ވޯލްޑް ކަޕުގެ ކާމިޔާބީއާއެކު މެސީ، ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފި

ލިއޮނެލް މެސީ-- ފޮޓޯ/ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް 2022ގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދާފައި ވަނިކޮށް، އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ، އޭނާއާ ވާދަވެރި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފިއެވެ.

މެސީ މުގުރާލާފައި ވަނީ ރޮނާލްޑޯ ހަދާފައިވާ މީސްމީޑިއާ ރެކޯޑެކެވެ.

އެއީ ކުޅިވަރު ޝަހްސިއްޔަތަކުން މީސްމީޑިއާގެ މަންސައެއް ކަމުގައިވާ އިންސްޓަގްރާމުގައި ޝާއިއުކުރި ފޮޓޯއަކަށް އެންމެގިނަ ލައިކް ހޯދުމުގެ ރެކޯޑެވެ.

ވޯލްޑް ކަޕުގެ ޓްރޮފީއާއެކު މެސީ އިންސްޓާގްރާމަށްލި ފޮޓޯއަކަށް މި އާޓިކަލް ލިއުމާއި ހަމައަށް 47.6 މިލިއަން ލައިކު ލިބިފައެވެ.

މެސީގެ ރެކޯޑު ފޮޓޯ --ފޮޓޯ/އިންސްޓަގްރާމް

މެސީގެ މި ފޮޓޯގެ ކުރިން ކުޅިވަރު ޝަހްސިއްޔަތަކުން ހިއްސާކޮށްފައިވާ ފޮޓޯއަކަށް އެންމެ ގިނަ ލައިކު ލިބުނީ، ރޮނާލްޑޯ ހިއްސާ ކޮށްފައިވާ ފޮޓޯއަކަށެވެ. އެއީ ވޯލްޑް ކަޕް ފެށެން ކުޑަތަންވެފައި ވަނިކޮށް އިންސްޓާގްރާމުގައި ރޮނާލްޑޯ ހިއްސާކުރި، އޭނާއާއި މެސީ ރާޒުވާ ކުޅެން އިންނަ މަންޒަރު ދައްކައިދޭ ފޮޓޯއެކެވެ. އެ ފޮޓޯއަށް 41.9 މިލިއަން ލައިކް ލިބިފައިވެއެވެ.

ފޮޓޯ/އިންސްޓަގްރާމް

އަދި އެ ފޮޓޯގެ ފަހަތުން ދެން އެންމެ ގިނަ ލައިކު ލިބިފައިވަނީ ރޮނާލްޑޯ ހިއްސާކުރި ރޮނާލްޑޯއާއި އޭނާގެ ލޯބިވެރިއާ ފެންނަ ފޮޓޯއަކަށެވެ. އެ ފޮޓޯއަށް 32.6 މިލިއަން ލައިކު ލިބިފައިވެއެވެ.

ކުޅިވަރު ޝަހްސިއްޔަތަކު ހިއްސާކުރި ފޮޓޯއަކަށް އިންސްޓާގްރާމުގައި އެންމެ ގިނަ ލައިކު ލިބުމުގެ ރެކޯޑު މެސީ ގާއިމްކުރިއިރު، މިއީ އިންސްޓާގްރާމުގައި ދެވަނައަށް އެންމެ ގިނަ ލައިކު ލިބިފައިވާ ފޮޓޯވެސް މެއެވެ. އިންސްޓާގްރާމުގައި އެންމެ ގިނަ ލައިކު ލިބިފައިވާ ފޮޓޯއަކީ، ދުނިޔޭގެ ރެކޯޑު ފޮތުން ޖާގައެއް ހޯދުމަށް "ވޯލްޑް ރެކޯޑް އެގް"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން ހިއްސާކުރި ބިހެއްގެ ފޮޓޯއެކެވެ. އެ ފޮޓޯއަށް މިހާތަނަށް 56.2 މިލިއަން ލައިކު ލިބިފައިވެއެވެ.

އިންސްޓަގްރާމުގައި އެންމެ ގިނަ ލައިކު ލިބިފައިވާ ފޮޓޯ ---

ވޯލްޑް ކަޕުގެ ތަށްޓާއެކު މެސީ ހިއްސާކުރި ފޮޓޯއަށް ރެކޯޑެއް ލިބިފައިވާއިރު، އެ ތަށި އުފުލާލުމާއެކު މެސީ އަކީ ފުޓުބޯޅައިގައި އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައިވާ ކުޅުންތެރިޔާއެވެ. ކުޅުންތެރިއަކަށް ފުޓުބޯޅައިގައި ހޯދޭނެ އެންމެހާ ޓްރޮފީއެއް މެސީ ވަނީ ހޯދާފައެވެ.

މިއާއެކު މެސީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ނުވަތަ "ގޯޓް" ކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ.

comment ކޮމެންޓް