ބޭބެއަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ކޮއްކޮގެ ބަންދަށް 15 ދުވަސް

ބޭބެގެ ބޮލަށް ވަޅި ހެރި މައްސަލައިގައި ހައްޔަރު ކުރި ކޮއްކޮ --- ސަން ފޮޓޯ/ ނަހުދާ ފާއިޒް

ހެންވޭރު ގެއެއްގައި އިއްޔެ ހިނގި ހަމަނުޖެހުމެއްގައި ބޭބެއަށް ވަޅިން ހަމަލާދިން ކޮއްކޮގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިއެވެ.

ހެންވޭރު ގެއެއްގައި ދެމީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު އިއްޔެ މެންދުރު 12:21ގައި ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

އެ މާރާމާރީގައި ޒަޚަމްވި 37 އަހަރުގެ މީހާއަށް ފަރުވާދިނުމަށް ގެންގޮސްފައިވަނީ ސެނެހިޔާ ހޮސްޕިޓަލަށެވެ. އޭގެ ފަހުން އޭނާގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 25އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އޭނާ ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދިން ނަމަވެސް ފުލުހުން އިއްޔެ ބުނީ، މިހާތަނަށް ބެލިބެލުމުން އެ މަރާމާރީއަކީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގައިދިޔަ ކަމެއް ކަން އެނގިފައިވާކަމަށެވެ.

އެ މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް