ސަރުކާރުން މަކަރު ހެދި ކަމަށް ސުބާޝްގާއީ ތުހުމަތު ކުރޭ

ބޮލީވުޑުގެ މަޝްހޫރު ފިލްމް މޭކަރ ސުބާޝް ގާއީގެ ފިލްމު ސްކޫލު "ވިސްލިން ވުޑްސް އިންޓަނޭޝަނަލް" ގާއިމުކޮށްފައިވާ 20 އޭކަރުގެ ބިން އޭނާގެ އަތުން ނެގުމަށް ބޮންބޭ ހައި ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކުރުމާ ގުޅިގެން، މިއީ މަހާރާޝްތުރާގެ ސަރުކާރުން އޭނާއާ މެދު ހިންގައިފައިވާ މަކަރުގެ އަމަލެއް ކަމަށް ސުބާޝްގާއީ ތުހުމަތުކޮށްފިއެވެ. ބޮލީވުޑުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ވެސް ވަނީ މި ހުކުމުގެ ސަބަބުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނުކަން ހާމަކޮށްފައެވެ.

"އަހަންނަށް ގަބޫލުކުރެވެނީ މިއީ ސަރުކާރުން ގަސްތުގައި އަހަރެމެންނަށް ދިން ލަނޑެއް ކަމަށް. ވިސްލިން ވުޑްސް ގާއިމުކުރުމަށްފަހު 10 އަހަރު ދުވަސް ހޭދަވެ، ފައިސާގެ ގޮތުން 75 ކުރޯޑު ރުޕީސްގެ ހަރަދު ހިނގުމަށް ފަހު މި ބުނީ ސަރުކާރުގެ ފަރާތުން ހެދުނު ގޯހަކާހެދި އަހަރެމެންގެ މުކްތާ އާޓްސް އާއި މަހާރާޝްތުރާ ފިލްމު ސްޓޭޖް އެންޑް ކަލްޗަރަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ގާއިމުކުރެވުނު ޖޮއިންޓް ވެންޗަރ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ނޫނޭ. މައްސަލައަކަށް މިވީ ބޯޑް ރިޒޮލިޔުޝަނެއް ފާސްކުރިކަމުގެ ލިޔުމެއް ނެތުމާއި ބިން އަގު ކުރުމުގައި ހަމަ އަގު ކަނޑައެޅިފައި ނުވުން. މި ދެ ކަމަކީ ވެސް ސަރުކާރުގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ ދެ ކަން." ގާއީ ބުންޏެވެ.

ފިލްމު މޭކަރު ޝޭކަރު ކަޕޫރު މިކަމާ މެދު ބުނީ، "ސުބާޝް (ފޮޓޯ) ވަނީ ފިލްމު ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތުގައި 15 ހޭދަކޮށްފައި. މިހާރު ބިމުގެ އަގު މި ހުންނަ ގޮތުން ސަރުކާރުން ބިން ދީގެން ނޫން ގޮތަކަށް ފިލްމު ސްކޫލެއް ގާއިމުކުރުމަށް ބޭނުންވާ ވަރުގެ ބިމެއް ހޯދުމަކީ ފަސޭހަކަމެއް ނޫން. ސިންގަޕޫރުގައި ހުންނަ ތިޝް ފިލްމު ސްކޫލް ވެސް ގާއިމުކޮށްފައިވަނީ އެތާނގެ ސަރުކާރުން ހިލޭ ދިން ބިމެއްގައި." ކަމަށެެވެ.

ދުނިޔޭގެ ފެންވަރުގެ ފިލްމު ސްކޫލެއް ގާއިމުކޮށް ނިމުނުތަނާ ކުރިމަތިވި މި މައްސަލައަކީ ސުބާޝް ގާއީގެ އިތުރުން ބޮލީވުޑުގައި ހަރަކާތްތެރިވާ އެހެން ފަރާތްތަކަށް ވެސް ސިހުން ލިބުނުކަމެކެވެ. - ރެޑިފް
comment ކޮމެންޓް
ގުޅޭ ޚަބަރު