އަންހެން ކުއްޖަކު، ބޭބެ ބޮލަށް ވަޅި ހަރައިފި

ބޭބެ ބޮލަށް ވަޅި ހެރި މައްސަލައިގާ އަންހެން ކުއްޖަކު ހައްޔަރުކޮށްގެން ގެންދަނީ--- ސަން ފޮޓޯ/ ނަހުދާ ފާއިޒް

ހެންވޭރު ގެއެއްގައި ހިނގި ހަމަނުޖެހުމެއްގައި ބޭބެއަށް ވަޅިން ހަމަލާދިން ކޮއްކޮއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގައި ދެމީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 12:21ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި ޒަޚަމްވި މީހާއަށް ސެނެހިޔާގައި މިހާރު ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ޒަޚަމްވި މީހާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހަމަލާ ދިން މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ އަނިޔާވެގެން ފަރުވާދެމުން ދަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިހާތަނަށް ބެލިބެލުމުން އެ މަރާމާރީއަކީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގައިދިޔަ ކަމެއް ކަން އެނގިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ ސަރަހައްދުގައި އެވަގުތު ތިބި މީހުން "ސަން" އަށް މައުލޫމާތުދިން ގޮތުގައި އެ ހަމަނުޖެހުން ހިނގީ ކޮއްކޮ އާއި އެއްބަނޑު އެއްބަފާ ބޭބެއާ ދެމެދުއެވެ.

comment ކޮމެންޓް