ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ރޮނާލްޑޯ ރެއާލްގެ ދަނޑުގައި!

ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލްގެ ޖާޒީގައި 2018 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޓްރޮފީއާއެކު --ފޮޓޮ/ގެޓީ އިމޭޖަސް

ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑުގެ ޓްރެއިނިންގް ދަނޑެއްގައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުން ގިނަބައެއްގެ ޝައުގުވެރިކަން އެކަމަށް ހުއްޓިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ ވަނީ މިއަދުގެ ވަގުތެއްގައި އޭނާގެ ދޮށީ ދަރިފުޅު، ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާއާއެކު ރެއާލްގެ ވަލްޑެބެބާސް ދަނޑުގައި ޓްރެއިން ކޮށްފައެވެ. ރެއާލްގެ ޓްރެއިނިންގް ގްރައުންޑުގައި ރޮނާލްޑޯ ޓްރެއިން ކޮށްފައިވަނީ، އޭނާގެ ފިޓްނަސް ދެމެހެއްޓުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިއީ 2018 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށް، އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވިފަހުން ރޮނާލްޑޯ ވަލްޑެބެބާސް ޓްރެއިނިންގް ގްރައުންޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ރޮނާލްޑޯ މި ޓްރެއިނިންގް ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ ވަކިންނެވެ. އެހެންނަމަވެސް ރެއާލްގެ ބައެއް ޒުވާން ކުޅުންތެރިން، ރޮނާލްޑޯއާ އެކު ފޮޓޯނެގުމަށް ވަލްޑެބެބާސް ދަނޑަށް ދިޔަކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މިއީ މިވަގުތު ކުލަބެއްގެ ކޮންޓްރެކްޓެއްގައި ނެތް ރޮނާލްޑޯ ރެއާލްއަށް ބަދަލުވާން އުޅޭކަމުގެ ނިޝާނެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، މިހާތަނަށް ރެއާލްއިން އެފަދަ މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި ރޮނާލްޑޯ ވަނީ އެނބުރި ރެއާލްއަށް އަންނަން ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެހެންނަމަވެސް އޭރު ރެއާލްއިން ރޮނާލްޑޯ ގެނައުމުގެ ވިސްނުން ގެންގުޅެފައެއް ނުވެއެވެ.

ރެއާލް މެޑްރިޑާއެކު ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ މިވަގުތު ކުލަބެއް ނެތިފައި ހުރި ނަމަވެސް، އޭނާގެ ސޮއި ހޯދުމަށް ސައުދީގެ ކުލަބުތަކުން ބޮޑެތި ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވެ. އެގޮތުން ސައުދީގެ އަލް ނަސްރުން ވަނީ ރޮނާލްޑޯއަށް އަހަރަކު 200 މިލިއަން ޔޫރޯ ލިބޭ ހުށަހެޅުމެއް ހުށަހަޅާފައެވެ.

އެހެންނަމަވެސް ޔޫރަޕުގެ ލީގުތަކުގައި ކުޅުމަށް ބޭނުންވާތީ ރޮނާލްޑޯ މި ހުށަހެޅުމަށް އަދި އެއްބަސްވެފައި ނުވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ރޮނާލްޑޯ އެންމެފަހުން ހުރީ މެންޗަސްޓާ ޔުނައިޓެޑުގެ ކޮންޓްރެކްޓުގައެވެ. ޔުވެންޓަަސް ދޫކޮށް އޭނާ ޔުނައިޓެޑަށް ބަދަލުވީ 2021 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގައެވެ. އޭނާއާއެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އުވާލީ، ނޮވެމްބަރު މަހުގެ ކުރީކޮޅު ޕިއާސް މޯގަންގެ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ.

2009 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ރެއާލްއަށް ކުޅެދިން 438 މެޗުމް ރޮނާލްޑޯ ވަނީ އެ ޓީމަށް 450 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ރެއާލް މެޑްރިޑާއެކު ރޮނާލްޑޯ ވަނީ ލަލީގާ ދެ ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި މީގެ އިތުރުންވެސް އެތައް ތަށްޓެއް އުފުލާލާފައެވެ.

ރޮނާލްޑޯ އަކީ ރެއާލް މެޑްރިޑަށް ފުޓުބޯޅައިގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. އަދި ރެއާލްގެ ޖާޒީގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑު، 48 ލަނޑު ކާމިޔާބު ކޮށްދީގެން ހަދާފައިވަނީ ރޮނާލްޑޯއެވެ.

ރެއާލްގެ ޓްރެއިނިންގް ގްރައުންޑުން ރޮނާލްޑޯ ފެނުމަކީ، އެ ކުލަބުގެ ގިނަ ސަޕޯޓަރުންތަކެއް އެކަމާ އުފާކުރާނެ ކަމެކެވެ.

comment ކޮމެންޓް