ރާއްޖޭގެ އިގުތިސާދާއި ވަޒީފާއާ ގުޅޭ ޚާއްސަ ރިސާޗު ސެންޓަރެއް އިފުތިތާހުކޮށްފި

ރާއްޖޭގައި އިގުތިސާދީ ދާއިރާއާއި ވަޒީފާގެ މާހައުލާ ގުޅުން ހުރި ޚާއްސަ ރިސާޗުތަކެއް ކުރާނެ ރިސާޗު ސެންޓަރެއް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގައި އިގުތިސާދީ ދާއިރާއާއި ވަޒީފާގެ މާހައުލާ ގުޅުން ހުރި ޚާއްސަ ރިސާޗުތަކެއް ކުރާނެ ރިސާޗު ސެންޓަރެއް މިއަދު އިކޮނޮމިކް މިނިސްޓްރީން އިފުތިތާހުކޮށްފިއެވެ.

މިއީ މި އަަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ސޮއިކުރި އެމްއޯޔޫއެއްގެ ދަށުން، ޔޫއެންޑީީޕީ މޯލްޑިވްސްގެ އެހީތެރިކަމާއެކު އުފެއްދި ރިސާޗު ސެންޓަރެކެވެ.

ހޮޓެލް ޖެންގައި މިއަދު އޮތް ހަފުލާއެއްގައި، މި ސެންޓަރު އިފުތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު އަޙްމަދު އަސްލަމެވެ.

އެ ހަފުލާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަންގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމާއި ޔޫއެންޑީޕީއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ރެޒިޑެންޝަލް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާ ވެސް ބައިވެރިވެލެއްވިއެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވި ގޮތުގައި، މި ރިސާޗު ސެންޓަރަކީ މި ސަރުކާރުގެ މެނިފެސްޓޯގައިވާ އޯޕަން ޑޭޓާ ޕޮލިސީގެ މަގްސަދު ހާސިލްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

"ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި، ދިރާސާ ކުރެވި ފުރިހަމަ މައުލޫމާތު ލިބިގެން ނިންމުންތައް ނިންމުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެން. ވަކީން ޚާއްސަ ގޮތެއްގައި ފާއިތުވެގެން ދިޔަ އަހަރުތަކުގެ ތެރޭގައި ސަރުކާރުތަކުން ގެނެސްދީފައިވާ މުހިންމު ބަދަލުތަކުގެ ސަބަބުން އެ އަންނަ އިމްޕެކްޓުތައް ބަލައި ދިރާސާކޮށް އަބަދުމެ ދިރާސާކުރުމަކީ ވަރަށް މުހިންމު ކަމެއް،" ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖޭގައި އިގުތިސާދީ ދާއިރާއާއި ވަޒީފާގެ މާހައުލާ ގުޅުން ހުރި ޚާއްސަ ރިސާޗުތަކެއް ކުރާނެ ރިސާޗު ސެންޓަރެއް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ހަމައެއާއެކު ސަރުކާރުގެ މިނިސްޓްރީތަކުގައި ގިނަ އަދަދެއްގެ މައުލޫމާތުތަކެއް އެއްކޮށްފައި ހުރި ނަަމަވެސް އެ ހުންނަނީ ފަސޭހައިން ލިބޭނެފަދަ ގޮތަކަށް ނޫންކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އެ ހަފުލާގައި ވާހަަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވެސް ވަނީ ރިސާޗު ސެންޓަރެއް ހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

އެގޮތުން ރާއްޖެއަކީ ތަރައްގީވަމުން އަންނަ މެދު ފަންތީގެ ގައުމަކަށް ވުމުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދިރާސާކުރާ ބޭރުގެ އިދާރާތަކުން ވެސް މިހާރު ހޯދަން ބޭނުންވަނީ ރާއްޖޭގައި ކޮށްފައިހުރި ދިރާސާތައް ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ. އަދި އެ އިދާރާތަކުން ރާއްޖޭގައި އަމިއްލައަށް ދިރާސާތައްކޮށް މައުލޫމާތު ނުނަގާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އެ އިދާރާތަކުން އުންމީދުކުރާ މިންގަނޑަށް ރިސާޗުތައް ތަރައްގީކުރުން މުހިންމުކަމަށް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ދުނިޔޭގައި ހުރިހާ ގައުމަކުން ވެސް ބޭނުންވަނީ ފައިސާގެ ގޮތުންނާއި ނުފޫޒުގެ ގޮތުން ބާރުގަދަވާން. އެ ގައުމެއްގެ ރައްޔިތުން އުފަލުގައި ގެންގުޅެން. ރާއްޖެ އެންމެ ދަށް ފަންތީގައި އޮތް ގައުމަކުން ތަރައްގީވަމުން އަންނަ މެދު މިނުގެ ގައުމަކަށް ވުމަކީ ބޭރުގެ އިދާރާތަކުން ރާއްޖެއާ މެދު ދެން ގެންގުޅޭނެ ވިސްނުން ވެސް އިތުރަށް ވަރުގަދަވާނެ ކަމެއް،" އަސްލަމް ވިދާޅުވިއެވެ.

މި ރިސާޗު ސެންޓަރު މިއަދު އިފުތިތާހުކޮށްފައިވާއިރު ރިސާޗުތައް ފެންނާނެ ވެބްސައިޓެއް ވެސް ވަނީ އިފުތިތާހުކޮށްފައެވެ. އަދި އިކޮނޮމިކް ރިސާޗު ސެންޓަރުގެ ކަރުދާހެއް ވެސް ވަނީ ނެރެފައެވެ.

މި ވެބްސައިޓުން ދިރާސާތައް ފެންނާނެއެވެ. އަދި އެ ސެންޓަރުން އެއްކުރާ މައުލޫމާތުގެ ތަފާސްހިސާބުތައް ވެސް ފަސޭހައިން ލިބެން ހުންނާނެއެެވެ.

comment ކޮމެންޓް