ލިޓްލް މާމެއިޑް ކާސްޓު ކުރީ ނަސްލަށް ނުބަލާ: ޕްރޮޑަކްޝަން

ޑިޒްނީގެ ކްލެސިކް ޕްރިންސެސް އެނިމޭޝަން ކަމަށްވާ "ދަ ލިޓްލް މާމެއިޑް"ގެ ލައިވްއެކްޝަން ފިލްމުގެ ލީޑަށް އެކްޓަރެއް ހޮވުމުގައި ބަލާފައިވަނީ އެކްޓަރުންގެ ހުނަރަށް ކަމަށާއި ނަސްލަށް އެއްވެސް ވަރަކަށް ބަލާފައި ނުވާނެ ކަމަށް ޕްރޮޑަކްޝަނުން ބުނެފިއެވެ.

ލިޓްލް މާމެއިޑްގެ ލައިވް އެކްޝަން ފިލްމެއް ނެރޭނެ ކަމަށް އިއުލާނުކޮށް ކާސްޓު އިއުލާނު ކުރުމާ އެކު ހުޅަނގުގެ ގިނަ ބައެއްގެ ފަރާތުން ލިބުނީ ނުރުހުމެވެ. އެއީ "ދޮން" ލިޓްލް މާމެއިޑްގެ ބަދަލުގައި ފިލްމަށް ކަޅު ނަސްލުގެ އެކްޓަރެއް ކާސްޓު ކުރުމުންނެވެ.

ގިނަ ބަޔަކު ބުނަމުން އައީ މިއީ ހަގީގަތާ ދެކޮޅު ވާހަކައެއް ކަމަށާއި ކަޅު ނަސްލުގެ މާމެއިޑެއް ނޫޅޭނެ ކަމަށެވެ.

ދެން މިއަހަރު ފުރަތަމަ ފަހަރަށް އެ ފިލްމުގެ ޓީޒާ އާންމުކުރިއެވެ. އެއާއެކު ފުރަތަމަ ފަހަރަށް ލިޓްލް މާމެއިޑްގެ ރޯލުން ޒުވާން އެކްޓަރު ހޭލީ ބެއިލީ ފެނިގެން ދެއެވެ. މިކަން ހުޅަނގުގެ ގިނަ ބަޔަކަށް ކަމަކު ނުދިޔައެވެ. އަދި އެތައް ބަޔަކު ގޮވަމުން ދިޔައީ ހޮލީވުޑް މަސައްކަތް ކުރަނީ ފޭކު "ވޯކް" ވާށެވެ.

އެންމެފަހުން މި ވާހަކަތަކަށް ޑިޒްނީގެ ފިލްމުގެ ޕްރޮޑަކްޝަނުން ވަނީ ރައްދެއް ދީފައެވެ. ފިލްމުގެ ޑައިރެކްޓަރު ރޮބް މާޝަލް ބުނެފައިވާގޮތުގައި އެ ފިލްމަށް ކަޅު ނަސްލުގެ އެކްޓަރެއް ހަމަޖައްސާފައިވަނީ އެއްވެސް އެޖެންޑާއެއް އޮވެގެނެއް ނޫނެވެ.

މާޝަލް ބުނީ، އެ ރޯލަށް އެކްޓަރެއް ހޯދިއިރު ބޭނުންވީ ހަމައެކަނި އެ ރޯލަށް އެންމެ ރަނގަޅު އެކްޓަރު ކަމަށެވެ. އަދި އެކަމަށް ވަކި ނަސްލެއް އަދި ވަކި ގްރޫޕެއް ނުހިމެނޭނެ ގޮތަށް އޮޑިޝަން ވެސް ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.

އެ ރޯލަށް އެންމެ ބޭނުންވަނީ އެކްޓު ކުރުމުގެ ފުރިހަމަ ހުނަރު ހުރުމުގެ އިތުރުން ބޮޑެތި ޕަވާ ބެލެޑްތައް ކިޔާލެވޭ ވަރުގެ އަޑެއް ހުރި އެކްޓަރެއް ކަމަށް މާޝަލް ބުންޏެވެ. އެ ހުރިހާ ގޮޅިތަކަކަށް އެންމެ ފުރިހަމަ އެކްޓަރަކީ ބެއިލީ ކަމަށް މާޝަލް ފާހަގަކުރިއެވެ.

ލިޓްލް މާމެއިޑްގެ އާ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 23ގައެވެ.

comment ކޮމެންޓް