މިއަހަރުގެ މޮޑެލް އަކީ ބެލާ ހަދީދް

ދުނިޔޭގެ އެންމެ ބޮޑެތި ފެޝަން ބްރޭންޑްތަކާއި މަޝްހޫރު ފަންނާންނާއެކު ބާއްވާ ފެޝަންގެ އެންމެ ބޮޑު އެއް އިވެންޓުގައި، މިއަހަރުގެ މޮޑެލްގެ އެވޯޑު، ޒުވާން ސުޕަމޮޑެލް ބެލާ ހަދީދަށް ލިބިއްޖެއެވެ.

ބެލާއަށް މިއަހަރު ވެގެން ގޮސްފައިވަނީ ވަރަށް ބިޒީ އަހަރަކަށެވެ. ތަފާތު އެކި ފެޝަން ޝޯތަކުގައި ބައިވެރިވުމުގެ އިތުރުން ފެޝަނުން ބޭރުން އެކި ޕްރޮޖެކްޓުތަކުގައި މަސައްކަތް ކޮށް ބެލާގެ މުޅި އަހަރު އޮތީ އެއްކޮށް ބުކް ކޮށްފައެވެ. އޭނާގެ އެ ބުރަ މަސައްކަތަށް މިއަހަރު ވަނީ އަހަރުގެ މޮޑެލްގެ އެވޯޑު ލިބިފައެވެ.

ލަންޑަނުގައި ބޭއްވި "ފެޝަން އެވޯޑްސް 2022"ގައި ބެލާއަށް އެވޯޑު ދިންއިރު އޭނާ ބަލި ހާލަތު ހުރި ގޮތުން އެވޯޑު ހަފުލާއަށް ދެވޭގޮތެއް ނުވިއެވެ. އެއާއެކު އެވޯޑާ ހަވާލުވެފައިވަނީ އޭނާގެ ސްޓައިލިސްޓު ކާލޯސް ނަޒާރިއޯއެވެ. ނަމަވެސް އެވޯޑު ހަފުލާއަށް ބެލާ ފޮނުވި ވީޑިއޯ މެސެޖެއްގައި އޭނާ ވަނީ އެވޯޑު ލިބުމުން އެކަމުގެ ޝުކުރު އަދާކޮށްފައެވެ.

ބެލާގެ އެވޯޑު، އޭނާ ބޭނުން ވަނީ އޭނާ އާއެކު އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ މޮޑެލުންނާ ހިއްސާ ކުރުމަށް ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއަށް އެ އެވޯޑު ހައްގުވާ ފަދައިން އެހެން ހުރިހާ މޮޑެލުންނަށް ވެސް އެ އެވޯޑު ހައްގުވާ ކަމަށް ބެލާ ބުންޏެވެ.

މިއަހަރުގެ މޮޑެލް އޮފް ދަ އިޔާ އެވޯޑަށް ފަސް މޮޑެލް އެއް ވަނީ ނޯމިނޭޓް ވެފައެވެ. އޭގެތެރޭގައި އެކި ދާއިރާތަކާއި އެކި ނަސްލުގެ މޮޑެލުން ހިމެނޭކަން ގިނަ ބަޔަކު ފާހަގަކުރިއެވެ. ނޯމިނޭޝަން ލިސްޓުގައި ބެލާގެ އިތުރުން ހިމެނެނީ އަދޫތު އަކޭޝް އާއި ޕަލޯމާ އެލްސެސާ އާއި ކޯނާ ޗޭސިންހޯސް އަދި ލީލާ މޮސްއެވެ.

ފެޝަން އެވޯޑްސްގައި މަޝްހޫރު އެކްޓަރުންނާއި ލަވަކިޔުންތެރިންގެ އިތުރުން ފެޝަންގެ އެންމެ ނުފޫޒުގަދަ ބްރޭންޑުތައް ކަމަށްވާ ބޮޓޭގާ އާއި ޓޮމީ ހިލްފިގާ އާއި ކޮޕާނީ ފަދަ ބްރޭންޑުތަކުގެ އިސްވެރިން ބައިވެރިވިއެވެ.

comment ކޮމެންޓް