ހުޅުމާލެއިން އެފްއޭއެމްއަށް ދީފައިވާ ބިން ކުއްޔަށް ދެވޭގޮތަށް ހަދައިފި

އެޗްޑީސީން އެފްއޭއެމަށް ދީފައިވާ ބިމުގައި އަޅާފައިހުރި ޓްރެއިނިން ފެސިލިޓީ. މި ބިމުގެ ބައެއް މިހާރު ކުއްޔަށް ދެވޭގޮތަށް ވަނީ އެއްބަސްވުމަށް ބަދަލުގެނެސްފައި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ހުޅުމާލެއިން ދީފައިވާ ބިމުގެ ވަކި ބައެއް ވިޔަފާރީގެ އުސޫލުން ކުއްޔަށް ދޫކުރެވޭ ގޮތަށް އެޗްޑީސީއިން އެ ބިމުގެ އެއްބަސްވުމަށް ބަދަލުގެނެސްފިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، އެފްއޭއެމްއަށް ހުޅުމާލެއިން ދީފައިވާ ބިމުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއަށް ފައިނޭންސް ހޯދުމަށް އެ ބިމުން ވަކި ބައެއް ކުއްޔަށް ދެވޭ ގޮތަށް އެ އެސޯސިއޭޝަނުން އެޗްޑީސީގައި އެދިފައިވާތީވެ، މިހާރު އެގޮތަށް އެއްބަސްވުން ވަނީ ބަދަލުކޮށްފައެވެ.

އޮފިޝަލް ވިދާޅުވީ އެފްއޭއެމްއާއި އެޗްޑީސީއާ ދެމެދު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން، ކުރިން އެފްއޭއެމްއާ ހިލޭ ހަވާލުކޮށްފައިވާ ބިމުން މިހާރު އެޗްޑީސީއަށް ކަނޑައެޅޭ ކުއްޔެއް ދައްކާގޮތަށް ބިމުން ވަކިބައެއް ވިޔަފާރީގެ އުސޫލުން ބޭނުންކުރެވޭނެއެވެ. ނަމަވެސް ކުއްޔަކީ ކިހާވަރެއް ކަމެއް އޭނާ ވިދާޅެއްނުވެއެވެ.

އެޗްޑީސީން އެފްއޭއެމްއަށް ދީފައިވާ ބިމުގެ އެއްބަސްވުމަށް މިގޮތަށް ބަދަލުގެނެސްފައި މިވަނީ، އެޕޯލޯ ކުންފުންޏަށް އެފްއޭއެމްއިން ދޭންޖެހޭ ފައިސާގެ ބަދަލުގައި ބިމުން ބައެއް ދޭން އެ އެސޯސިއޭޝަނުން ނިންމުމާ ގުޅިގެން އެކަން އެގޮތަށް ނުކުރެވޭނޭކަމަށް އެޗްޑީސީން މީގެ ކުރިން އެންގުމަށް ފަހުގައެވެ. ނަމަވެސް އެފްއޭއެމަށް ދީފައިވާ ބިމުގެ އެއްބަސްވުމަށް އެންމެފަހުން އެޗްޑީސީން ގެނައި ބަދަލާއެކު، މިހާރު އެފްއޭއެމްއަށް އެ ބިން އެޕޯލޯ ކުންފުންޏަށް ދެވޭނެއެވެ.

އެފްއޭއެމްއިން އެޕޯލޯ ކުންފުންޏަށް އެ ބިން ދޭން އުޅުނީ އެޕޯލޯއަށް ދޭންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލެއްގެ ގޮތުންނެވެ. އެފްއޭއެމްއާއި އެޕޯލޯ ކުންފުންޏާ ދެމެދު މައްސަލަ ޖެހިފައި ވަނީ އެކުންފުންޏާ ހަވާލުކޮށްގެން މާފަންނު ސްޓޭޑިއަމްގައި އިމާރާތް ކުރަމުންދާ ސްޕޯޓްސް އެރީނާ މަޝްރޫއުން ދޭންޖެހޭ ފައިސާ ހަމަޖެހިފައިވާ އުސޫލުން ދެމުން ނުދާތީއެވެ.

އެޕޯލޯއިން ވަނީ އެފްއޭއެމްއިން ފައިސާ ނުދޭ މައްސަލަ ސިވިލްކޯޓަށްވެސް ހުށަހަޅާފައެވެ. ނަމަވެސް ފަހުން ކޯޓުން ބޭރުގައި އެފްއޭއެމްއިން ވަނީ، އެޕޯލޯ ކުންފުންޏަށް އަދުލުވެރި ބަދަލެއް ލިބޭގޮތަށް އެއްބަސްވުމެއް ހަދާފައެވެ. މި އެއްބަސްވުމުގައި ވާގޮތުން އެފްއޭއެމްއިން އެޕޯލޯއަށް ދޭންޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލޭގައިވާ އެފްއޭއެމްގެ ބިމުން 5000 އަކަފޫޓް އެއްވެސް ކުއްޔަކާ ނުލައި 25 އަހަރަށް އެޕޯލޯއަށް ލިބެއެވެ.

comment ކޮމެންޓް