އަމީނީ މަގު ދެވަނަ ސެގްމަންޓްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުން -- ސަން ފޮޓޯ/ މުހައްމަދު ހަައްޔާން

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެމަގުގެ ދެވަނަ ސެގްމެންޓުގެ ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ފަށައިފިއެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ.

އަމީނީމަގުގެ ދެވަނަ ސެގްމަންޓުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިރުދޭމާ ހިނގުމާއި އަމީނީމަގު ގުޅޭ ކަންމަތިން ފެށިގެން ކަލާފާނު ހިނގުމާއި އަމީނީމަގު ގުޅޭ ކަންމައްޗާ ހިސާބަށެވެ. އެއީ ގާތްގަނޑަކަށް 136 މީޓަރުގެ ސަރަޙައްދެކެވެ.

ދެވަނަ ސެގްމަންޓުގެ މަސައްކަތް ފެށުމުގެ ގޮތުން އެމަގުގައި އަޅާފައިވާ ގައުތައް ނަގާ، އެ ސަރަޙައްދު ކޮނުމުގެ މަސައްކަތް އާރުޑީސީއިން ފެށީ މިމަހުގެ ތިން ވަނަ ދުވަހުއެވެ.

ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، އޮބްޒާވަރުންގެ ގޮތުގައި ޔުޓިލިޓީ ޚިދުމަތްތަކާއި ޓެލެކޮމް ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ އޮފިޝަލުންވެސް ސައިޓުގައި ހަރަކާތްތެރިވަމުންދާ ކަމަށް އާރްޑީސީން މައުލޫމާތު ދެއެވެ.

މީގެއިތުރުން، ސްޓޯމް ވޯޓާ ނެޓްވޯކް އެޅުމާއި، ކޭބަލްޓްރޭ އަދި ކާބްސްޓޯން ޖެހުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

އާރްޑީސީން މައުލޫމާތު ދޭ ގޮތުގައި އަމީނީ މަގުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ތާރުއެޅުން ފިޔަވައި ކޮންމެ ސެގްމަންޓެއްގެ މަސައްކަތް ނިމުމުން އެސަރަޙައްދެއްގެ ވެލިގަނޑު ލެވެލްކޮށް އާންމުންނަށް ހުޅުވާލާ ގޮތަށެވެ. މަގުގައި ތާރުއަޅަން ފެށުމަށް އެ ކުންފުނިން ނިންމާފައިވަނީ އަމީނީ މަގު ރައްދެބައި ހިނގުމާ ހިސާބަށް މަސައްކަތް ނިންމުމަށް ފަހުއެވެ.

ދެވަނަ ސެގްމަންޓްގެ މަސައްކަތް ކުރުމަށް އަމީނީ މަގު މިހާރު ވަނީ ބޮޑު ތަކުރުފާނު މަގުން ފެށިގެން ކަލާފާނު ހިނގުމާ ހިސާބަށް ދުއްވާ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފައެވެ.

އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ސިޓީ ކައުންސިލާއެވެ. ނަމަވެސް ސިޓީ ކައުންސިލަށް އެ މަސައްކަތް ހަވާލުކުރި ވަރަށް ވުރެ ދެގުނަ އަގު ބޮޑުކޮށް ފަހުން އެ މަސައްކަތް ވަނީ 84 މިލިއަން ރުފިޔާއަށް އާރްޑީސީ އާ ހަވާލުކޮށްފައެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން، ދުވާރުގައި ލޯފަން މީހުންނަށް ޚާއްސަ ބްރެއިލް ބްލޮކްސް ޖެހުމާއި، ފުރޮޅުލީ ގޮނޑި ބޭނުން ކުރާ މީހުންނަށް އެކްސެސް ވެވޭނެހެން ހެދުމާއި، މަގުގެ ދެފަރާތުގައި މަގު ބައްތި ހަރުކުރުމާއި ބަންޕަރުތައް ހަދަން ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން، ބަސް ހުއްޓިއާއި ސައިން ބޯޑުތައް ހަރުކުރުމާއި، މަގު ފެހިކުރުމަށް ޓްރީ ޕޮޓް ބެހެއްޓުމާއި، ކޭބަލްތައް އެޅުމަށް ކޭބަލް ޓްރޭ މަގުގެ ދެފަރާތުގައި އެޅުމުގެ އިތުރުން އެޗްވީ ކޭބަލަށް ޚާއްސަ ޖަންކްޝަން ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އާރްޑީސީއާ މި މަސައްކަތް ހަވާކުރީ 10 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް