ލިބޭ އެއްޗަކުން ފުއްދައިގެން ހޭދަކުރުމަކީ އިސްލާމީ އިގްތިސާދުގެ މުހިއްމު އަސާސެއް: ޚުތުބާ

ހުކުރު ނަމާދެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތިމާއަށް ލިބޭ އެއްޗަކުން ފުއްދައިގެން ހޭދަކުރުމަކީ އިސްލާމީ އިގްތިސާދުގެ މުހިއްމު އަސާސެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މާތްﷲ އިންސާނުންނަށް ދެއްވި ގުނާ އަދަދު ނުކުރެވޭ ނިއުމަތްތަކުގެ ތަރެއިން މުދަލާއި ފައިސާއަކީ ވަރަށް މަތިވެރި ދެ ނިއުމަތް ކަމަށެވެ. އަދި އެކަލާނގެ އަންގަވާފައިވާ ގޮތަށް މުދަލާއި ފައިސާ ހޯދުމާއި އެ ތަކެތި ހޭދަކުރުމަކީ ސަވާބާއި ދަރުމަހުރި ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ހޭދަކުރުމުގައި އިސްރާފު ނުކުރުމާއި ލިބޭ މިންވަރަށް ބަލައިގެން އިގްތިސޯދު ކުރުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅާ ކަމެއް ކަމަށާއި މާބޮޑަށް ދަހިވެތިވެ ލިބޭ އެއްޗެއް އެއްކޮށް ހޭދަކޮށް ހުސްކޮށްލުމަކީ އިސްލާމްދީން ބާރުއަޅާ ކަންކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.

"ޙާޖަތްތެރިން ތިމާމެންގެ ބޭނުންތައް ފުއްދުމަށްޓަކައި ދަރަނި ނެގުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް. ނަމަވެސް އެ ދަރަނި އަދާކުރުމަށް އަވަސްވެ ގަންނަން ޖެހޭ. އެހެނީ އިންސާނުންގެ ދިރިއުޅުމަކީ އޭގެ މިންވަރު ކަނޑައެޅިފައިވާ އެއްޗެއް. އެހެންކަމުން އަބަދުވެސް ހުންނަން ޖެހޭނީ މީހުންގެ ހައްގުތަކާއި ދަރަނިތައް އަދާކޮށް މަރަށް ތައްޔާރުވެގެން،" ޚުތުބާގައި ބުންޏެވެ.

އެހެންކަމުން ތިމާއަށް ލިބޭ އެއްޗަކުން ފުއްދައިގެން ހޭދަކުރުމަކީ އިސްލާމީ އިގްތިސޯދުގެ މުހިއްމު އަސާސެއް ކަމަށާއި އިގްތިސާދުކުރުމަކީ ޚަރަދުކުރުމުގައި މެދުމިންވަރަކަށް އަމަލުކުރުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނިގޮތުގައި މިއަދު ދުނިޔޭގެ ބޮޑެތި ގައުމުތައް ތަަރައްގީވެފައިވަނީ އުފެއްދުންތެރިކަމާއި އިގްތިސޯދުކުރުން އެންމެ މުހިއްމު ދެ އަސާސު ކަމުގައި ބަލައިގެން މަސައްކަތް ކުރުމުގެ ސަބަބުންނެވެ.

މިހާރު އާއްމު ރައްޔިތުންނާއި ޒުވާނުން އިގްތިސޯދު ކުރުމަށް ހޭލުންތެރިކުރުވައި އެކަމުގެ ތަމްރީން އެމީހުންނަށް ފޯރުކޮށްދެން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އިސްލާމްދީނުގައި މަސައްކަތެރިކަމާއި ހޭދަކުރުމާއި އިގްތިސޯދުކުރުމުގެ ކަންތައް ހުރި ނެތް ގޮތުގެ މައްޗަށް އަދުގެ ޖީލު ހޭލުންތެރިކުރުވަން ޖެހޭ ކަމަށާއި އެއީ މައިންބަފައިންނާއި ކަމާބެހޭ މަސްލޫވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ މިއަދު ދުނިޔެއަށް ކުރިމަތިވަމުންދާ އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ވަޒީފާ ގެއްލުމާއި ވިޔަފާރިތައް ބަނގުރޫޓުވުމާއި މަސައްކަތްތައް ހުއްޓިފައިވުމުގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަން ކަމަށެވެ.

އެފަދަ ހާލަތްތަކުގައި ލިބޭ މިންވަރުން ފުއްދާލައި ބޭނުންތައް ބަހާލައިގެން އުޅުމަކީ މުސްލިމުންގެ ގޮތް ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން ތަނަވަސްކަމާއި ދަތި ހާލުގައި ވެސް ޚަރަދުތައް ކުޑަކޮށް، ބޭކާރު ކަންކަމަށް ހޭދަކުރުމުން އެއްކިބާވާން ޖެހޭ ކަމަށާއި ތިމާއަށް ލިބޭ އެއްޗަކުން ފުއްދައި، އިގްތިސޯދު ކުރުމަށް ދަސްކުރަން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުންޏެވެ.

comment ކޮމެންޓް