަމުން އަންނައިރު، ރޮނާލްޑޯ ވަނީ ޔޫރަޕު ފުޓުބޯޅައިގެ އެންމެ މަތީ ފަންތީގައި ގާތްގަނޑަކަށް 19 އަހަރު ހޭދަކޮށްފައެވެ.

ރޮނާލްޑޯ އޭނާގެ ބެލަންޑޯ އެވޯޑުތަކާއެކު --

ޔޫރަޕުގައި އޭނާ ނުހޯދާ ކާމިޔާބީއެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވަކިވަކި ކުޅުންތެރިންނަށްދޭ ޝަރަފުވެރި އެތައް އެވޯޑެއް ހޯދާފައިވާ ރޮނާލްޑޯ ވަނީ، އޭނާ ކުޅުނު ކުލަބުތަކާއެކު ވެސް ގާތްގަނޑަކަށް ހުރިހާ ކާމިޔާބީއެއް ހޯދާފައެވެ.

ޔޫރަޕު ފުޓުބޯޅައަށް ރޮނާލްޑޯ ނިމުން ގެނުވީ ކަމަށް ގިނަ ބަޔަކު ބުނާއިރު، އުމުރުން 37 އަހަރުގެ ރޮނާލްޑޯ ސީނިއާ ކެރިއަރު ފެށީ ޕޯޗުގަލްގެ ސްޕޯޓިންގް ލިސްބަން އިންނެވެ. އެ ޓީމަށް ކުޅެދިން 31 މެޗުގައި ރޮނާލްޑޯ ފަސް ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.

އެއަށްފަހު 2003 ވަނަ އަހަރު ރޮނާލްޑޯ މެންޗަސްޓާ ޔުނައިޓެޑާ ގުޅުނުއިރު، އެ ކުލަބު ދޫކޮށްދިއުމަށްފަހު 2021 ވަނަ އަހަރުގެ ފަހުކޮޅު އޭނާ އެކުލަބަށް އަލުން ކުޅެފައިވެއެވެ. މި ދެ ފަހަރުގެ މަތިން އޭނާ ވަނީ އެ ކުލަބަށް 346 މެޗުން 145 ލަނޑު ކާމިޔާބު ކޮށްފައެވެ. ޔުނައިޓެޑާއެކު ރޮނާލްޑޯ ވަނީ އިނގިރޭސި ޕްރިމިއާ ލީގު ތިން ފަހަރު، ޔޫއެފާ ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް، ފީފާ ކްލަބް ވޯލްޑް ކަޕް އެއްފަހަރު ކާމިޔާބު ކޮށްފައެވެ. އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ދެ ފަހަރަށް ކާމިޔާބު ކޮށްފައިވެއެވެ. މީގެއިތުރުން އީއެފްއެލް ކަޕު ވެސް ދެ ފަހަރަށް އޭނާ ކާމިޔާބު ކޮށްފައިވެއެވެ.

ރޮނާލްޑޯ ޕްރިމިއާ ލީގުގެ ޓްރޮފީއާއެކު --

ރޮނާލްޑޯގެ ކެރިއަރުގައި އޭނާ އެންމެ ފާހަގަކޮށްލެވުނީ ރެއާލްގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައެވެ. އެ ޓީމަށް ކުޅެދިން 438 މެޗުން އޭނާ ވަނީ 450 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ރޮނާލްޑޯ އަކީ ރެއާލްގެ ތާރީހުގައި ވެސް އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އެ ޓީމާއެކު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔޫއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ތިން ފަހަރު، ލަލީގާ، ސްޕެނިޝް ސުޕާ ކަޕް އަދި ކޮޕާ ޑެލްރޭ ދެ ފަހަރަށް ކާމިޔާބު ކޮށްފައެވެ.

ރެއާލްގެ ޖާޒީގައި ރޮނާލްޑޯ ޗެމްޕިއަންސް ލީގުގެ ޓްރޮފީއާއެކު --

އެއަށްފަހު ދެން ރޮނާލްޑޯ ކުޅެން ފެށީ އިޓަލީގެ ގަދަބާރު ޔުވެންޓަސް އަށެވެ. އެ ޓީމާށް ކުޅެދިން 134 މެޗުން ރޮނާލްޑޯ ވަނީ 101 ލަނޑު ޖަހާފައެވެ. އެހެންކަމުން ޔޫރަޕުގެ ކުލަބު ފުޓުބޯޅައިން ރޮނާލްޑޯ އަލްވަދާއު ކިޔާއިރު، އޭނާ ވަނީ އެ ބައްރުގެ ފުޓުބޯޅައިގައި ޖުމްލަ 701 ލަނޑު ޖަހާފައެވެ.

ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕް އެއް ފަހަރު އަދި އިޓާލިއަން ސުޕާ ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

ރޮނާލްޑޯ އިޓާލިއަން ކަޕުގެ ޓްރޮފީއާއެކު --

ޕޯޗުގަލް އިން ފުޓުބޯޅައިގައި ހޯދި ހަމައެކަނި ހައިބަތު ބޮޑު ކާމިޔާބީތައް ކަމުގައިވާ ޔޫރޯ 2016 މުބާރާތާއި އެފަހުން ކުޅުނު ނޭޝަންސް ލީގު ކާމިޔާބުކުރީ ރޮނާލްޑޯގެ އިސް ދައުރަކާ އެކުއެވެ. ގައުމީ ޓީމަށް 118 ލަނޑު ޖަހާދީފައިވާ ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް ގައުމީ ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ.

ސީނިއާ ކެރިއަރުގައި ޖުމްލަ 819 ލަނޑު ރޮނާލްޑޯ ޖަހާފައިވާއިރު، އޭނާ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

ޔޫރަޕު ފުޓުބޯޅަ ދޫކޮށް ރޮނާލްޑޯ ސައުދީގެ ކުލަބަކަށް ގުޅެން ނިންމި ނިންމުމާ ގުޅޭގޮތުން މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ ވާހަކަދައްކައި، އެކަމާ ބަހުސް ކުރަމުންނެވެ.

comment ކޮމެންޓް