ޏ. އަތޮޅު ތައުލީމީ މަރުކަޒު ވާނީ ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދެވޭ ސްކޫލަކަށް: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، މުޖުތަމަޢުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް--- ފޮޓޯ/ ރައީސް އޮފީސް

ޏ. އަތޮޅު ތައުލީމީ މަރުކަޒަށް 50 އަހަރު ފުރޭއިރު އެ މަރުކަޒު ވާނީ ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދެވޭ ސްކޫލަކަށް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 40 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ޖަލްސާ އޮތީ މިރޭ ފުވައްމުލައް ސިޓީގައި، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައެވެ.

ނައިބު ރައީސް ވިދާޅުވީ، ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދެވޭ ނިޒާމެއްގެ ތެރެއިން ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ އެއް ސްކޫލަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒު ކަމަށެވެ. އަދި މީގެ ކުރިން ވެސް ޏ އަތޮޅު ތައުލީމީ މަރުކަޒަކީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ މަރުކަޒެއްކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރަނގަޅު ތައުލީމީ ޖީލެއް ބިނާ ކުރެވޭނީ، މުޖުތަމައުގެ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. އެގޮތުން ސްކޫލެއްގައި ކިތަންމެ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތިބި ނަމަވެސް، އަދި ވަސީލަތްތައް ހުރި ނަމަވެސް، ހަރުދަނާ ދަރިންތަކެއް ބިނާ ނުކުރެވޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އެހެންކަމުން މުޖުތަމައަށާއި ގައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

އެޖަލްސާގައި ނައިބު ރައީސް ވިދާޅުވީ، ސްކޫލެއްގެ ދައުރަކީ، މުޖުތަމައަށް ފައިދާހުރި، ގައުމަށް ބޭނުންތެރި ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ސްކޫލުތަކުގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްވެފައިވުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގައި ވަރަށް ގިނަ ދާއިރާތަކުން ދަރިވަރުންނަށް ކުރިއަށް ދެވޭނެ ފުރުސަތުތައް އެބަހުރިކަން ފާހަގަކުރައްވައި، އެފުރުސަތުތަކުގެ ބޭނުން ހިފުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެޖަލްސާގައި ވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދީފައިވާ މީހުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. އެގޮތުން 30 އަހަރަށް ވުރެ ގިނަ ދުވަހު ޏ. އަތޮޅު ތައުލީމީ މަރުކަޒަށް ޚިދުމަތް ކުރައްވާފައިވާ މީހުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ. އޭގެ އިތުރުން އެމަނިކުފާނަށް ވެސް އެ ޖަލްސާގައި ވަނީ ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.

އޭޕްރިލް 20، 1982ގައި ހުޅުވި ޏ. އަތޮޅު ތައުލީމީ މަރުކަޒަކީ މިހާރު، ހަތް ވަނަ ގްރޭޑުން ފެށިގެން ގުރޭޑް 12އަށް ކިޔަވައިދޭ ސްކޫލެކެވެ.

comment ކޮމެންޓް