ސިމާއޯ މައްސަލައިގައި ފީފާގެ ނިންމުން އެފްއޭއެމްއާ ދެކޮޅަށް

ސިމާއޯ ކޯސްޓާ---- ފޮޓޯ/: ދާދު ފޮޓޯ

ޤައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗް ސިމާއޯ ކޮސްޓާއަށް މުސާރައިގެ ގޮތުގައި ދޭންހުރި ފައިސާ ނުދީހުރުމުން އެ ފައިސާ ހޯދުމަށް އޭނާ ފީފާއަށް ހުށަހެޅި މައްސަލައިގައި ފީފާއިން އެފްއޭއެމްއާ ދެކޮޅަށް މި މައްސަލަ ނިންމައިފިއެވެ.

ރާއްޖޭގެ ޤައުމީޓީމާއިއެކު މަސައްކަތްކުރި ދުވަސްތަކަށް ދޭންޖެހޭ މުސާރަ އެފްއޭއެމުން ނުދީގެން އެންމެފަހުން ސިމާއޯ ވަނީ މި ފީފާއަށް ހުށަހެޅިއިރު، "ސަން"އަށް އެނގިފައިވާ ގޮތުގައި މައްސަލަ ބެލުމަށްފަހު ފީފާއިން އެފްއޭއެމަށް އަންގާފައިވަނީ، 45 ދުވަހުގެ ތެރޭގައި ސިމާއޯއަށް ދޭންޖެހޭ ފައިސާ ދައްކައި ނިންމުމަށެވެ.

އެ ފައިސާ އެ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ ރާއްޖޭގެ ފުޓުބޯޅަ ނުރަކައްކެލެއްގެ ތެރެއަށް ހުށަހެޅިދާނެކަމުގެ ބިރު އެބައޮތެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓީމު ބައިނަލްއަގްވާމީ މުބާރާތްތަކުން ސަސްޕެންޑުކޮށް ފީފާއިން މާލީ ގޮތުން ދޭ އެހީ ދިނުން މަޑުޖައްސާލާލުމަކީ ވެސް ރާއްޖެއާ ދެކޮޅަށް ފީފާއިން އަޅާފާނެ ފިޔަވަޅުތަކެވެ.

ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމަށް ސިމާއޯ ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. "ސަން"އަށް އިތުބާރުހުރި މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ސިމާއޯ ޤައުމީ ޓީމުގައި ހޭދަކުރި މުއްދަތުގައި މުސާރަ ޑިފައިވަނީ ދެ މަހުއެވެ. އެއީ ޑިސެމްބަރު އަދި ޖެނުއަަރީ މަހުގެ މުސާރައެވެ.

މުސާރަ ނުދިނުމުގެ ސަބަބުން ރާއްޖޭގެ އެސިސްޓެންޓު ކޯޗުގެ މަގާމުން އިސްތިއުފާ ދިނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެންކަމުން އޭނާއަށް އެފްއޭއެމްއިން ހަތް މަހުގެ މުސާރަ ދޭންޖެހެއެވެ.

މުސާރަ ނުދީގެން ސިމާއޯ އެ މައްސަލަ ފީފާއަށް ހުށައަޅާފައިވަނީ ވެސް މިއަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

އެގޮތުން މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް އެފްއޭއެމްއިން ސިމާއޯއަށް 40،000 ޑޮލަރު ( ހަ ލައްކަ ސޯޅަހާސް އަށްސަތޭކަ ރުފިޔާ) ދޭން ޖެހެއެވެ.

ސިމާއޯ ރާއްޖޭގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވީ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.

ޕޯޗުގަލްއަށް އުފަން ކޯސްޓާއަކީ ޕޯޗުގަލްގެ ކްލަބްތަކުގައި މިޑްފީލްޑަރަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ދެކުނު ކޮރެއާގެ ޑައިޖިއަން ސިޓިޒަންގައި ކޯޗިން މަސައްކަތްތަކެއް ކޮށްފައެވެ. އަދި ރާއްޖޭގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އޭނާ އެންމެ ފަހުން ހަވާލުވެހުރީ ސްވިޒަލެންްޑްގެ ކްލަބް, ބެރޯޝް-ގޯޖިއާއާއެވެ.

މަގާމުން ވަކިވުމަށްފަހު ސިމާއޯ ވަނީ ގައުމީ ޓީމާއި، އެފްއޭއެމްގައި ހުރި ބައެއް މައްސަލަތަކުގެ ވާހަކަ މީސްމީޑިއާގައި ދައްކާފައެވެ. އެގޮތުން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނާއި، ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުޅުންތެރިންގެ ކަންބޮޑުވުން އެ ކުޅުންތެރިން ސިމާއޯއާ ހިއްސާކުރާ ކަމަށާއި، އެއީ ބަލަންޖެހޭ މައްސަލަތަކެއް ކަމަށާއި އެ ކުޅުންތެރިންގެ ހައްގު ލިބެންޖެހޭނެ ކަމަށް މީސްމީޑިއާގައި ސިމާއޯ ބުނެފައިވެއެވެ.

ގައުމީ ޓީމުތަކާ ހަވާލުވާ ބައެއް ބޭރު ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުދީގެން މީގެކުރިންވެސް އެ ކޯޗުން ވަނީ ފީފާއަށް އެފްއޭއެމްއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައެވެ.

އެގޮތުން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި ސާބިއާގެ ޑޭބޯ ބާބާ އާއި ގައުމީ ޓީމުގެ ހެޑް ކޯޗަކަށް ކުރިން ހުރި މާޓިން ކޫޕްމަން އަދި އޭނާގެ އެސިސްޓަންޓް ކޯޗަކަށް ހުރި ރެނޭ ހިޑިންކް އަށް ދޭން ޖެހޭ މުސާރަ ދޭން ވެސް ފީފާއިން މީގެކުރިން އެފްއޭއެމްއަށް އަންގާފައިވެއެވެ.

comment ކޮމެންޓް