ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި މަޓުއިޑީ ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ބްލެއިސް މަޓުއިޑީ ވޯލްޑް ކަޕުގެ ޓްރޮފީއާއެކު --

2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފްރާންސްއިން ކާމިޔާބު ކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކުރި މިޑްފީލްޑަރު، ބްލެއިސް މަޓުއިޑީ, ފުޓުބޯޅަ ކުޅުން ހުއްޓާލައި، ރިޓަޔާމަންޓް އިއުލާނު ކޮށްފިއެވެ.

މިކަން ހާމަކޮށް މީސްމީޑިއާގައި އޭނާ ބުނެފައި ވަނީ، ފުޓުބޯޅައަކީ އޭނާގެ ދިރިއުޅުމުގައި ބޮޑެތި ކަންތައްތަކެއް ހާސިލްކޮށްދިން މެދުވެރިޔާ ކަމަށާއި، މިއީ އޭނާ ވަރަށް ލޯބިވާ ކަމެއް ކަމަށެވެ. އެހެންނަމަ ވެސް މިއީ އޭނާ ފުޓުބޯޅަ ކުޅުން ހުއްޓާލަންވީ ވަގުތު ކަމަށް މަޓުއިޑީ ބުނެފައިވެއެެވެ.

އަދި އެންމެ ކުޑައިރުއްސުރެ ދެކުނު ހުވަފެންތަކާއި، ބޮޑުވި ފަހުން ވެސް ދެކުނު އެންމެހާ ހުވަފެންތައް ހަގީގަތަކަށްވީ ފުޓުބޯޅައިގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. އަދި ދެރަވެފައި ހުރެވިޔަސް، ފުޓުބޯޅަ ހަޔާތުގެ ފަހު ސޮފުހާ މި އެއްލައިލަނީ ނުހަނު ފަހުރުވެރިކަމާއެކު ކަމަށް މަޓުއިޑީ ބުނެފައި ވެއެވެ.

މީސްމީޑިއާގައި އާންމުކުރި ޕޯސްޓާއެކު، އޭނާ ވަނީ 30 މިނެޓުގެ ވަދާއީ އިންޓަވިއުއެއް ވެސް ހިއްސާކޮށްފައެވެ.

17 އަހަރުގެ ކެރިއަރަކަށްފަހު މަޓުއިޑީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާކުރިއިރު، އޭނާ ވަނީ ކެރިއަރުގައި ހައިބަތު ބޮޑު 22 ޓްރޮފީއެއް އުފުލާލާފައެވެ. އޭނާ އެންމެފަހުން ވާދަވެރި ފުޓުބޯޅަ މެޗެއް ކުޅެފައި ވަނީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

2004 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި މަޓުއިޑީ ވަނީ ފްރާންސާއި އިޓަލީގެ ބޮޑު ކުލަބުތަކަކަށް ކުޅެފައެވެ. އެގޮތުން 2011 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު ފްރާންސްގެ ޕީއެސްޖީއަށް ކުޅުމަށްފަހު 2020 ވަނަ އަހަރާއި ދެމެދު އިޓަލީގެ ޔުވެންޓަސްގެ ޖާޒީގައި މަޓުއިޑީ ފެނިގެންދިޔައެވެ.

ޔޫރަޕު ފުޓުބޯޅަ ދޫކޮށްލުމަށްފަހު މަޓުއިޑީ އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ އިންޓާ މަޔާމީއަށް ކުޅެން ފެށީ 2020 ވަނަ އަހަރުއެވެ. ރިޓަޔާ ކުރުމާ ހަމައަށް އޭނާ ހުރީ އެ ޓީމުގެ ކޮންޓްރެކްޓުގައެވެ.

2010 ވަނަ އަހަރާއި 2019 ވަނަ އަހަރާ ދެމެދު ފްރާންސްގެ ސީނިއާ ގައުމީ ޓީމަށް ކުޅެން ފެށި މަޓުއިޑީ ވަނީ އެ ޓީމަށް ކުޅެދިން 84 މެޗުން ނުވަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މަޓުއިޑީ ވަނީ ޔުވެންޓަސްއާއި ޕީއެސްޖީގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ޖުމްލަ ހަތް ލީގު ކަޕް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ވެސް އެ ކުލަބުތަކާއެކު އޭނާ އެކި މުބާރާތްތައް ކާމިޔާބު ކޮށްފައި ވެއެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލިއިރު މަޓުއިޑީގެ އުމުރަކީ 35 އަހަރެވެ.

comment ކޮމެންޓް