މިޝްއާލް: ފްރީ ސްޓައިލްގެ ދުނިޔޭގައި ފިޔަ ޖަހަނީ

މިއީ އިސްމާއިލް މިޝްއާލްގެ ވާހަކައެވެ. އާދަޔާ ހިލާފު ހުނަރެއްގެ ވެރިޔާ، ޅަ އުމުރުގައި ތަރިއަކަށް ފައްކާ ވެގެން އައި ގޮތެވެ.

އަބަދުވެސް ފުޓުބޯޅައަށް ޝައުގުވެރިކަން ހުރެއެވެ. އެހެންވެ، ޔޫޓިއުބުން ފުޓުބޯޅައިގެ ތަފާތު ވީޑިއޯތައް ބަލާ އުޅެއެވެ. ފްރީސްޓައިލަށް އޭނާގެ ޝައުގުވެރިކަން ދަމައިގަތީ ވެސް އެފަދަ ވީޑިއޯތައް ބެލުމުގެ ތެރެއިންނެވެ.

މިޝްއާލްގެ ހިތުގައި އެންމެ ބޮޑު ޝައުގުވެރިކަމެއް އުފެދުނީ ފްރީސްޓައިލްގެ ދުނިޔޭގެ ޗެމްޕިއަން ޝޯން ގާނިއާ ބޯޅައާއެކު ދައްކާ ޖާދުވީ ހަރަތާކާތްތަކަށެވެ.

މިޝްއާލް ބޯޅައާއެކު--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ހަރަކާތްތައް އަމިއްލައަށް ކޮށްލަން ބޭނުންވިއެވެ. އުމުރުން ފަސް އަހަރެއް ކަމަކު އެ ދުވަހު ވެސް މިޝްއާލްގެ ހިތުގައި އަޒުމް ކަނޑައެޅީ ޝޯން ގާނިއާއާ އެއް ހަރުފަތަކަށް ދާށެވެ. ފްރީ ސްޓައިލްގައި ފިޔަ ޖަހާނެ ތަރިއަކަށް ވުމަށެވެ.

"ދަސްކުރީ އަމިއްލައަށް"

މިހާރު އުމުރުން 12 އަހަރުގެ މިޝްއާލް ވަރަށް ކުޑައިރު އޭނާގެ އާއިލާއާއެކު ދިރިއުޅެމުން ދިޔައީ އަވަށްޓެރި ލަންކާގައެވެ. އެހެންވެ، އޭނާގެ ދުވަހުގެ ބޮޑުބައި ހޭދަކުރަން ޖެހިފައި އޮތީ ގޭ ހަތަރު ފާރު ތެރޭގައެވެ.

ޔޫޓިއިބުން ޝޯން ގާނިއާގެ ވީޑިއޯތައް ބަލައިގެން އެގޮތަށް ބޯޅަ ގެންގުޅޭވެތޯ މަސައްކަތް ކުރަން ފެށީ ވެސް އެގޮތަށް ގޭގައި ބަންދުވެފައި ހުރެގެންނެވެ.

"އަޅުގަނޑު އިންޓްރެސްޓަށް އެންމެ ފުރަތަމަ އައީ ޔޫޓިއު ވީޑިއޯއެއް ބަލަނިކޮށް ޝޯން ގާނިއާގެ ވީޑިއޯއެއް ފެނިގެން ފްރީސްޓައިލް ކުރާ ހިތްވީ،" މިޝްއާލް ބުންޏެވެ.

މިޝްއާލް--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

މިޝްއާލްގެ މަންމަ ކިޔައިދިން ގޮތުގައި މިޝްއާލް ފްރީ ސްޓައިލް ދަސްކުރީ ކުލާހަކަށް ނުވަތަ އެކެޑަމީއަކަށް ގޮސްގެނެއް ނޫނެވެ.

އެކަމަކު، މިހާރު ރާއްޖޭގެ މަޝްހޫރު ފްރީ ސްޓައިލާ އަދި ވޯލްޑް ފްރީސްޓައިލް ފުޓްބޯލް އެސޯސިއޭޝަން (ޑަބްލިއު.އެފް.އެފް.އޭ)ގެ ރާއްޖޭގެ ކަންޓްރީ ލީޑާ މުހައްމަދު ސައިފް ޒާހިރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް މިޝްއާލްގެ މަންމަ ބުންޏެވެ.

"އަޅުގަނޑުމެން ލަންކާގެ ދިރިއުޅުނުއިރު ބޭނުންވި މިޝްއަށް ދަސްކޮށްދޭން އެކެޑަމީއަކަށް ފޮނުވަން. އެކަމަކު ލަންކާގެ ނޫޅޭ ފްރީ ސްޓައިލް ކުރާ މީހުންނެއް،" އޭނާގެ މަންމަ ބުންޏެވެ.

މިޝްއާލް ބުނި ގޮތުގައި ވީޑިއޯތައް ބަލައިގެން ފްރީ ސްޓާއިލް ދަސްކުރަން ކުރީ ފަސޭހަ ދަތުރެއް ނޫނެވެ.

"އަޅުގަނޑު ފްރީސްޓައިލް ކުރާ ހިތްވެގެން ވަރަށް ގިނަ ދުވަހު ޓްރައި ކޮށްގެން ކުޑައިރުންސުރެ ޓްރައި ކުރަނިކޮށް މިކަން ދަސްވެއްޖެ" މިޝްއާލް ތަޖުރިބާ ކިޔައިދިނެވެ.

"ބޭނުންވަނީ އެންމެ މޮޅު މީހާއަށް ވާން"

އެ އުމުރުގައި އެއީ ތަރިއެކެވެ. އެކަމަކު، މި ހިސާބުން ނިންމާލުމުގެ ވިސްނުމެއް މިޝްއާލްގެ ނެތެވެ. އޭނާ ބުނީ އަދިވެސް ފްރީސްޓައިލްގައި އޭނާއަށް ނޭނގޭ ކިތަންމެ އެއްޗެއް އެބަހުރި ކަމަށާއި ބޭނުންވަނީ އަދިވެސް ކަންކަން ދަސްކޮށްގެން ދާއިރާއިން އިތުރަށް ކުރިއަށް ދާށެވެ.

ކިތަންމެ ހަގު ނަމަވެސް މިޝްއާލްއަކީ ކުރިމަގަމަށް ބޮޑެތި ހުވަފެންތަކެއް ދެކޭ ކުއްޖެއްކަން އޭނާއާ ވާހަކަދައްކާލަން ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ވެސް ހާމަވަގެންދިޔައެވެ.

މިޝްއާލް ފްރީ ސްޓައިލް ކުރަނީ---- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

އޭނާ ބޭނުންވަނީ ފްރީ ސްޓައިލްގައި ދަސްކުރަން ބޭނުންވާ އިތުރު ކަންކަން ދަސްކޮށް ދުނިޔޭގައި ހުރި އެންމެ ހަގު އެންމެ މޮޅު މީހަކަށް ވާށެވެ. ކިތަންމެ ބޮޑު ގުރުބާނީއެއް ވެގެން ވެސް އެކަން ކާމިޔާބު ކުރަން އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.

"ބޭނުންވަނީ މި ދާއިރާގައި އެންމެ ޔަންގަސްޓް މުޅި ދުނިޔޭން އެންމެ މޮޅު ފްރީސްޓައިލާއަށް ވާން." މިޝްއާލް

އޭނާ ބުނީ މިހާރު އާދެވިފައި ހުރި ހިސާބުން ވެސް އިންތިހާއަށް ފަހުރުވެރިވާ ކަމަށެވެ. އެކަމަކު، އަދިވެސް އިތުރަށް ކުރިޔަށް ދެވިދާނެ ކަމުގެ އިތުބާރާއި ޔަގީންކަން އޭނާއަށް އެބައޮތެވެ.

މިޝްއާލް ފްރީސްޓައިލް ކުރަނީ ---- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ލިބޭ މަދު އިވެންޓުތަކަށް ދިޔުމުން ވެސް މީހުން ކުރާ ސަޕޯޓު އެނގޭ ކަމަށް މިޝްއާލް ބުންޏެވެ. އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ ސަޕޯޓަރުންގެ ތައުރީފުގެ ބަސްތަކުންނެވެ. އެއީ، ކުރިޔަށް ދިއުމަށް އެޅޭ ބާރެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.

"އެންމެ އުފާވަނީ އިވެންޓުތަކަށް ގޮއްސަ ހުރިހާ ކުދިން އަޅުގަނޑު ޕާފޯމް ކޮށް ނިމުނީމަ ބުނާނެ ވަރަށް މޮޅޭ. އެހެންވެ ވަރަށް އުފާވޭ" މިޝްއާލް ބުންޏެވެ.

މިހާރު ވެސް ތަރިއެއް

ނަން ބުނުމުން ގިނަ ބަޔަކަށް މިޝްއާލް އެނގޭނެއެވެ. ހަމަ ގައިމުވެސް ގިނަ ބަޔަކަށް ދަންނަ މޫނެކެވެ.

އުމުރުން ފަސް އަހަރުގައި ފްރީ ސްޓައިލް ކުރަން ފަށައިގެން ފެށި ދަތުރު މިއަދު ގިނަ ބަޔަކު ބަލައިގެންފިއެވެ. ފްރީ ސްޓައިލް ޝޯތަކުންނާއި މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތުތަކުން އެންމެ ގިނައިން ފެންނަ އެއް މޫނަކަށް މިޝްއާލްގެ މޫނު ވެއްޖެއެވެ.

މީސްމީޑިއާއަށް ދޫކޮށްލާ ވީޑިއޯތަކަށް ބޮޑު ތަރުހީބެއް ލިބޭކަމީ މި ދާއިރާގައި މިޝްއާލްއަށް ކުރިއަށް ދެވޭނެކަމުގެ އަލިގަދަ ހެއްކެކެވެ.

އެންމެ ފުރަތަމަ މިޝްއާލް މީހުންގެ ތެރެއަށް ތާއާރަފުވީ އޭނާ ކިޔަވަމުންދާ ގާޒީ ސުކޫލުގައި ބޭއްވި ހުނަރު ދައްކާލުމުގެ ޝޯއަކުންނެވެ. އެ ޝޯއިން މިޝްއާލް ދައްކާލި ހުނަރުތަކުގެ ސަަބަބުން ބަލަން ތިބި މީހުން މުޅިން އާޝޯހު ކޮށްލިއެވެ.

އެ ހިސާބުން އަރަން ފެށި މިޝްއަލްގެ ތަރިއަށް ފަނޑުވުމެއް ނެތެވެ.

"މިޝްއާލަކީ ގައުމަށް ވަނަ ހޯދޭ ފެންވަރުގެ ކުއްޖެއް. ވީވަރަކުން މަސައްކަތް ކޮށްދޭނަން މިޝްއާލް އެ ލެވެލްއަށް ގެންގޮސްދިނުމަށް" ސައިފް

މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ކޮލެޖު ޔުނިވާސިޓީތަކަށް ހުޅުވާލައިގެން ބޭއްވި އެންމެ ބޮޑު އެއް މުބާރާތް އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތަށް ވެސް އޭނާ ވަނީ ގެންގޮސްފައެވެ.

މިޝްއާލްއަށް އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ ތެރެއިން ސައިފް ފާހަގަކުރި ގޮތުގައި މިޝްއާލްއަކީ ތޫނުފިލު ކުއްޖެކެވެ. މިޝްއާލް ފްރީ ސްޓައިލްގެ ރޮނގުން ވަރަށް އުހަށް ދެވިދާނެ ކަމަށް ސައިފް ގަބޫލު ކުރެއެވެ.

"ބުނާ އެއްޗިހި ވަރަށް ފަސޭހައިން ނަގައިގަންނަ ކުއްޖެއް މިޝްއާލްއަކީ. ފެންނަނީ ވަރަށް ފާގަތި މުސްތަގުބަލެއް" ސައިފް ބުންޏެވެ.

އޭނާ ބުނީ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ މިޝްއާލް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް ގައުމަށް ރީތިނަން ހޯދައިދޭނެ ދުވަހެއް ކަމަށާއި ޑަބްލިއުއެފްއެފްއޭގެ ދަށުން ލިބޭ ފުރުސަތުތަކުގައި މިޝްއާލް ބޭރުގެ މުބާރާތްތަކަށް ފޮނުވަން މަސައްކަތް ކުރާނެ ކަމަށެވެ.

"ކެންސަރާ ހަނގުރާމަ ކުރަން ހިތްވަރު ލިބުނީ މިޝްއަލް ފަރާތުން"

މިޝްއާލްއަކީ އޭނާގެ މަންމަ އަދި ބައްޕައަށް ލިބިފައިވާ ދެ ކުދިންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ކުއްޖާއެވެ. އެ އާއިލާ ލަންކާގައި ދިރިއުޅެމުންދިޔައީ ވަރަށް އުފާވެރި ކަމާއެކުއެވެ.

އެކަމަކު، އެ އުފާވެރިކަމުގެ މައްޗަށް ބަނަ ވިލާގަނޑެއް ނެގީ ހަމަ ކުއްލިއަކަށެވެ. މިޝްއާލްގެ މަންމަ ވަރަށް ބޮޑަށް ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ކެންސަރުޖެހި ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި ހުރިކަމެވެ.

މިޝްއާލް ފްރީ ސްޓައިލް ކުރަނީ --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ބަލިން ލިބޭ ވޭނަށްވުރެ ބޮޑަށް މަޔަކަށް ކުރިމަތިވާނެ އެންމެ ބޮޑު ވޭނަކީ ތުއްތު ތުއްތު ދެކުދިންނާ ވަކިވެ ބަލި ތަންމަތީގައި އޮށޯންނަން ޖެހުމެވެ.

އެ ވާހަކަ މިޝްއާލާއި އޭނާގެ ކޮއްކޮއަށް ކިޔައިދޭނެ ގޮތެއް ވެސް ނޭނގުނުކަމަށް އޭނާގެ މަންމަ ބުންޏެވެ. އެ ދުވަސްކޮޅަކީ ކޮވިޑާ ހެދި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްކޮޅެއް ކަމުން ހޮސްޕިޓަލަށް ވެސް ކުދިން ވަނުން މަނާކުރިއެވެ. އެހެންވެ، މިޝްއާލްގެ މޫނު ދެކިލުމަށް އޭނާގެ މަންމަ ތިން މަސް ދުވަހުގެ ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ.

"އަދިވެސް ހަނދާންހުރޭ އެޑްމިޓްކޮށްފަ އޮތްއިރު މިޝް މަންމަ ކައިރިއަށް އައިދުވަސް. މިޝް ހުރީ ދުރުގަ ބަލަން," އޭނާގެ މަންމަ ކިޔައިދިނެވެ.

ކެންސަރާ ހަނގުރާމަ ކުރަން ލިބުނު ހިތްވަރަކަށް ވީ މިޝްއާލް ދައްކާ ހިތްވަރެވެ.

މިޝްއާލް މަންމައާއެކު --- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

"މަންމަ ކައިރީ މިޝް ބުނީ ވަރަށް އަވަހަށް މަންމަ ރަނގަޅުވާނޭ، މަންމި ހިތްވަރު ކުރާށޭ،" މިޝްއާލްގެ މަންމަ ކިޔައިދިނެވެ.

"އަމިއްލައަށް ގޫގުލް ސާޗް ކޮށްގެން މިޝް އައިސް ބުނީ މިޝްއަށް އެނގެއޭ މަންމައަށް ކެންސަރު ޖެހުނުކަން. އެ ބަލީގަ މަރުވަނީ ވަރަށް މަދު ބައެކޭ. މަންމަ ހިތްވަރު ކުރާށޭ" މަންމަ ބުންޏެވެ.

މިޝްއާލްގެ މަންމަ ބުނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިޝްއާލްގެ ފަރާތުން ފެނުނު ހިތްވަރާއި، ހަރުދަނާކަން ކަމަށެވެ.

މިޝްއާލްގެ އަޒުމު ވަރުގައެވެ. އޭނާ ބުރަ މަސައްކަތް ކުރަމުން އެ އަންނަނީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށެވެ. މިހާރު ވެސް އެއީ ތަރިއެކެވެ.

comment ކޮމެންޓް