އެފްބީއިން އިންސްޓަގްރާމް މިލްކުކޮށްފި

ކެވިން ސިސްޓްރޯމްގެ ބެލެނިވެރިކަމުގެ ދަށުގައި ހިނގައިގަތް އިންސްޓާގްރާމް މީހުންގެ ހިތްތަކުގައި ފަތަހަ ކުރުމަށްފަހު އެންމެ ފަހުން އައި ހަބަރަކީ މިދިޔަ ހަފުތާގެ ތެރޭގައި އެންޑްރޮއިޑް ޑިވައިސްތަކަށް ވެސް އިންސްޓަގްރާމް ވަނީ ލޯންޗްކޮށްލުމެވެ. އެއަށް ފަހު އައި އެންމެ ހައިރާ ކުރުވި ހަބަރަކީ އެންމެނަށް މަގުބޫލް ވެފައިވާ ފޮޓޯ ޝެއާރިންގް މި އެޕްލިކޭޝަން ފޭސްބުކްގެ މުށުތެރެއަށް ގެންދިޔަ ހަބަރެވެ. ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް އޭނާގެ މިލްކަކަށް އިންސްޓަގްރާމް ހެދީ އެއް ބިލިޔަން ޑޮލަރު ދީފަ އެވެ.

އިންސްޓަގްރާމް ގަނެލުމަށްފަހު ފޭސްބުކްގެ ސީއީއޯ މާކް ޒަކާބާގް އެ ހަބަރު ދުނިޔެއަށް ފަތުރައިލީ ވެސް ފޭސްބުކްގައި ޖަހައިލި ސްޓޭޓަސް އަކުންނެވެ. އެއާއެކު އެހަބަރު ވެގެން ދިޔައީ އިންޓަނެޓްގައި އެންމެ ޓްރެންޑިން ހަބަރެވެ.

ޒަކަބާގް ބުނެފައި ވަނީ ފޭސްބުކް އަބަދުވެސް ފާރަލައިލާ އޮންނަނީ ފޮޓޯ ޝެއާ ކުރުމުގެ މޮޅު އީޖާދުތައް ކުރަން ކަމަށާއި ފޭސްބުކާއި އިންސްޓަގްރާމް ހީރަސް ޖަހައި ބަންޑެލިކޮށްލުމުން ކުރިޔަށް އޮތްތާނގައި ފޭސްބުކްގެ ތެރެއިން ވެސް ޗާލު ފޮޓޯތަކެއް ސިފަވެގެން ދާނެ ކަމަށެވެ. އެ އިޝާރާތް ވެސް އޭނާ ވަނީ ސްޓޭޓަސް މެދުވެރިކޮށެވެ. ނަމަވެސް އިންސްޓާގްރާމްގައި މިހާރު ހިނގަމުންދާ ފޮޓޯ ޝެއާރިން ސޯޝަލް ނެޓްވޯކްތެރެއަށް ނުވައްދާނެ އެވެ. ބަދަލުގައި އިންސްޓަގްރާމް ބާއްވާނީ މިނިންވަން ކަމާއެކު އެވެ.

ފޭސްބުކްގެ އިތުރުން އެހެން ސޯޝަލް ނެޓްވޯކްތަކާއި އިންސްޓާގްރާމް ގުޅިލާމެހިފަ އޮތުމަކީ ޒަކަބާގް އެދޭ ގޮތެވެ. އަދި ކުރިއެކޭ އެއްގޮތަށް އިންސްޓާގްރާމް މިހާރު ބޭނުން ކުރާ މީހުނަށް އެ ޕްލެޓްފޯމް ތެރޭގައި ފޮލޯ ކޮށް ފޮލޯވާސް ވެސް ވަކިން ބޭއްވުމުގެ އިހްތިޔާރު ދީ، ފޭސްބުކް އާއި އިންސްޓާގްރާމްގެ އިންޖިނިއަރުން މަސައްކަތް ކުރާނީ އެޕް ވަރުގަދަކޮށް އިތުރަށް ތަރައްގީ ކުރާށެވެ.

ގޫގުލް އާއި ޓުވިޓާގައި ވެސް މަސައްކަތް ކޮއްފައިވާ އިންސްޓާގްރާމްގެ ސީއީއޯ ކެވިން ސިސްޓްރޯމް 28، އަށް 2004 ވަނަ އަހަރު ވެސް ވަނީ އެފްބީއާ ގުޅުމުގެ ފުރުސަތު ލިބި އެ ފުރުސަތުގެ ބޭނުން ނުހިފާ ދޫކޮށްލާފަ އެވެ. ފޭސްބުކްއިން އިންސްޓާގްރާމް ގަތުމާ ގުޅިގެން 400 މިލިޔަނަށް ޑޮލަރަށް ވުރެއް ގިނަ އަދަދެއްވަނީ އެކައުންޓަށް ލާން އޭނާއަށް ލިބުނެވެ.

ތިރީސް މިލިޔަން މީހުން ބޭނުންކުރާ މި ސާވިސް ގަތުމަށްފަހު މާކް ޒަކަބާގް ބުނީ މިއީ ފޭސްބުކްއަށް ހާސިލް ކުރެވުނު ލަނޑުދަނޑިއެއް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު