އެލައިޑުގެ އެޑިއުކޭޝަން އަދި ކޮމިޔުނިޓީ ފަންޑުން މާލީ އެހީ ލިބޭ ފަރާތްތައް އިއުލާނުކޮށްފި

އެލައިޑުގެ އެޑިއުކޭޝަން އަދި ކޮމިޔުނިޓީ ފަންޑަށް ހޮވުނު ފަރާތްތަކުގެ ނަންތައް އިއުލާނުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ/ސަން

އެލައިޑުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެޑިއުކޭޝަން އަދި ކޮމިޔުނިޓީ ފަންޑުން މާލީ އެހީ ލިބޭ ފަރާތްތަކުގެ މައުލޫމާތު އާއްމުކޮށްފިއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިންޝުއަރަންސްގެ ޚިދުމަތްދެމުން އަންނަ އެލައިޑުން އެޑިއުކޭޝަން އަދި ކޮމިޔުނިޓީ ފަންޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މި އަހަރުގެ އޮގަސްޓް މަހުއެވެ.

ފަންޑަށް ހޮވުނު ފަރާތްތަކުގެ ނަންތައް އިއުލާނުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ފިރުޝާން ވިދާޅުވީ، ފަންޑަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށެވެ.

އެޑިއުކޭޝަން ފަންޑުގެ ދަށުން ހުށަހެޅި ޕްރޮޕޯސަލްތައް ކާމިޔާބު ކޮށްފައިވަނީ:

  • ބ.އަތޮޅު ސްކޫލް، (ދަރަވަންދޫ)
  • ށ.ފީވަކް ސްކޫލް
  • ލ.އަތޮޅު ސްކޫލް، މާބައިދޫ
  • ކޮނޑޭ ސްކޫލް، ގއ.ކޮޑޭ
  • ރ.ހުޅުދުއްފާރު ސްކޫލް
  • ގދ ތިނަދޫ އަބޫބަކުރު ސްކޫލް
  • ބ.ހިތާދޫ ސްކޫލް
  • ހއ ބާރަށު ސްކޫލް

ފިރުޝާން ވިދާޅުވީ އެޑިއުކޭޝަން ފަންޑުގެ ދަށުން ހޮވާލެވޭ އަށް ސްކޫލަކަށް 25،000 ރުފިޔާގެ ހިލޭ އެހީ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މިފަހަރު ހުޅުވާލީ ސަރުކާރުގެ ހުރިހާ ސްކޫލްތަކަށެވެ. މި ފަންޑުގެ ދަށުން ސްކޫލުތަކުގެ ލައިބްރަރީ، ލެބޯޓަރީ އަދި މުދައްރިސުންނާއި ދަރިވަރުންގެ ތަމްރީނުތަކަށް ހަރަދުކުރެވެއެވެ.

ކޮމިޔުނިޓީ ފަންޑަށް ހުށަހެޅި ޕްރޮޕޯސަލްތައް ކާމިޔާބުކުރި ޖަމިއްޔާތައް:

  • ގއ. ކޮނޑޭ ކިއްސަރު ޖަމިއްޔާ
  • ގދ. ހޯޑެއްދޫ ހޯޑެއްދޫ ސްޕޯޓްސް
  • ބ. އޭދަފުށީ ފައުންޑޭޝަން އޮފް ޔޫތް ލިންކޭޖް
  • ރ. ކިނޮޅަހު ޖަމިއްޔަތުލް އިއްތިހާދު

އެލައިޑް ކޮމިއުނިޓީ ފަންޑުގެ ދަށުން، ހޮވާލެވުނު ހަތަރު ޕްރޮޖެކްޓަށް 50،000 ރުފިޔާއާ ހަމައަށް ފައިސާގެ އެހީ ދޫކުރާނެއެވެ.

އެލައިޑުން ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައިވެސް އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލާނޭކަން ހާމަކޮށްފައެވެ.

comment ކޮމެންޓް