ލިވަޕޫލުން ޔުނައިޓެޑާ ދެމެދު ފަރަގު ކުޑަކޮށްފި

ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

އިނގިރޭސި ޕްރިމިއާ ލީގުގައި، ލީގުގެ ގަދަބާރު އަދި އެންމެފަހުގެ ރަނަރަޕް ލިވަޕޫލުން އެސްޓަންވިލާގެ މައްޗަށް ހޯދި މޮޅާއެކު، ތާވަލުގައި ފަސްވަނައިގައި އޮތް މެންޗަސްޓާ ޔުނައިޓެޑާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މުޅި ގޭމު ޑޮމިނޭޓު ކޮށްގެން އެޓޭކިންގް ވަރުގަދަ ގޭމެއް ކުޅެމުން ދިޔައީ ލިވަޕޫލުންނެވެ. ނަތީޖާއެއްގެ ގޮތުން މި ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހައިފައެވެ. މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑު، މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސްރުގެ ތަރި މުހައްމަދު ސަލާހް އެވެ. މިއީ ރޮބާޓްސަން ނަގައިދިން ބޯޅައެއް، ޓެޕްއިން ކޮށްލައިގެން ސަލާހް ޖެހި ލަނޑެކެވެ.

ލިވަޕޫލުން ލީޑު ފުޅާކުރީ 37 ވަނަ މިނެޓުގައެވެ. މިއީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ސަލާހްގެ އެހީތެރިކަމާއެކު ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެންޑައިކު ޖަހައިދިން ލަނޑެކެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ވަރަށް ހަމަޖެހިލައިގެން ލިވަޕޫލުން ދެވަނަ ހާފު ފެށިއިރު، ދެވަނަ ހާފުގައި އެސްޓަންވިލާގެ ކުޅުންތެރިން ވަނީ ކުޅުން ރަނގަޅުކޮށް ނުރައްކާތެރި އެޓޭކުތަކެއް ކޮށްފައެވެ.

އެގޮރުން ދެވަނަ ހާފު ފަށައިގެން ދެ މިނެޓުގެ ތެރޭގައި ވަޓްކިންސް އެސްޓަންވިލާއަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭނާއަށް ބޯޅަ ލިބުނުއިރު އޮފްސައިޑު މަގާމެއްގައި ހުރުމުން ރެފްރީ ވަނީ މިއީ ލަނޑެއް ނޫން ކަމަށް ނިންމައިފައެވެ.

ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެ ޓީމަށް ކާމިޔާބުވީ 59 ވަނަ މިނެޓުގައެވެ. ޑަގްލަސް ލުއިސް ނަގައިދިން ހުރަހަކުން ތަނަވަސްވި ބޯޅައެއް އޭރިއާ ތެރޭގައި ހުރެފައި ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވަޓްކިންސްއެވެ.

ލަނޑަށްފަހު ވެސް މޮޅަށް ކުޅެ، އެސްޓަންވިލާއިން ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އެ ޓީމުގެ ފޯމު ގެއްލުވާލައި، އަލުން މެޗުގައި ލިވަޕޫލުން ކޮންޓްރޯލް ނެގީ އިތުރު ލަނޑެއް ޖަހައިގެންނެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ސްޓެފާން މި ލަނޑު ޖަހައިދިނީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މިއީ ޑާވިން ނުނޭޒް ފޮނުވާލި ހަމަލާއެއް ކީޕަރުގެ އަތުގައި ޖެހިފައި އެނބުރި ކުޅުމުގެ ތެރެއަށް އައުމުން، އެ ބޯޅަ ހޯދައި ކީޕަރު ކައިރިން ނައްޓާލުމަށްފަހު ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ޖެހި ލަނޑެކެވެ.މިއީ ޕްރިމިއާ ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. އުމުރުން 18 އަހަރާއި 65 ދުވަހުގެ ތެރޭގައި މި ލަނޑު ޖަހައިގެން ސްޓެފާން ވަނީ، ރަހީމް ސްޓާލިންގްއަށްފަހު ޕްރިމިއާ ލީގުގައި ލިވަޕޫލްގެ ޖާޒީގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ސަންޑަލެންޑާ ދެކޮޅަށް 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުޅުނު މެޗެއްގެ ތެރެއިން ރަހީމް ސްޓާލިންގް ލަނޑުޖެހީ އޭނާގެ އުމުރުން 18 އަހަރާއި 25 ދުވަހުގެ ތެރޭގައެވެ.

ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

މި ނަތީޖާއާއެކު ލިވަޕޫލް ތާވަލުގެ ހަވަނައިގައި އޮތީ ކުޅުނު 15 މެޗުން 25 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް ޔުނައިޓެޑަށް އެއް މެޗު މަދުންކުޅެ 26 ޕޮއިންޓު ލިބިފައިވެއެވެ. މެޗުން ބަލިބި އެސްޓަންވިލާއަށް ޕޮއިންޓު ތާވަލުގައި، 16 މެޗުން 18 ޕޮއިންޓާއެކު ލިބެނީ 12 ވަނައެވެ.

comment ކޮމެންޓް