އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ނަޝީދު ފޯމް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހުގައި --- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު އިއުލާންކުރެއްވީ މިދިޔަ އާދިއްތަ ދުވަހެވެ. އެމަނިކުފާނު މިހާރު ފޯމް ހުށަހަޅުއްވާފައިވާކަން ހާމަކުރެެއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފެވެ.

ރައީސް ނަޝީދުގެ ރިޔާސީ ކެމްޕެއިނާއި އެމަނިކުފާނަށް ތާއިދު ކުރާ މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހުން ފެށިގެން، މާލެ އާއި އަތޮޅުތެރޭގައި ކުރިއަށްގެންގޮސްފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ.

އެ ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ މީހުން 500 މެންބަރުންގެ ތާއީދު ފޯމާއެކު ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ.

ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

އެ ޕްރައިމަރީ އިއުލާނުކޮށްފައިވަނީ ޕާޓީ ތެރޭގައި ރައީސް ނަޝީދަށް ތާއިދު ކުރާ ފެކްޝަނަކާއި ރައީސް ޞާލިޙަށް ތާއިދު ކުރާ ފެކްޝަނެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އެ ދެ ބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައި ވަނީ ރާއްޖޭގައި އޮންނަން އެދޭ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުންނެވެ. އެގޮތުން ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިޙް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ.

comment ކޮމެންޓް