އަލްފޮންސޯ ޑޭވިސް ގެނައުމަށް ރެއާލުން ތައްޔާރުވަނީ

އަލްފޮންސޯ ޑޭވިސް ކެނެޑާގެ ގައުމީ ޖާޒީގައި މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު މެޗެއްގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކެނެޑާގެ ތަރި އަލްފޮންސޯ ޑޭވިސް ގެނައުމަށް، ޔޫރަޕު ފުޓުބޯޅައިގެ ރަސްގެފާނު ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ރެއާލުން ޑޭވިސް ގެނައުމަށް މަސައްކަތްކުރަނީ 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައެވެ.

މި ފަހަރުގެ ވޯލްޑް ކަޕުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ޑޭވިސް ގެނައުމަށް ރެއާލުން މަސައްކަތް ފަށާފައިވާއިރު، ދާދިފަހުން އެ ކުލަބުން ވަނީ ބްރެޒިލްގެ ވޮންޑާކިޑް، އެންޑްރިކްގެ ސޮއި ހޯދައި، 2024 ވަނަ އަހަރުގެ ތެރޭގައި އޭނާ ވެސް ޓީމާ ގުޅޭގޮތަށް އެއްބަސްވުމެއް ހަދާފައެވެ.

އެ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯ ފެށޭއިރު ޑޭވީސް ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ބާކީ އިންނާނީ އެންމެ އަހަރެކެވެ. ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާ ވިންޑޯއާ ހަމައިން، ޑޭވިސްއާއެކު ކުލަބުތަކަށް ޕްރީ އެގްރިމަންޓެއް ހެދުމުގެ ފުރުސަތު އޮންނާނެތީ، ބަޔާން އިން އޭނާގެ ކޮންޓްރެކްޓް އައުކުރުމަށް ނުވަތަ ވިއްކާލުމުގެ މަސައްކަތް 2024 ވަނަ އަހަރުގެ މެދު ތެރޭގައި ފަށާނެއެވެ.

އުމުރުން 22 އަހަރުގެ އަލްފޮންސޯ ޑޭވިސް ބަޔާންގެ ސީނިއާ ޓީމަށް ކުޅެން ފެށި 2019 ވަނަ އަހަރުގެ ތެރޭގައެވެ.

ލެފްޓު ބެކެއްގެ ގޮތުގައި ކުޅެމުން އަންނަ ޑޭވިސް ފާހަގަކުރެވެނީ އެޓޭކިންގް ވިސްނުމުގައި ކުޅޭ ދުވެލި ބާރު، ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ.

ބަޔާންގެ ޖާޒީގައި މިހާތަނަށް ކުޅުނު 134 މެޗުން އޭނާ ވަނީ ހަ ލަނޑު ޖަހައިދީ 21 އެސިސްޓު ކޮށްދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު ބުންޑަސްލީގާ ހަތަރު ފަހަރު، ޑީއެފްބީ ޕޯކަލް ދެ ފަހަރު އަދި ޑީއެފްއެލް ސުޕާ ކަޕް ތިން ފަހަރަށް ކާމިޔާބު ކޮށްފައެވެ.

މީގެއިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕާ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕް ވެސް އަލްފޮންސޯ ޑޭވިސް ވަނީ ބަޔާންއާއެކު ކާމިޔާބު ކޮށްފައެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ރެއާލުން ގެންގުޅޭ ދުރުރާސްތާ ޕްލޭނުގެ ދަށުން އަލްފޮންސޯ ޑޭވިސްއާއި އެންޑްރިކްގެ އިތުރުން، 2024 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައި އާލިންގް ހާލަންޑު ގެނައުމަށް ވެސް ރެއާލުން މަސައްކަތް ކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުން ބޮރޫޝިއާ ޑޯޓްމަންޓަށް ކުޅެމުން އަންނަ ޖޫޑް ބެލިންގްހަމްގެ ސޮއި ހޯދުމަށް ވެސް ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި ރެއާލުން މަސައްކަތް ކުރާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

comment ކޮމެންޓް