ރެއާލުން އެމްބާޕޭ ގެނައުމަށް ބިލިއަން ޔޫރޯ ހުށަހަޅަން ތައްޔާރުވަނި

ކިލިއަން އެމްބާޕޭ --

ފުޓުބޯޅައިގައި މިވަގުތު ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، ކިލިއަން އެމްބާޕޭގެ ސޮއި ހޯދުމަށް އަނެއްކާވެސް ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފި ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ކުޅިވަރު ނޫހަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމްބާޕޭ ގެނައުމުގެ މަސައްކަތަށް ރެއާލުން އެއް ބިލިއަން ޔޫރޯގެ ހުށަހެޅުމެއް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މިހާތަނަށް ރަސްމީކޮށް ރެއާލްއިން ޕީއެސްޖީއަށް މި ހުށަހެޅުން ހުށަހަޅާފައި ނުވާއިރު، ރިޕޯޓުތައް ބުނާގޮތުން 1.56 ބިލިއަން ޔޫރޯގެ ޕްރޮޕޯސަލްއެއް ރެއާލްއިން މިހާރު ވަނީ ތައްޔާރު ކޮށްފައެވެ.

މި ޕްރޮޕޯސަލްގައިވާ ގޮތުން، ރެއާލްއަށް ބަދަލުވާން އެމްބާޕޭ ނިންމައިފިނަމަ، އެ ކުަލަބާއެކު އޭނާ ހަދާނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެކެވެ. ހަތަރު އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި އޭނާއަށް 994.632 މިލިއަން ޔޫރޯ ލިބޭނެއެވެ. އަދި ޓްރާންސްފާ ފީއާއި ކޮމިޝަން ފީގެ ގޮތުގައި ރެއާލުން ޕީއެސްޖީއަށް 149.65 މިލިއަން ޔޫރޯ ދައްކާނެއެވެ. އަދި އެހެން ބައެއް ޚަރަދުތަކާއި ފީއާއެކު ޖުމްލަ 1.56 ބިލިއަން ޔޫރޯއަށް މި ޓްރާންސްފާގެ އަގު އަރާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރެއާލްއިން އެމްބާޕޭގެ ސޮއި ހޯދުމަށް އަނެއްކާވެސް މަސައްކަތް ފަށާފައިވާއިރު، މީގެކުރިން ތިން ފަހަރެއްގެ މަތިން ރެއާލުން އޭނާ ގެނައުމަށް ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އެގޮތުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެއީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައެވެ.

ޕީއެސްޖީއާއެކު މީގެކުރިން އެމްބާޕޭ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާގޮތަށް އޮތްއިރު، މި އަހަރުގެ ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި ރެއާލުން އެމްބާޕޭ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެންނަމަވެސް ޕީއެސްޖީން އެކަމަށް އިންކާރު ކުރުމުން ރެއާލުން ދެން މަޑުކުރީ ޖޫން މަހު އެމްބާޕޭގެ ކޮންޓްރެކްޓް ހަމަވުމުން، ފްރީ އެޖެންޓެއްގެ ގޮތުގައި އެމްބާޕޭ ގެނައުމަށެވެ.

ރެއާލްއަށް އެމްބާޕޭ އަންނާނެ ކަމަށް ގިނަބަޔަކު ގަބޫލުކޮށްގެން ތިއްބައި، އެންމެން ހައިރާން ކޮށްލުމަށްފަހު އެމްބާޕޭ ވަނީ ޕީއެސްޖީގެ އެއްބަސްވުން އައުކޮށްފައެވެ. އެއްބަސްވުން އައުކުރީ އިތުރު ދެ އަހަރު އެކުލަބަށް ކުޅޭ ގޮތަށެވެ. އެހެންނަމަ ވެސް ދެ ފަރާތުން އެއްބަސްވާނަމަ އިތުރު އެއް އަހަރަށް އެއްބަސްވުން ދިގުދަންމާލުމުގެ ބާރު އޮންނަ ގޮތަށް މި ކޮންޓްރެކްޓުގައި ވެއެވެ.

ރެއާލް މެޑްރިޑަށް ކުޅުމަކީ އެންމެ ބޮޑު ހުވަފެންކަމަށް އެމްބާޕޭ ތަކުރާރުކޮށް ބުނަމުންދިޔައިރު، ރެއާލްއަށް ނޫނެކޭ ބުނެ، ޕީއެސްޖީގައި މަޑުކުރަން އެމްބާޕޭ ނިންމުމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވިއެވެ.

ފާޑުކިޔުންތައް އޭނާއަށް އެންމެ ބޮޑަށް އަމާޒުވީ، ޒުވާން އުމުރެއްގައި ފައިސާގެ ދަހިވެތިކަމުގައި އޭނާ ފުޓުބޯޅައިގައި ކުރިއަށްދާން އޮތް ފުރުސަތު ނަގާލީ ކަމަށް ބުނެއެވެ.

އެފަހަރު ޕީއެސްޖީގައި އެމްބާޕޭ މަޑުކުރުވުމަށް އެކުލަބުގެ ސަޕޯޓަރުންނާއި ކުލަބުގެ މެނޭޖުމަންޓުން ފެށިގެން ފްރާންސްގެ ރައީސް ވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ޕީއެސްޖީގައި އެމްބާޕޭ މަޑުކުރުވުމަށްޓަކައި އެކުލަބުން އޭނާއަށް އަހަރަކު 100 މިލިއަން ޔޫރޯ ހުށަހެޅި ކަމަށާއި ސައިނިންގް ބޯނަސް އެއްގެ ގޮތުގައި 200 މިލިއަން ދިނުމަށްވެސް ޕީއެސްޖީން ހުށަހަޅާފައިވާ ކަމަށްވެއެވެ.

މީގެއިތުރުން މި އެއްބަސްވުމުގެ ދަށުން އެމްބާޕޭއަށް ޕީއެސްޖީގެ ހިއްސާ ލިބޭނެ މާއްދާއެއްވެސް ހިމަނާފައިވާކަމަށް އަޑުތައް ފެތުރިފައިވާއިރު، ކުލަބަށް ކޯޗުން އައްޔަންކުރުމުގައިވެސް އަދި ކުލަބަށް އެމްބާޕޭ ބޭނުންވާ ކުޅުންތެރިން ގެނައުމުގެ އިޚްތިޔާރުވެސް، ގަތަރުގެ މަހުޖަނުން ވެރިންނަށް ތިބި މި ކުލަބުން ވަނީ އެމްބާޕޭއަށް ދީފައިކަމަށްވެސް އަޑުތައް ފެތުރިފައިވެއެވެ.

އަދި އިމޭޖް ރައިޓުގެ ހުރިހާ ބާރެއްވެސް އެމްބާޕޭ އަށް ލިބޭ ގޮތަށް ހުށަހަޅާފައިވާ ކަމަށްވެއެވެ.

comment ކޮމެންޓް