ކެމްޕެއިނަށް ބޭނުންކުރާ ޕޯސްޓަރު ހަރުކުރުމަށް ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މާލޭގައި ބެނާ ދެމުމާއި ޕޯސްޓަރު ހަރުކުރުމަށް އެދޭ ފަރާތްތަކުން ސިޓީ ކައުންސިލަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕާޓީތަކުން ބާއްވާ އިންތިޚާބުތަކާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރުމަށް ތައްޔާރު ކުރާ ޕޯސްޓަރުތަކާއި ބެނާތައް މާލެ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެހެއްޓުމާއި ހިއްޕުމަށް އެދޭ ފަރާތްތަކުން ހުއްދަ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ބޭނުންތަކުގެ އިތުރުން ވެސް އެކިއެކި ކަންކަމާ ގުޅިގެން މާލޭގައި ބެނާ ދެމުމާއި ޕޯސްޓަރު ހަރުކުރުމަށް އެދޭ ފަރާތްތަކުން ސިޓީ ކައުންސިލުގައި އެދުމަށެވެ. އަދި ކައުންސިލުގެ ހުއްދަނެތި މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ބެނޭ ދެމުމާއި އިޝްތިހާރު ހިއްޕާ ހެދުމަކީ މަނާ ކަމެއް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނީ އެ ކައުންސިލުގެ ހުއްދަ ނެތި އެފަދަ ބެނާތަކާއި އިޝްތިހާރުތައް ހަރު ކޮށްފިނަމަ އެކަން ކުރާ ފަރާތެއް، ދުވާލެއްގެ މައްޗަށް 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި އެފަދަ އިޝްތިހާރާއި ބެނާތައް ވަގުތުން ނަގާ، ނައްތާލެވޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން ކައުންސިލުގެ ހުއްދަނެތި މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ދަމާ ބެނާތަކާއި ހަރުކުރާ އިޝްތިހާރުތައް ނަގާ ނައްތާލުމުގައި ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

comment ކޮމެންޓް