ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރަން 180 އޮފިސަރުން ނަގަނީ

ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޓްވިޓާ

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުން ހޯދުމަށް ކޯޓާއެއް ސަރުކާރުން ދީފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މާފުށީ ޖަލުގައި ކުރިއަށްގެންދާ ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗު ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެކަންތައްތައް ހައްލުކޮށް ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ދީފައިވާކަމަށެވެ.

އެގޮތުން، އޭގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން މިހާރު ތަމްރީން ހޯދަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗު ފަށާފައި މިވަނީ، ސެޕްޓެމްބަރު މަހު މުޖުތަމައަށް ރީއިންޓަގްރޭޓް ކުރި ފުރަތަމަ ބެޗުގެ ތަޖުރިބާއަށް ބިނާކޮށް، ގައިދީން ތިބޭ ޔުނިޓަށާއި، ޕްރޮގްރާމަށާއި، އޮފިސަރުންގެ ޓްރެއިނިންއަށް ބަދަލުތައް ގެނަައުމަށް ފަހު ކަމަށް މިނިސްޓަރު އިމްރާންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޕްރިޒަން ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދެވަނަ ބެޗު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޓްވިޓާ

މީގެ އިތުރުން، ރާއްޖޭގައި ބައި ގަރުނުވަންދެން ކުރިމަތިލަމުން އަންނަ މައްސަލައެއް ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރި މައްސަލައެއްކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، އެކަން ހައްލުކުރުމަށްޓަކައި ތަފާތު ވިސްނުންތަކާއި ސިޔާސަތުތަކަށް ބަދަލު ގެނެސް، ކުރެވޭ މަސައްކަތްތަކުން ހެޔޮ ނަތީޖާ ނިކުންނައިރުވެސް ގޮންޖެހުންތައް އިންތިހާއަށް ބޮޑުކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ރިހެބިލިޓޭޓްކުރުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ގައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމަށް އެ މީހުން ޑިޓޮކްސްކޮށް، ޑްރަގް ޓްރީޓްމަންޓް ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެފަދަ ފުރަތަމަ ޕްރޮގްރާމްގައި، މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ހުކުމް ތަންފީޒްކުރަމުންދާ 44 ގައިދީން ބައިވެރިވިއެވެ.

comment ކޮމެންޓް