ޓޫރިޒަމުން މިއަހަރުގެ މިހާތަނަށް 3.9 ބިލިއަން ޑޮލަރު ލިބިއްޖެ

ރިސޯޓެއްގައި ފަތުރުވެރިންތަކެއް ހަރަކާތްތެރި ވަނީ--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ކުރިއެރުމާއެކު، މިއަހަރުގެ މިހާތަނަށް ޓޫރިޒަމް ސިނާއަތުން ރާއްޖޭގެ އިގުތިސާދަށް 3.9 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ވަދެއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 798.6 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. ޓޫރިޒަމް ސިނާއަތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ވަތް ޑޮލަރުގެ އަދަދު އުޅެނީ 2.4 ބިލިއަނުގައެވެ. ޓޫރިޒަމް ސިނާއަތުން މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދަށް ލިބުނު ޑޮލަރުގެ އަދަދު ހިސާބުކޮށްފައިވަނީ، އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޓީޖީއެސްޓީ އަސްލަކަށް ބަލައިގެންނެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ވަނީ 390.2 މިލިއަން ޑޮލަރު ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 294.4 މިލިއަން ޑޮލަރެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުން ޓެކްސް ކެނޑުމަށްފަހު މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކަށް ވަނީ 2.86 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޓޫރިޒަމް ވިޔަފާރިތަކަށް ލިބުނު އާމްދަނީ އުޅެނީ 2.15 ބިލިއަން ޑޮލަރުގައެވެ.

ކުރިއަށްއޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ހައި ސީޒަންކަމުން ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނޭކަމަށް މި ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ބުނެއެވެ. އެއާއެކު ރާއްޖެއަށް ވަންނަ ބޭރުފައިސާގެ އަދަދުވެސް އިތުރުވާނެއެވެ.

ކޮވިޑް ބަލިމަޑުކަމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މި އަހަރު ވަނީ އިތުރުވާން ފަށާފައެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1،491،243 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު، 645,786 ފަތުރުވެރިންގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 1,157،653 ގައެވެ.

comment ކޮމެންޓް