ނުރައްކާވާ މިންވަރަށް ކުޅުދުއްފުށީގެ ވައި ނުސާފުވެއްޖެ

އުތުރުގެ ރަށްތަކުގެ ވައި ނުސާފުކަން ދައްކައިދޭ ފޮޓޯއެއް

އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ވަޔާއެކު އަންނަ ހިރަފުހާއި ދުމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީއާއި އުތުރުގެ ރަށްތަކަށް ނުރައްކަވާ މިންވަރަށް ވައި ނުސާފުވެއްޖެއެވެ.

މިކަމާ ގުޅިގެން މޫސުމާބެހޭ ގައުމީ އިދާރާ "މެޓް" އޮފީހުގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ޑިސެންބަރު މަހުން ފެށިގެން މާޗްމަހާ ހަމައަށް "ހޭޒް"ގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގެ ވައި ނުސާފުވާކަމަށެވެ. އަދި ކުޅުދުއްފުށީގެ ވައި އެންމެ ނުސާފުކޮށް ހުރީ މިދިޔަ ހުކުރު ދުވަހު ކަމަށް މެޓް އޮފީހުން ބުންޏެވެ. އެދުވަހު ކުޅުދުއްފުށީގެ ވައި ހުރީ އާންމުންނަށް ނުރައްކާވާކާހާ ދަށްކޮށެވެ.

"އެދުވަހަށް ވުރެ މިވަގުތު ތަންކޮޅެއް ރަނގަޅުކަމަށް މި ދައްކަނީ. އެކަމަކު ވެސް ހަމަ އާންމުކޮށް ހުންނަ ވަރަށް ވުރެ ކުޅުދުއްފުށީގެ ވައި ނުސާފު،" މެޓް އޮފީހުން ބުންޏެވެ.

ކުޅުދުއްފުށީގެ ވައި ނުސާފުވުމާ ގުޅިގެން ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވަނީ، ވައި ނުސާފުވުމުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް ބޭރުގައި އުޅޭ ވަގުތު މަދުކުރުން މުހިންމުކަމަށެވެ.

މީގެ އިތުރުން، ބޭރުގައި އުޅޭ ވަގުތު މާސްކު ބޭނުންކުރުމާއި، ކޮޓަރި ތަކުގައި އެއާ ޕިއުރިފަޔާ ބޭނުންކުރުމުގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީގެ އިރުޝާދުތަކަށް ބޯލެނބުމަށް އޭނާ އިލްތިމާސްކޮށްފައިވެއެވެ.

މިދިޔަ ހަފުތާގައި "ހޭޒް"ގެ ސަބަބުން މާލެ ސަރަހައްދުގެ ވައި ވެސް ނުސާފުވެފައިވެއެވެ.

"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނީ ވައިގެ ކޮލެޓީ ދެނެގަންނަން މަޝްހޫރު އެޕެއް ކަމަށްވާ "އައިކިއުއެއާ"އިން ރާއްޖޭގައި ވެސް އޭރަކު ވައިގެ ތެރޭގައި ޕީއެމް 2.5 ހުރި މިންވަރު ބެލޭ ކަމަށެވެ. އެ އެޕްގައި ފާހަގަކޮށްފައި ހުންނަ ކުލަތަކުން ސެންސިޓިވް ގްރޫޕްގެ ތެރޭގައި ހިމެނޭ މީހުންނަށް ލިބޭނެ ގެއްލުން ގިންތިކޮށްފައި ހުރެއެވެ.

އެ އެޕްގައި ހިމެނޭ ކުލަތަކަކީ ފެހި ކުލަ، ރީނދޫ ކުލަ، އޮރެޖު ކުލަ، ރަތް ކުލަ، ދަނބުކުލައިގެ އިތުރުން އެއަށްވުރެ މަޑު ކުލައެކެވެ.'

ވައިގެ ކޮލެޓީ ދަންނަ އެޕްގައި އޭރަކު ވައިގެ ތެރޭގައި ޕީއެމް 2.5 ހުރި މިންވަރު ދެނެގަންނަން ގިންތި ކޮށްފައިވާ ކުލަތައް ---

އެގޮތުން ފެހި ކުލައިން ދައްކައިދެނީ ވައި ސާފުކަމެވެ. އަދި ރީނދޫ ކުލައިން ދައްކުވައިދެނީ ކޮންމެވެސް ވަރަކަށް ވައި ނުސާފު ކަމެވެ. އަދި އޮރެންޖު ކުލައިން ދައްކައިދެނީ ސެންސިޓިވް ގްރޫޕްސްތަކުގައި ހިމެނޭ މީހުންނަށް ނުރައްކާ ވާވަރަށް ވައިގެ ތެރޭގައި ޕީއެމް 2.5 ހުރި ކަމެވެ. އަދި ރަތް ކުލައިން ދައްކައިދެނީ ވައި ނުސާފުވެފައިވާ މިންވަރު ރަނގަޅު ނޫން ކަމެވެ.

މީގެ އިތުރުން އެ އެޕްގައި ހިމެނޭ ދަނބުކުލައިން އަންގައިދެނީ ވައި ނުސާފުވެފައިވާ މިންވަރު އެއްވެސް ވަރަކަށް ރަނގަޅު ނޫން ކަމަށެވެ. އަދި ދަނބު ކުލައަށް ވުރެ ތަންކޮޅެއް މަޑު ކުލައަކުން ދައްކުވައިދެނީ ވައި ނުސާފުވެފައިވާ މިންވަރުން އާއްމުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމެވެ.

comment ކޮމެންޓް