ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ޖަލުގެ ޚިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ: އިމްރާން

ރޭގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ކަރެކްޝަން

އަންނަ އަހަރު ހުޅުމާލޭ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ޖަލުގެ ޚިދުމަތްތަކަށް އިންގިލާބީ ބޮޑު ބަދަލުތަކެއް އަންނާނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 26 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ ކޮވިޑުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުގައި ވެސް ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިހާތަނަށް 220 ޖާގަ އިތުރުކުރެވިފައިވާއިރު އަދި އިތުރު 130 މީހުންގެ ޖާގައިގެ ތަނެއް މާފުށީ ޖަލުގައި ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ހައި ސެކިއުރިޓީ ޖަލެއް ހެދުން ވެސް ހިމެނޭނެ. އަދި އަންނަ އަހަރު ހުޅުމާލޭ ޖަލުގައި އެޅުމަށް ހަމަޖެހިފައިވާ ޕްރިޒަން ކޮމްޕްލެކްސް ނިމުމުން ޖަލުގެ ޚިދުމަތްތަކަށް އިންގިލާބީ ބޮޑު ބަދަލުތަކެއް އަންނާނެ،" އިމްރާން ވިދާޅުވިއެވެ.

ޕްރިޒަން ރިފޯމްކުރުމުގެ މަސައްކަތް ފަށައިގަތީ ތިން ކަމަކަށް ބަލައިގެންކަން ފާހަގަ ކުރައްވައި އިމްރާން ވިދާޅުވީ ފުރަތަމަ ކަމަކީ ޕްރިޒަން އޮފިސަރުން ރެކްރޫޓްކޮށް ފުރިހަމައަށް ތަމްރީންކުރުން ކަމަށާއި ދެވަނަ ކަމަކީ ޖަލުތަކަށް ބޭނުންވާ ފުރިހަމަ އިންފްރާސްޓްރަކްޗާ ގާއިމުކުރުން ކަމަށެވެ. އަދި ތިން ވަނަ ކަމަކީ އެކަމަށް ބޭނުންވާ ފުރިހަމަ ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލާ ފުރިހަމަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި 241 އޮފިސަރުން ނޫނީ ގާތްގަނޑަކަށް 30 ޕަސެންޓް އޮފިސަރުން ކަރެކްޝަންގެ ޚިދުމަތަށް އިތުރުކުރެވުނު ކަމަށާއި ކުރިއަށްއޮތް ދުވަސްތަކުގައި އެ އަދަދު 40 ޕަސެންޓަށް އިތުރު ކުރާނެ ކަމަށެވެ.

ކަރެކްޝަނުން ބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު ފެށި ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ކުރުމުގެ މި ޕްރޮގްރާމަކީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

ޖުމުލަ 118 ބައިވެރިންނާއެކު ފެށި މި ޓްރެއިނިންގެ ތެރެއިން 113 މީހަކު ވަނީ ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށްފައި ކަމަށް ކަރެކްޝަނުން ބުނެއެވެ.

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 26 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ކަރެކްޝަން

ވޭތުވެ ދިޔަ ތިން މަސް ތެރޭގައި ފުރިހަމަ ކުރި އެ ތަމްރީން ޕްރޮގްރާމަކީ ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމަށް ޓަކައި އުފުލަންޖެހޭ ބޮޑު ޒިންމާއެއް ކަން ފާހަގަކުރައްވައި، ތަމްރީންގެ ދަސްވެނިންނަށް އިމްރާން ވިދާޅުވީ ޖަލު ބެލެހެއްޓުމަކީ ވަރަށް ރިސްކު ބޮޑު އެހާމެ ދަތިއުނދަގޫތަކާ ބައެއް ފަހަރު ކުރިމަތި ލާންޖެހޭ ކަމެއްކަމަށެވެ.

އެމަނިކުފާނު އޮފިސަރުން ކިބައިން އިލްތިމާސް ކުރެއްވީ އެފަދަ ކަންތައްތަކާ ކުރިމަތިލަމުންދާއިރު، ހިތްހެޔޮކަމާއި މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި ކެތްތެރިކަމާއެކު ގާނޫނު ތަންފީޒުކޮށްދިނުމަށެވެ.

comment ކޮމެންޓް