ޖަރުމަނުގައި 25 މީޓަރު އުސް އެކުއޭރިއަމްއެއް ފަޅައިގެން ގޮސް، 1500 މަސް މަރުވެއްޖެ

އުސްމިނުގައި 25 މީޓަރު ހުންނަ ގޮތަށް ޖަރުމަނުގައި ހަދާފައިވާ އަކުއަޑޮމް އެކުއޭރިއަމް -- ފޮޓޯ/ އޭޕީ

އުސްމިނުގައި 25 މީޓަރު ހުންނަ ގޮތަށް ޖަރުމަނުގައި ހަދާފައިވާ އެކުއޭރިއަމްއެއް ފަޅައިގެން ގޮސް، އެ އެކުއޭރިއަމްއަށް އަޅާފައި ހުރި ހުރިހާ މަހެއް މަރުވެއްޖެއެވެ.

ޖަރުމަނުގެ ވެރިރަށް ބާލިންއަށްދާ ފަތުރުވެރިންގެ މެދުގައި މަގުބޫލު އެ އެކުއޭރިއަމް ހަދާފައި ވަނީ ސިލިންޑަރެއްގެ ބައްޓަމަށެވެ. އެއީ އެ ބާވަތުގެ، ދުނިޔޭގެ އެންމެ އުސް އެކުއޭރިއަމްއެވެ.

ޖަރުމަނުގެ ފުލުހުން ބުނި ގޮތުގައި އަކުއަޑޮމްގެ ނަން ދީފައިވާ އެ އެކުއޭރިއަމްގައި އެއް މިލިއަން ލީޓަރުގެ ފެން ހުއްޓެވެ. އެ އެކުއޭރިއަމް ފަޅަައިގެން ގޮސް، ފެން ފައިބަން ފެށީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އެ އެކުއޭރިއަމް ހުންނަ އިމާރާތުގައި ހޮޓަލަކާއި ކެފޭއަކާއި ޗޮކްލެޓް ފިހާރައެއް ވެސް ހުންނަ އިރު، އެ ހާދިސާގައި ދެ މީހަކަށް އަނިޔާވި ކަމަށް ބާލިންގެ ފަޔާ ސާވިސަސްއިން ބުންޏެވެ.

ބާލިންގެ މޭޔަރު ފްރާންޓްސިސްކާ ގިފައި ވިދާޅުވީ އެ ހާދިސާގައި އެކުއޭރިއަމްއިން އެތައް ލީޓަރެއްގެ ފެން ފޭބި ނަމަވެސް، ހާދިސާ ހިނގީ ފަތިހުގެ ވަގުތެއްގައި ކަމުން އެ ސަަރަހައްދުގައި އެ ވަގުތު ގިނަ މީހުން ނޫޅޭ ކަމަށެވެ.

އެހެންކަމުން، ތަކެއްޗަށް ގެއްލުން ލިބުނު ނަމަވެސް ގިނަ ބަޔަކަށް ނުރައްކާ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކުއޭރިއަމް ފަޅައިގެން ދިޔުމުގެ ސަބަބުން ފެން ފައިބައި، އިމާރާތުގައި ހުރި ތަކެއްޗަށް ގެއްލުންވެފައި -- ފޮޓޯ/ އޭޕީ

އެ އެކުއޭރިއަމްގެ އިޝްތިހާރުތަކުން ދައްކާ ގޮތުގައި އެ ތަނުން 80 ބާވަތެއްގެ 1500 މަސް ބަލާލެވޭނެއެވެ. ނަމަވެސް މިއަދު ހިނގި ހާދިސާއަށް ފަހު އޭގެ ތެރެއިން އެއްވެސް މަހެއް ސަލާމަތް ނުކުރެވުނު ކަމަށް މޭޔަރު ގިފައި ވިދާޅުވިއެވެ.

އެހެންނަމަވެސް، އެ އިމާރާތުގައި ހަދާފައިވާ ކުޑަ އެކުއޭރިއަމްތަކުގައި ގެންގުޅޭ 500 ވަރަކަށް މަސް ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ބާލިންގެ އޮފިޝަލުން ފާހަގަކުރިއެވެ. އެއީ މިއަދުގެ ހާދިސާއަށް ފަހު، އިމާރާތުން ކަރަންޓު ކެނޑި، ޓޭންކުތަކަށް އޮކްސިޖެން ނުލިބޭތީއެވެ.

ބާލިންގެ ފުލުުހުން ބުނީ އެ ހާދިސާ ހިނގީ ބަޔަކު ދިން ހަމަލާއެއްގެ ސަބަބުން ކަމަށް ބެލެވޭނެ ހެއްކެއް ނެތް ކަމަށެވެ.

ބައެއް މީހުން ބުނާ ގޮތުގައި އެ ހާދިސާ ހިނގީ ރޭ ބާލިންގައި ފިނިހޫނުމިން މައިނަސް 10 ޑިގްރީ ސެލްސިއަސްއަށް ވެއްޓުމުން، އެކުއޭރިއަމްގެ ބިއްލޫރީގައި ރެނދެއް ލުމުގެ ސަބަބުންނެވެ.

ބާލިންގެ ފަޔާ ސާވިސަސްއިން ވަނީ އެ ހާދިސާގެ ސަބަބުން އިމާރާތަށް ލިބިފައިވާ ގެއްލުން ބަލައި، އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް