އޮރެންޖު އެތެރެކުރަން ފެށުމާއެކު އަގުތައް ދަށަށްދާން ފަށައިފި

ދަތުރުވެރިންގެ މާރުކޭޓު ގޮޅިއެެއް. މި މާރުކޭޓުގައި އޮރެންޖު ވިއްކަނީ 6 ރުފިޔާ އާއި 8 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގަ---

މާލޭ ބާޒާރުގައި އޮރެންޖުގެ އަގުތައް ރެކޯޑް އަދަދަކަށް އުފުލުމަށް ފަހު އެންމެ ފަހުން އަގުތައް ދަށަށް ދާން ފަށައިފިއެވެ.

ބާޒާރުގައި އޮރެންޖު ވިއްކާ ފިހާރަތަކަށް ބަލާއިރު، ރާއްޖެއިން ބޭރުން އޮރެންޖު އެތެރެކޮށް ވިއްކާ ކުންފުނިތަކުން ހިންގާ ފިހާރަތަކުން މިހާރު އޮރެންޖެއް ހަތަރު ރުފިޔާ އާއި ފަސް ރުފިޔާއަށް ލިބެން އެބަހުއްޓެވެ. މިގޮތުން އުފަންވެލި ޝޮޕް ފިހާރަތަކުން މިހާރު އޮރެންޖު ހަތަރު ރުފިޔާއަށް ލިބެއެވެ. މާލޭގެ ބާޒާރުގައި އޮރެންޖުގެ އަގުތައް ދަށްވާން ފަށާފައިވަނީ މިއަދެވެ.

އުފަންވެލި ޝޮޕުން މިހާރު އޮރެންޖެއް 4 ރުފިޔާއަށް ލިބެން އެބަހުރި--

ރާއްޖެއިން ބޭރުން އޮރެންޖު އެތެރެކޮށް ވިއްކާ ކުންފުނިތަކުން ހިންގާ ފިހާރަތަކުން އޮރެންޖުގެ އަގު ހެޔޮކުރި ނަމަވެސް ބޮޑެތި ސުޕަމާކެޓު ތަންތަނުގައި އޮރެންޖުގެ އަގުތައް އަދިވެސް ހުރީ 13 ރުފިޔާ އާއި ނުވަ ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ރާއްޖޭގެ އުފެއްދުންތައް ވިއްކާ ދަތުރުވެރިންގެ މާރުކޭޓުގައި މިހާރު އޮރެންޖުގެ އަގުތައް ހުރީ އަށް ރުފިޔާ އާއި ހަ ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ.

ހުޅުމާލެއަށް ބަލާއިރު، ތަރުކާރީ އާއި މޭވާ ވިއްކާ ބައެއް ފިހާރަތަކުން މިއަދު އޮރެންޖެއް ހަތަރު ރުފިޔާއަށް ލިބެން އެބަހުއްޓެވެ. ނަމަވެސް ހުޅުމާލޭގެ ބައެއް ފިހާރަތަކުން އަދިވެސް އޮރެންޖެއް ވިއްކަނީ ނުވަ ރުފިޔާ އާއި 13 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

އެސްޓީއޯ ސުޕަމާޓުގައި ހުރި ހަރެއް. އެތަނުން އޮރެންޖު ވިއްކަނީ 9 ރުފިޔާއަށް--- ފޮޓޯ/ސަން

މާލޭ ބާޒާރުގައި އޮރެންޖުގެ އަގު ދަށަށް ގޮސްފައިވާއިރު، ބައެއް ވިޔަފާރިވެރިން ވަނީ މިސްރުން އޮރެންޖު ގެނެސްފައެވެ. ވިޔަފާރިވެރިން ބުނާގޮތުގައި ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި ހުރިހާ ފިހާރައެއްގައި އޮރެންޖުގެ އަގު އިހު ހުރިވަރަށް ދަށަށް ދާނެއެވެ. ވިޔަފާރިވެރިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މާލޭ ބާޒާރުގެ ހުރިހާ ފިހާރައަކުންވެސް އޮރެންޖެއް ހަތަރު ރުފިޔާއަށް ނުވަތަ ފަސް ރުފިޔާއަށް ލިބެން ހުންނާނެއެވެ.

ހުޅުމާލޭ ފިހާރައެއް. ހުޅުމާލެއިން ވެސް މިހާރު އޮރެންޖެއް 4 ރުފިޔާއަށް ވިއްކާ-- ފޮޓޯ/ސަން

އޮރެންޖުގެ އަގު ހަތަރު ރުފިޔާއަށް ދަށަށްގޮސްފައިވާއިރު، ޑިސެމްބަރު މަސް ފެށުނުއިރު، އޮރެންޖުގެ އަގު ވަނީ 15 ރުފިޔާއަށް އުފުލިފައެވެ. ރާއްޖޭގެ ބާޒާރުގައި އޭރު އޮރެންޖު ލިބުން ދަތިވެފައިވަނީ އާންމުކޮށް އޮރެންޖު އެތެރެކުރާ ގައުމުތަކުން އެ ބާވަތް ލިބުން ދަތިވުމުންކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އޮރެންޖަކީ އާންމު ގޮތެއްގައި ދިވެހިން ފަނިގިރަން ބޭނުންކޮށް އުޅޭ މޭވާއެކެވެ. މީގެ އިތުރުން ހުންއައުން ކަހަލަ ބަލިތަކުން ފަސޭހަވުމަށް ދިވެހިން ވަރަށް ގިނައިން އޮރެންޖް ބޭނުންކޮށް އުޅެއެވެ.

comment ކޮމެންޓް