ޖަޕާނާއެކު އޮތް ގުޅުން ހީނަރުކުރަން ބަޔަކު އުޅުނު: ޝާހިދު

ބަޖިޔާ ގާ އިފްތިތާހުކުރަން ބޭއްވި ހާއްސަ ހަފްލާ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޖަޕާނުން މާލެ ވަށައި ބޭރު ތޮށި ޖެހި މަޝްރޫއުގެ ރަމްޒީ ބަޖިޔާގާ މޮނިއުމަންޓު ކުރީގެ ސަރުކާރުން "ބޭކާރުކޮށް، އެއްލާލި" ނަމަވެސް މި ސަރުކާރަށް އެއީ މުހިންމު އެއްޗެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާ ޖަޕާނުން ގުޅުން ގާއިމްކުރިތާ 55 އަހަރު ފާހަގަކުރުމުގެ ގޮތުން މިއަދުވަނީ ޚާއްސަ ހަފްލާއެއް އުސްފަސްގަނޑު ސަރަހައްދުގައި ބާއްވައިފައެވެ.

އެ ހަފްލާ އޮތީ މިއަދު ހެނދުނެވެ. ހަފްލާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ޖަޕާންގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކިއޯ ބައިވެރިވެވަޑައިގަތެވެ. އެ މޮނިއުމަންޓް އަލުން އިފްތިތާހުކޮށްދެއްވީ އެ ތިން ބޭފުޅުންނެވެ.

މީގެ ކުރިން އެ މޮނިއުމަންޓުހުރީ އަޑިޕާކުގައެވެ. "ބަޖިޔާ ގާ" މޮނިއުމަންޓަކީ މާލެ ވަށާ ޓެޓްރަޕޮޓް ބޭނުންކޮށްގެން ހަދާފައިވާ ބޭރު ތޮށީގެ ރަމްޒެކެވެ. ޖަޕާން ސަރުކާރުގެ އެހީގައި މާލެ ވަށާ ޖަހާފައިވާ ބަޖިޔާ ގާ ނުވަތަ ޓެޓްރަޕޮޓަކީ މާލޭގެ ސަލާމަތަށް އޭރު ލެވުނު މުހިންމު ތޮއްޓެކެވެ.

އެ ގާ އަޑި ޕާކުން ނެގީ ސިނަމާލެ ބްރިޖު މަސައްކަތަށް އެ ސަރަހައްދު ހުސްކުރުމަށެވެ. ނަމަވެސް ޝާހިދު އެކަން ސިފަކުރެއްވީ ޖަޕާނުން ރާއްޖެއަށް ދޭ އެހީއާއި އެކުވެރިކަމުގެ ގުޅުމުގައި ކުރީ ސަރުކާރުން "ކޮޅުފައިން" ޖެހުމުގެ ގޮތުގައެވެ.

ބަޖިޔާ ގާ މޮނިއުމަންޓް އަޑިޕާކު ތެރޭ --

އަދި ޖަޕާންގެ އެ އެހީތެރިކަމުގެ ރަމްޒު ގެއްލުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެއްވިއެވެ.

"އެހެން ނަމަވެސް މި ގާ ނަގައި އެއްލައިލާ، އަޅުގަނޑުމެންނާ ޖަޕާނާ އޮތް ގުޅުމަކީ އެއްޗެއް ނޫންކަމަށް ހަދަން ބަޔަކު މަސައްކަތްކުރި. ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިއަދު މި ކުރައްވާ ކަމަކީ އަލުން އަނބުރާ ރަމްޒީ ގޮތުން ބާއްވައިފައިވާ މި ގާ ރައްޔިތުންނަށް ފެންނާނެހެން ރައްޔިތުންގެ ހިތުގައި ޖަޕާނާ ރާއްޖެއާ ދޭތެރޭގައި އޮތް ގުޅުން އެއީ ކޯއްޗެއްކަން ސާބިތުކޮށްދެއްވުމަށް ހޭދަކޮށްލާ ވަގުތުކޮޅެއް،" ޝާހިދު ވިދާޅުވިއެވެ.

ޖަޕާނާ ރާއްޖޭގެ ގުޅުމަށް 55 އަހަރު ފަހަގަކުރަން ބޭއްވި ހަފްލާގައި ޝާހިދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެ މޮނިއުމަންޓަކީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިންމު މޮނިއުމަންޓެއްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އަދި ޖަޕާނުން މާލޭގައި ބޭރުތޮށި ލައި ދިނުމަކީ އަގުވަޒަންކުރަން ޖެހޭ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

"އަހަރުތައް ގުނަމުން އަންނައިރު މިއަދު ވެސް ޖަޕާން ސަރުކާރުން އަންނަނީ ރާއްޖެއަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ފޯރުކޮށްދެމުން. ބައިނަލްއަގްވާމީ ދުނިޔޭގައި އަޅުގަނޑުމެން މި އަންނަނީ ޑިޒާސްޓާ މެނޭޖްމަންޓާއި ކްރައިސިސް މެނޭޖްމަންޓުގެ ދާއިރާއިން މަސައްކަތްކުރަމުން،" ޝާހިދު ވިދާޅުވިއެވެ.

ޖަޕާނުން އަބަދުވެސް ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، އެ ގައުމުން ރާއްޖެއަށް އިޖްތިމާއީ ގޮތުންނާއި އުމްރާނީ ގޮތުން ދެމުން އަންނަ އެހީތެރިކަން އަގުކުރެވޭ މިންވަރަށްވުރެ ގިނަ ކަމަށެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުން ގައުމު ތަކާ ގުޅުން ބަދަހިކުރާއިރު ވަކި ގައުމަކަށް ވީތީ އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ހައުސިން މިނިސްޓަރު މުހައްމަދުއަސްލަމް އަދި ޖަޕާން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ބޭރު ތޮށި ބައްލަވައިލައްވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެ ހަފްލާގައި ވާހަަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ގާ އަލުން ބަހައްޓައި އިފްތިތާހުކުރުމަކީ ވަަރަށް ގިނަ ދުވަސްތަކަކަށް އިންތިޒާރުކުރި ކަމެއްކަމަށެވެ. އަދި އެ މޮނިއުމަންޓަކީ ވަރަށް މުހިންމު މަޝްރޫއެއްގެ ރަމްޒެއްކަމަށް ވިދާޅުވިއެވެ.

"މި ސިޓީގައި، މިއަދު އަަޅުގަނޑުމެންނަށް މި ތަނުގައި މިހެން މި ތިބެވެނީ، 2004ގެ ސުނާމީގެ ސަބަބުން ވެސް އެހާ ބޮޑަށް މާލެއަށް އަސަރުނުކުރީ މި ތޮށީގެ ސަބަބުން. މާލެ ހިމާޔަތްކޮށްދެނީ މި ތޮށިން. އެހެންވީމާ ޖަޕާނުންވަނީ ރާއްޖެއަށް ރައްކާތެރިކަން ދީފައި،" އަސްލަމް ވިދާޅުވިއެވެ.

ހަފްލާގައި ޖަޕާން ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކިއޯ ވިދާޅުވީ، ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ބީދައިން ރާއްޖެއިން ވެސް ޖަޕާނަށް ގިނަ ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ.

ޖަޕާން ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކިއޯ ވާހަކަދައްކަަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"ޑިޒާސްޓާ މެނޭޖްމަންޓުގެ ދާއިރާއިން ޖަޕާނަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ރާއްޖެއާއެކު މަސައްކަތްކޮށް، އިތުރު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަަޅުގަނޑު ބޭނުން،" އޭނާ ވިދާޅުވިއެވެ.

އެއާއެކު ދެ ގައުމުގެ އެކުވެރި ގުޅުން އަބަދުވެސް އެ ގޮތުގައި ދަމަހައްޓަން މަސައްކަތްކުރައްވާނެކަަމަށް ވިދާޅުވިއެެވެ.

comment ކޮމެންޓް