ރިޔާސީ އިންތިޚާބަށް ރިސޯޓު މުވައްޒަފުންގެ މައުލޫމާތު އެއްކުރަނީ

ފުށިފަރު މޯލްޑިވްސް ރިސޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަން (އީސީ)އިން، ރާއްޖޭގެ ރިސޯޓުތަކުގާ މަސައްކަތް ކުރާ މުވައްޒަފުންގެ މައުލޫމާތު އެއްކުރަން ފަށައިފިއެވެ.

އެ ކޮމިޝަނުގެ އެދުމުގެ މަތިން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ރިސޯޓުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އަންނަ އަހަރު ފަހު ކޮޅު ރިޔާސީ އިންތިޚާބު ބޭއްވުމަށް ތައްޔާރު ވަމުންދާތީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ޖުމުލަ އަދަދު އީސީން ބޭނުންވާ ކަމަށެވެ.

އެ ސާކިއުލާގައި ވާގޮތުން އީސީން ބޭނުންވަނީ ކޮންމެ ރިސޯޓެއްގައި ވެސް މަސައްކަތް ކުރާ ވޯޓު ލެވޭ އުމުރުގެ މުވައްޒަފުންގެ މައުލޫމާތެވެ.

މިގޮތުން، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް 18 އަހަރު ފުރޭ ހުރިހާ ދިވެހި މުވައްޒަފުންގެ މައުލޫމާތު އެ ކޮމިޝަނަށް އެންގުމަށް ވަނީ އެދިފައެވެ.

އިންތިޚާބަށް ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެތަނެއްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން އެ ރިސޯޓެއްގައި ވޯޓު ލާން ރަޖިސްޓްރީވާ މުވައްޒަފުންގެ އަދަދަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ.

comment ކޮމެންޓް