ބޯޓަށް މުދާ އެރުވުމުގެ ބުރަ މަސައްކަތް، އީޖާދީ އުފެއްދުމަކުން ފަސޭހަކޮށްދީފި

"ކާމިޔާބު 3" ބޯޓަށް މުދާ އަރުވަން ހަދާފައިވާ މުދާ އުފުލާ ރޯލު ---

މާލެ ދަތުރުކުރާ ބޯޓުތަކަކީ ދިވެހިންގެ ދިރިއުޅުމުގެ ބޮޑު ބައެކެވެ. އެންމެ ކުރިން ފެށިގެން ވެސް ރާއްޖެތެރޭގެ ރަށްރަށުގެ މީހުން މާލެ ދަތުރުކުރުމަށް ބޭނުންކުރާ ވަސީލަތަކީވެސް އެއީއެވެ. ހަމައެގޮތަށް މުދާ އުފުލުމާއި މާލޭގެ މާރުކޭޓުން ފެންނަ ދަނޑުވެރިކަމުގެ އެކި ބާވަތްތައް މާލެ ގެންނަނީވެސް އެ ބޯޓުތައް މެދުވެރިކޮށެވެ.

ގައުމު ތަރައްގީވެ ބަވަނަވުމާއެކު އެ ބޯޓުތަކުން މީހުން މިހާރު ދަތުރުކުރާ މިންވަރު ވަނީ މަދުވެފައެވެ. ނަމަވެސް އެކި ބޭނުންތަކަށް އަދިވެސް އެ ބޯޓުތައް މާލެ ދަތުރުކުރެއެވެ. އާންމުކޮށް މުދާ އުފުލުމަށެވެ.

ޒަމާން ބަދަލުވިޔަސް ބޯޓުފަހަރުން މުދާ އުފުލުމުގައި ފަޅުވެރިން އަދިވެސް އުޅެނީ ހަމަ ކުރިން އުޅުނު ހާލުގައެވެ. އެކަމަށް ނިމުން ގެނެސް އަމިއްލަ ވިސްނުމުން ޒަމާނީ ހައްލެއް އެކަމަށް ގެނައީ ރ. އިނގުރައިދޫގައި އޮންނަ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ކާމިޔާބު 3"ގެ ވެރިޔާ އަބްދުއްރަހްމާން އިބްރާހީމެވެ.

އަބްދުއްރަހްމާންގެ ނަސީބު ބޯޓުން މިހާރު ކޮންމެ ހަފުތާއަކު އެއް ދަތުރު ނުވަތަ ދެ ހަފުތާއަކު އެއް ދަތުރު މާލެއަށް ކުރެއެވެ. އެ ބޯޓުން ކުރަނީ މުދާ އުފުލުމުގެ މަސައްކަތެވެ. އަބްދުއްރަހްމާންގެ ބޯޓު ފާހަގަކޮށްލެވޭ ސަބަބަކީ މިހާރު އޭނާގެ ބޯޓަށް މުދާ ލާކަށް މީހުން އެ ބޯޓަށް އަރަން ނުޖެހޭތީއެވެ.

އެ ބޯޓަށް މުދާ އަރުވާ މީހަކު ޖެޓީ މަތީގައި ހުރެގެން، ބޯޓުގެ ވަކި ބަޔަކަށް މުދާ ފޮނުވާލެވެއެވެ. އެއީ އަބްދުރަހްމާން އަމިއްލައަށް އުފެއްދި މުދާ އުފުލާ ރޭމްޕުގެ އެހީގައެވެ. ކަރަންޓަށް ގުޅާފައި ހުންނަ އެ ރޭމްޕުގެ މައްޗަށް މުދާ ލުމުން ބޯޓުގައި މުދާ ބަހައްޓާ ބަޔަށް މުދާ ފޯރުކޮށްދެއެވެ.

އަބްދުއްރަހްމާން ބުނި ގޮތުގައި އޭނާ އެ ރޭމްޕް އުފެއްދީ އޭނާ އަމިއްލައަށް ކުރި މަސައްކަތުން އެންމެ ހަތަރު ދުވަހުގެ ތެރޭގައެވެ. ދަގަނޑާއި ކަރަންޓާއި ރޯލު އަދި ހޮޅި ބޭނުން ކޮށްގެން އޭނާ އުފެއްދި އީޖާދަކީ ހުއްޓުމެއްނެތި، 24 ގަޑިއިރު ހަ މީހުންގެ މަސައްކަތް އެއް ފަހަރާ ކުރާނެ މެޝިނެއް ކަމަށް އަބްދުއްރަހްމާން ބުންޏެވެ.

ބޯޓު ފަހަރުގައި އުޅޭ ފަޅުވެރިންނަށް ފަސޭހަތަކެއް ގެނުވާނެ އެ އީޖާދަކީ އަބްދުއްރަހްމާންގެ ހުސް ވަގުތުގައި މަސައްކަތްކޮށްގެން އުފެއްދި އެއްޗެއް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަކީ މިހެން އުޅޭއިރު ކޮންމެސް ސަކަރާތެއް ޖަހާ މީހެއް. ދެން އެހެންވީމަ ލިބޭ ހުސްވަގުތުގަ އަބަދުވެސް ކޮންމެސް މަސައްކަތަކެއްގަ އުޅޭނި. އެގޮތުގެ މަތިން އުފެއްދި އެއްޗެއް އެއީ،" އަބްދުއްރަހްމާން ބުންޏެވެ.

އޭނާ ބުނީ މިހާރު ބިދޭސީ ފަޅުވެެރިން ވަރަށް ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން ބޯޓުގައި އުޅެނީ ދެތިން ފަޅުވެރިއެއް ކަމަށެވެ.

އެހެންކަމުން އެ މުދާ އުފުލާ ރޭމްޕަކީ އެމީހުން ކުރަން ޖެހޭ މަސައްކަތް މަދުކޮށް، މުދާ ބޯޓަށް ލުމަށާއި ބޭލުމަށް ފަސޭހަ ކުރުމުގެ ގޮތުން އުފެއްދި އެއްޗެއް ކަމަށް އޭނާ ބުންޏެވެ.

އެ ރޭމްޕް މަސައްކަތް ކުރާ ގޮތުގެ ސަބަބުން މީހުންނަށް ހައިރާންކަން ލިބޭކަމަށް އަބްދުއްރަހްމާން ބުންޏެވެ. އަދި އޭގެ ފޮޓޯ ނަގައިގެން އޭގެ އެއްޗެއް އުފެއްދުމުގެ މަސައްކަތް ވެސް ބައެއް މީހުން ކުރާކަން އެނގޭކަމަށް އޭނާ ބުންޏެވެ.

މިފަދަ އީޖާދުތަކުގެ ސަބަބުން މަސައްކަތަށް އަވަސްވެ، ފަސޭހަވެއެވެ. ޒަމާނާ އެއްވަރަށް މީހުންގެ ވިސްނުން ތަރައްގީވެގެން ވެސް މީހުން ޝައުގުވެރިވާފަދަ ބޭނުންތެރި އުފެއްދުންތަކެއް އުފެއްދި ދާނެކަން އަބްދުއްރަހްމާން ސާބިތުކޮށްދީފިއެވެ.

comment ކޮމެންޓް