ޔާމީން ހުކުމް ތަންފީޒު ކުރައްވަނީ ވީއައިޕީ އެޕާޓްމެންޓެއްގައި: ކަރެކްޝަން

ރައީސް ޔާމީން މާފުށީ ޖަލަށް ގެންދަނީ: މާފުށީ ޖަލުގައި އެމަނިކުފާނު ހުންނެވީ ހާއްސަ ޔުނިޓެއްގައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ކުރިން ވެސް އެމަނިކުފާނު ހުންނެވި، ހާއްސަ އެޕާޓްމެންޓް ޔުނިޓްގައި ކަމަށް ކަރެކްޝަނުން މިއަދު ބުނެފިއެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި، ދެ ދައުވާ ސާބިތުވެ ޖުމުލަ 11 އަހަރުގެ ޖަލު ހުކުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ހުކުމް ތަންފީޒުކުރެއްވުމަށް ހަމަ އެ ރޭ ރައީސް ޔާމީން ވަނީ މާފުށީ ޖަލަށް ގެންދަވާފައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު 'ސަން' އަށް މިއަދު ވިދާޅުވީ, މާފުށީގައި ރައީސް ޔާމީން ހުންނެވީ މީގެ ކުރިން ވެސް އެމަނިކުފާނު ހުކުމް ތަންފީޒު ކުރެއްވުމަށް ހުންނެވި ސުޕްޝަލް ޕްރޮޓެކްޝަން ޔުނިޓުގައި ކަމަށެވެ.

މާފުށީ ޖަލުގައި އެ ޔުނިޓް ގާއިމް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެއީ އޭރު ގިނަ ސިޔާސީ ބޭފުޅުންތަކެއް ހައްޔަރުކޮށް ޖަލަށް ލުމަށް ހުކުމް ކުރަމުންދިޔަ ދުވަސްވަރެކެވެ. އެގޮތުން އެތަނުގައި ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވެއެވެ.

އާންމު ކުށްވެރިން ބައިތިއްބާ ގޮޅިތަކާ ވަކިން ހުންނަ އެ ޔުނިޓްގައި ފާހަނައަކާއި އެކު ހުންނަ ކޮޓެރިއެއްގެ އިތުރުން ސިޓިންރޫމެއް ވެސް ހުންނާނެއެވެ. އަދި ކަސްރަތުކޮށްލާ ނިކުމެ އުޅެލެމަށް ވަކިން ތަންކޮޅެއް ވެސް އޮވެއެވެ.

ރައީސް ޔާމީންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އެދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ އިސްވެރިން އިއްޔެ ވަނީ ކަރެކްޝަންސްއަށް ވަޑައިގަންނަވާފައެވެ. އަދި ބައެއް އިންތިޒާމްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާ ވެސް ކޮށްފައެވެ.

އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަނުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް