ވަޓްސްއެޕްއިން ގުރޫޕުތައް ހޯދަން ފަސޭހަކޮށްދޭނެ އާ ފީޗާއެއް

ވަޓްސްއެޮޕް: -- ފޮޓޯ/ ބްލޫމްބާގް

ވަޓްސްއެޕްގެ ޑެސްކްޓޮޕް ވާޝަންގައި, މީހެއްގެ ފޯން ނަމްބަރު ސޭވްކޮށްފައިވާ ނަން ޖެހުމުން، އެ މީހަކު އުޅޭ ގުރޫޕުތައް ހޯދޭނެ އާ ފީޗާއެއް އެ ޕްލެޓްފޯމުން ތައާރަފުކޮށްފިއެވެ.

ވަޓްސްއެޕްގެ ޚަބަރުތައް ގެނެސްދޭ "ޑަބްލިއުއޭބީޓާއިންފޯ"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފީޗާ ބައެއް ކަސްޓަމަރުންނަށް ދޫކޮށްފައިވަނީ ވަޓްސްއެޕް ޑެސްކްޓޮޕްގެ އެންމެ ފަހުގެ އަޕްޑޭޓާ އެކުއެވެ.

އެ އާ ފީޗާއާއެކު، ވަޓްސްއެޕްގެ ސާޗް ބާގައި މީހެއްގެ ނަން ޖެހުމުން، އެ މީހަކު އުޅޭ ގްރޫޕުތައް ފެންނާނެއެވެ. ނަމަވެސް އެގޮތަށް ފެންނާނީ، އަނެއް ނަމްބަރުގެ ވެރިފަރާތާއި އޭނާ ހޯދި މީހާ ވެސް ގްރޫޕުގައި ހިމެނޭ ނަމައެވެ.

އެއީ ގިނަ ގުރޫޕްތަކަކާ ގުޅި، ވަކި ކޮންޓެކްޓަކާ އެއްކޮށް ގުޅިފައި ވަނީ ކޮން ގްރޫޕަކާކަން ހަނދާން ނެތިއްޖެނަމަ އެ ގުރޫޕެއް ހޯދުމަށް އެހީވެދޭ ފީޗާއެކެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އެފީޗާ އިތުރު މީހުންނަށް ތައާރަފު ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަޓްސްއެޕް ޑެސްކްޓޮޕްގައި ގްރޫޕު ޗެޓުތައް މިއުޓް ކުރުމަށް ބޭނުން ކުރެވޭނެ ޝޯޓްކަޓެއް އުފެއްދުމުގެ މަސައްކަތް ވަޓްސްއެޕުން ކުރަމުންދާ ކަމަށް މިދިޔަ މަހު ޚަބަރު ފެތުރުނެވެ. އެ ޝޯޓްކަޓް ފެންނަން ހުންނާނީ ގްރޫޕު ޗެޓްތަކުގެ އެންމެ މަތީގައެވެ. އެ ފީޗާ ބޭނުން ކުރުމުން، ގުރޫޕަށް ލިބޭ މެސެޖުތަކުގެ ނޮޓިފިކޭޝަންތައް ނުލިބޭ ގޮތް ހެދޭނެއެވެ.

މެޓާގެ ފައުންޑާ އަދި ސީއީއޯ މާކް ޒަކަބާގް ވަނީ ވަސްޓްއެޕްއަށް ޑިޖިޓަލް އެވެޓާތައް ގެންނަކަންވެސް މި މަހުގެ ކުރީކޮޅު އިއުލާންކޮށްފައެވެ.

އެވެޓާސް ފީޗާ ބޭނުންކޮށްގެން އަމިއްލައަށް ޕާސަނަލް އެވެޓާއެއް އުފެއްދުމާއި، އެ އެވެޓާއަކަށް ބިނާކޮށް ސްޓިކާ ސެޓެއް ވެސް ހެދޭނެއެވެ. މި ސްޓިކާތައް ވަޓްސްއެޕުން މެސެޖު ކުރަން ބޭނުން ކުރެވޭއިރު، އަމިއްލަ އެވެޓާ ޑިސްޕްލޭ ޕިކްޗާގެ ގޮތުގައި ބޭނުން ކުރެވޭނެއެވެ.



comment ކޮމެންޓް